ރީ-ރެޖިސްޓްރޭޝަން ސުމަކުން ފެށުން: އިތުރު ތަކުލީފެއް!

5 ޖުލައި 2023 - 16:01

ކޮންމެ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހޭ ކަމަކަށް ވެފައި އޮންނަނީ ތިމާ ދިރިއުޅޭ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީކުރުމެވެ. ރީ-ރެޖިސްޓްރޭޝަން ޕްރޮސެސް އޮންނަ ގޮތުން މީގެ ކުރިން ވެސް ބޮޑެތި ހަމަނުޖެހުންތައް ހިނގާފައި ވެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަން މި މަހުގެ ތެރޭގައި ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކުރީ ފަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ ރީ-ރެޖިސްޓްރޭޝަން ޕްރޮސެސް ވެސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ސުމަކުން ފެށުމަށެވެ. މާނައަކީ މި ވަގުތު ވޯޓާސް ރެޖިސްޓްރީގައި އެ މީހެއްގެ ނަން އޮންނާނީ އުފަންވެފައިވާ ތަނެއްގައެވެ. އެހެންކަމުން އެތައް ހާސް ބަޔަކު އަލުން ރީ-ރެޖިސްޓްރީ ވާންޖެހޭނެއެވެ. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ވެސް ޖެހޭނީ ވޯޓުލާނެ ތަނެއް ކަނޑައެޅުމަށް އަލުން ރެޖިސްޓްރީ ވާންށެވެ. 

advertisement

އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި މިއީ ކޮންމެ ފަސް އަހަރަކުން އަމަލުކުރަމުން އަންނަ ގޮތެވެ. ރިޔާސީ އިންތިހާބު ފިޔަވައި އެހެން އިންތިހާބުތަކުގައި އަމަލުކުރަނީ އެންމެ ފަހުން ރެޖިސްޓަރވެފައިވާ ތަނެއްގައި އެ މީހަކަށް ވޯޓުލެވޭ ގޮތަށެވެ. މާނައަކީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓުލީ މަރުކަޒަށް އޭގެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވޯޓުލުމުގެ ފުރުސަތު ލިބުމެވެ. 

އެހެން ނަމަވެސް މި ވަގުތު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ފުރުސަތު ނުދިނުމަށެވެ. ވޯޓުލުމަށް އަލުން ރެޖިސްޓްރީކުރަންޖެހޭނެއެވެ.

އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި މިކަމާ ގުޅިގެން މަޝްވަރާތަކެއް

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މި ގޮތަށް ނިންމާފައިވީ ނަމަވެސް ބުދަ ދުވަހު ބޭއްވި އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި މިކަމާ ގުޅިގެން މަޝްވަރާތަކެއް ކޮށްފައި ވެއެވެ. މަޝްވަރާއަށް ހުޅުވައިލީ އިދިކޮޅު ޕީޕީއެމް އިން ހުށަހަޅައިގެންނެވެ. އެ ޕާޓީން ބުނެފައި ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާ ނަމަ، ރީ-ރެޖިސްޓްރީ ކުރާނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ. 

ސިޔާސީ ޕާޓީތަކާއި އިންތިހާބާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމާއަތްތައް ވެސް ހިމެނޭހެން އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމީޓީގެ ގިނަ މެންބަރުން ވިދާޅުވީ އުފަން ރަށުގައި ވޯޓުލާ ގޮތަށް ރެޖިސްޓްރީ އޮތުމުން ކުރަންޖެހޭ މަސައްކަތްތައް އިތުރުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ބައެއް ފަރާތްތަކަށް ވޯޓުލުމުގެ ހައްގު ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ. 

 ވޯޓާސް ލިސްޓް ސުމަކުން ފެށުމުގެ ބޭނުމަކީ ކޮބާ؟

ޓްރާންސްޕޭރަންސީ އޮފް ވޯލްޑިވްސް އިން ވަނީ ވޯޓާސް ލިސްޓް ސުމަކުން ފެށުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ. އަދި އެކަމުން ހާސިލްކުރަން ބޭނުން ވަނީ ކޮން ކަމެއްތޯ ސުވާލުކޮށްފައި ވެއެވެ. އިލެކްޝަންސް އިން ބުނީ އެއީ ކުރިން ފެށިގެން ވެސް އަމަލުކުރަމުން އަންނަ ގޮތް ކަމަށާއި ކޮންމެ ފަސް އަހަރަކުން ރިޔާސީ އިންތިހާބުގައި ގެންގުޅެނީ އެ އުސޫލް ކަމަށެވެ. 

އެގޮތަށް އަމަލުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ބޭރުގައި ތިބި އެތައް ބަޔަކު ކޯސް ނިންމާފައި އަލުން ރާއްޖެ ބަދަލުވެފައި ވުމާއި ކޮވިޑާ ގުޅިގެން ވެސް ދިރިއުޅޭ ތަން ބަދަލުވެފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން ހިޔާލު ފާޅުކުރި ބައެއް ޕާޓީތަކުން ބުނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާފައި ވަނީ ކޮވިޑްގެ ފަހުން ކަމަށްވާތީ ކޮވިޑާ ގުޅިގެން ދިރިއުޅޭ ތަން ބަދަލުވި މީހުން ވޯޓާސް ލިސްޓްގައި އަޕްޑޭޓްވެފައިވާނެ ކަމަށެވެ. އަދި އެ ގޮތަށް އަޕްޑޭޓްނުވާ ފަރާތެއް ނަމަ އަލުން ރީ-ރެޖިސްޓްރީކުރުމަށް 21 ދުވަސް ލިބިގެންދާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ. 

