އަމިއްލަ ހިޔާލު: އޯ ލެވެލްގައި ގިނަ ކުދިން ފާސްނުވުން — ކިޔަވައިދޭ ގޮތް ބަދަލުކުރާކަށް ނުވޭތަ؟

29 މެއި 2023 - 13:24

ޖަންގަލީގައި ދިރިއުޅުނު ޖަނަވާރުތަކަކަށް ކިޔަވައިދިނުމަށް ސްކޫލެއް ހުޅުވުނެވެ. ސިންގާ އާއި އެތާއި މުސަޅާއި، ކަހަނބު، ހަރުފަ އަދި ގުރާ ވެސް ސްކޫލަށް ދިޔައެވެ. އަހަރު ތެރޭގައި ކިޔަވައިދިނުމަށް ފަހު ހުރިހާ ޖަނަވާރުތަކަށް ޓެސްޓެއް ދިނެވެ.  ޓެސްޓްގައި އޮތީ ދުވުމުގެ ރޭހަކާއި ގަހަށް އެރުމުގެ ރޭހަކާއި ފުމުމުގެ ރޭހަކާއި ފީނުމުގެ ރޭހެކެވެ. ހުރިހާ ރޭހެއްގައި ހުރިހާ ޖަނަވާރުން ވެސް ބައިވެރިވާންޖެހެއެވެ. އެހެން ނަމަވެސް އެތަކަށް ގަހަކަށް ނޭރުނެވެ. އުދުހުމުގެ ރޭހުން މުސަޅާއި ސިންގާ އަދި ކަހަނބާއި ހަރުފަ ވެސް ވީ ފެއިލްއެވެ. ފެތުމާއި ފުމުމާއި އުދުހުމުގެ ރޭހުގައި ވެސް އެކި ޖަނަވާރުތަކަށް ކުރެވުނީ އެކި ކަންކަމެވެ. 

ރާއްޖޭގެ ކިޔަވައިދިނުމުގެ ނިޒާމު ބައެއް ފަރާތްތަކުން ސިފަކުރަނީ މި ގޮތަށެވެ. ހުރިހާ ދަރިވަރުން ވެސް ވަކި މާއްދާތަކެއްގައި ބައިވެރިވާން މަޖުބޫރުވެއެވެ. އަދި ވަކި ކަންކަމުގައި ވަކި މާއްދާތަކަކުން ފާސްވެގެން ނޫނީ ކުރިއަށް ދެވޭނެ ގޮތެއް ވެސް ނޯވެއެވެ. ވަނަ ކަނޑައެޅުމުގައި ވެސް ގެންގުޅެނީ މި އުސޫލެވެ. ކިޔަވައިދިނުމުގައި ވެސް ގެންގުޅެނީ މި އުސޫލެވެ. ނަތީޖާއަކަށް ވަނީ ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދޭ އެއްޗެއް ފަހުމް ނުވެ ފެއިލްވުމެވެ. އެންމެ ފަހު އޯ ލެވެލް ނަތީޖާ އިން ވެސް ދައްކަނީ އެ މަންޒަރެވެ. 

advertisement

ސުކޫލުތަކުގައި ގެންގުޅޭ ވިސްނުމަކީ މޮޅުކުދިންނަށް އެކަނި އިސްކަންދިނުން

ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ އޯ ލެވްލް އިމްތާހާނުގައި ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ ނިސްބަތް ދެ ބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދެވެ. 5،900 އަށް ވުރެ ގިނަ ދަރިވަރުން ސާނަވީ އިމްތިހާނު ހެދި އިރު ފަސް މާއްދާ އިން ފާސްވީ 49 ޕަސެންޓް ދަރިވަރުންނެވެ. އޭގެ ތެރޭގައި އިސްލާމް އަދި ދިވެހި މާއްދާ ވެސް ހިމެނެއެވެ. ފަސް މާއްދާ ގުނުމުގައި ސަރުކާރުން ގެންގުޅޭ މިންގަނޑުގެ ތެރޭގައި އެ ދެ މާއްދާ ވެސް ހިމެނެއެވެ. 

އޯ ލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފާސްވި ދަރިވަރުންގެ އަދަދާއި ފެއިލްވި ދަރިވަރުންގެ އަދަދު މީގެ ކުރިން ހާމަކުރި ނަމަވެސް މި ފަހަރު އޯ ލެވެލް ޓޮޕް 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމް ދިނުމަށް ބޭއްވި ޖަލްސާގައި އެ އަދަދުތައް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް އިތުވާކަން ވަނީ ފާހަގަކޮށްފައެވެ.