އެހެން ނަމަވެސް އުފަން ރަށް ދޫކޮށް އެތައް ހާސް ބަޔަކު މާލޭގައި ދިރިއުޅޭ ކަމަށާއި ރިސޯޓްތަކުގައި ވެސް އެތައް ބަޔަކު ތިބި އިރު އެ ހުރިހާ ފަރާތްތަކެއް އަލުން ރީ-ރެޖިސްޓްރީކުރުމަށް ވުރެ އެންމެ ފަހުން ބޭއްވި އިންތިހާބާ ހަމައިން ރީ-ރެޖިސްޓްރީގެ މަސައްކަތްކޮށްފި ނަމަ އިލެކްޝަންސް ކޮމިޝަނަށް ވެސް ފަސޭހަވެގެންދާނެ ކަމަށް ވާހަކަ ދެއްކެވި ބޭފުޅުން ފާހަގަކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް އެކަމަށް އެއްބަސްވެއެވެ. އެހެން ނަމަވެސް އެކަމަށް އިތުރު ބަދަލެއް ގެންނާނީ ކޮމިޝަނުގައި މަޝްވަރާކޮށްފައެވެ. 

ރީ-ރެޖިސްޓްރޭޝަން ޕްރޮސެސްގައި އިތުރު ކަންތައްތަކެއް

ރީ-ރެޖިސްޓްރޭޝަން ޕްރޮސެސްގައި އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު އިތުރު ކަންތައްތަކެއް ވެސް ހިމަނާފައި ވެއެވެ. އެ ގޮތުން އޮންލައިންކޮށް ރީ-ރެޖިސްޓްރީކުރެވޭ ގޮތް ވަނީ ހަދާފައެވެ. މިއީ ބައިއިލެކްޝަންސްތަކުގައި މިހާރު ވެސް ބޭނުންކުރަން ފަށައި ތަޖުރިބާކޮށްފައިވާ ޕޯޓަލްއެކެވެ. 

މި ޕޯޓަލްއާ މެދު ބައެއް ސިޔާސީ ޕާޓީތަކުން ސުވާލު އުފެއްދި ނަމަވެސް އިލެކްޝަންސް އިން ވަނީ އެއީ އިތުބާރު ބޮޑު ޕޯޓަލެއް ކަމަށް ބުނެފައެވެ. އެ ގޮތުން ފޯމް ފުރާ މީހާއަކީ ސައްހަ ފަރާތެއްކަން ކަށަވަރުކުރުމަށް ޒާތީ މައުލޫމާތާއި ވަގުތުން ނަގާ ފޮޓޯ އަޕްލޯޑްކުރެވޭ ގޮތް ހަދާފައިވާ ކަމަށް އިލެކްޝަންސް އިން ބުނެއެވެ. އިލެކްޝަންސްގެ އައިޓީ ޑިޕާޓްމަންޓުން ބުނީ ކުރިން ނަގާފައިވާ ފޮޓޯއެއް އަޕްލޯޑްނުކުރެވޭނެ ކަމަށާއި ފޮޓޯ އާއި މައުލޫމާތު ޑީޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި ހުރި މައުލޫމާތާއި ދިމާވޭތޯ އިލެކްޝަންސް އިން ކަށަވަރުކުރާނެ ކަމަށެވެ. 

ރީ-ރެޖިސްޓްރީކުރުމުގައި މި ވަގުތު އެންމެ ބޮޑަށް ފާހަގަކުރެވިފައިވާ އެއްކަމަކީ ގިނަ ފަރާތްތަކަށް އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުމެވެ. އަލުން ރެޖިސްޓްރީކުރަންޖެހެނީ ކޮންބައެއްކަން އެނގިފައި ނެތުމެވެ. މިއީ ވަރަށް ބޮޑު މައްސަލައަކަށް ވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އެތައް ބަޔަކަށް ވޯޓު ލުމުގެ ހައްގު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ. 

އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތަށް ސުމަކުން ފަށާ ނަމަ ޕާޓީތަކުން ކުރަންޖެހޭ މަސައްކަތް ބޮޑެވެ. އަދި ހާއްސަކޮށް އޮންލައިންކޮށް އެކަން ކުރުމަށް ފުރުސަތު ހުޅުވާލާފައިވާތީ އަރާނެ އޮޅުންތަކަށް ވެސް ސަމާލުވާންޖެހެއެވެ. ކުރީގެ އިންތިހާބުތަކެކޭ އެއްގޮތަށް ފަހު ވަގުތު ރީ-ރެޖިސްޓްރޭޝަނަށް ބާރު ބޮޑުވެ، ހަމަނުޖެހުމަކަށް ދިއުމަކީ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު ކުރުމަށް ލިބޭނެ ފުރުސަތެކެވެ. 

އެހެން ކަމުން ޕާޓީތަކާއި އަދި ގައުމީ ލަފާދޭ ކޮމިޓީގެ ގިނަ މެންބަރުން މަޝްވަރާ ދެއްވި ގޮތަށް އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި އެ މީހަކު ވޯޓު ލީ ތަނުގައި ވޯޓު ލެވޭ ގޮތަށް ވޯޓާސް ރެޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށް ގެންދިއުން މުހިންމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0