ގަދަ 10ގައި ހިމެނޭ ދަރިވަރުން އިތުރުވާ އިރު ގިނަ މާއްދާތަކަކުން ފާސްނުވާ ދަރިވަރުންގެ އަދަދު އިތުރުވުމުން ދޭހަވަނީ ކޮން ކަމެއް ހެއްޔެވެ؟ މޮޅެތި ކުދިން މޮޅުވަނީބާ އެވެ؟ ނުވަތަ ސްކޫލްތަކުގައި ސަމާލުކަން ދެނީ ހަމައެކަނި މޮޅެތި ކުދިންނަށް ކިޔަވައިދިނުމަށް ހެއްޔެވެ؟ ކިޔެވުމުގައި ހީނަރު ނުވަތަ ކިޔަވައިދޭ ވަކި މާއްދާތަކަކަށް ޝައުގުވެރިކަން ނުހުންނަ ކުދިންނާ މެދު އެޑިއުކޭޝަން ސިސްޓަމްގެ ތެރޭގައި އަޅާލުން ކުޑަވަނީބާއެވެ؟ މިކަމާ ބެހޭ ގޮތުން ދިރާސާތައް ކުރެވިފައި ވޭބާއެވެ؟ 

ހާއްސަކޮށް މާދަރީ ބަހުން ކިޔަވާދޭ މާއްދާތަކުން ފާސްނުވާ އެތައް ދަރިވަރުންތަކެއް

ރާއްޖޭގެ އެޑިއުކޭޝަން ސިސްޓަމާ މެދު މީގެ ކުރިން ވެސް ވަރަށް ގިނަ ފަރާތްތަކުން ފާޑުކިޔާގައި ވެއެވެ. ބަދަލުތައް ގެންނަންޖެހޭ ކަމަށް ބުނެފައި ވެއެވެ. ހާއްސަކޮށް މާދަރީ ބަހުން ކިޔަވައިދޭ ދިވެހި އަދި އިސްލާމް މާއްދާ އިން ގިނަ ކުދިން ފެއިލްވާ މައްސަލަ ދިރާސާކުރަންޖެހޭ ކަމަށް އެކި ތަޖުރިބާކާރުން ބުނެފައި ވެއެވެ.

ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް ވެސް އެކަށީގެންވާ ދިރާސާތަކެއް ކުރެވި ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުވަތަ ބަދަލުތަކެއް ގެނެވިފައިވާތަނެއް ނުފެނެއެވެ. އަދި ނަތީޖާ ދަށް ކުދިންނަށް އިތުރަށް ކުރިއަށް ދިއުމަށް މާގިނަ ގޮތްތަކެއް ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި ފަހިވެފައި ނެތްކަން ބެލެނިވެރިން ވެސް ފާހަގަކުރެއެވެ.

ނަތީޖާ ދަށްކުދިންނަށް އަމާޒުކޮށްގެން މީގެ ކުރިން ތަފާތު ޕްރޮގްރާމްތައް ހިންގާފައި ވެއެވެ. ވޮކޭޝަނަލް ޓްރެއިނިންތައް ދިނުން ފަދަ ކަންކަން ކޮށްފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވި ހުރިހާ މާއްދާއެއް ކިޔަވަން ކުދިންނަށް މަޖުބޫރުވާ ގޮތަށް ތައުލީމީ ނިޒާމު ވަނީ ބައްޓަންވެފައެވެ.

އޭގެ ސަބަބުން ކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުކޮށް ޝައުގުވެރިވާ މާއްދާ އަށް އޮންނަ ލޯބި ވެސް ގެއްލި ކިޔެވުން މަތިން ފޫހިވުން ފަދަ ކަންކަން ދަނީ ހިނގަމުންނެވެ. ޖަންގަލީގެ ޖަނަވާރުތަކަށް ކިޔަވައިދޭ އުސޫލު ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ނައްތާލައި ކުދިންގެ ހުނަރާއި ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށް އުނގަންނައިދޭނެ ނިޒާމެއް ގެންނަންޖެހެއެވެ. އޯ ލެވެލްގެ ނަތީޖާ އިން ވެސް ދައްކައިދެނީ އެކަމެވެ.  

ރިއެކްޝަންސް
1
0
0
0
1
0
0