އަމިއްލަ ހިޔާލު: ދިވެހިން ބަލީކީ ނޫނެވެ! އާސަންދައިގެ ބާގަނޑުތައް ގިނައީއެވެ!

23 ޖުލައި 2023 - 15:43

ދައުލަތުގެ ބަޖެޓް ހަދާ އިރު ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ ހެލްތު އިންޝުއަރެންސް ހިމެނެއެވެ. މި އަހަރު ވެސް އާސަންދަ އަށް 1.045 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއެވެ. އެހެން ނަމަވެސް މިއީ ދުވަހަކު ވެސް ފުދޭ ބަޖެޓެއް ނޫނެވެ. 

ފާއިތުވި އަހަރުތަކަށް ބަލާއިރު އަހަރުގެ ވަކި ހިސާބަކުން އޮންނަނީ މި ބަޖެޓް ހުސްވެފައެވެ. އެހެން ނަމަވެސް ރައްޔިތުންގެ ސިއްހަތާ ގުޅޭ ކަމަކަށްވާތީ ބަޖެޓް ހުސްވިޔަސް އެހެން ގޮތެއް ހޯދައިގެން ވިޔަސް މި ކަމަށް ހޭދަކުރަންޖެހެއެވެ. އެހެން ނަމަވެސް ސުވާލަކީ ދިވެހިންނަކީ ހަމަ އެހާ ވެސް ބަލި ބަޔަކީ ހެއްޔެވެ؟

advertisement

މި އަހަރުގެ މެދަކާ ހަމައަށް ދިޔަ އިރު މިހާރު ވަނީ އާސަންދަ އަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކޮށްފައެވެ. ތަފާތު ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް 1.15 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އެހެންކަމުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް މި ފައިސާ ހޯދަންޖެހޭނީ ކޮންޓެންޖެންސީ ބަޖެޓްގެ ތެރެއިންނެވެ. 

މިއީ ފާއިތުވި ތިން އަހަރު ވެސް މިކަން އޮތް ގޮތެވެ. މިދިޔަ އަހަރު ވެސް 214 މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފައި ވެއެވެ. އަދި އޭގެ ކުރީ އަހަރު 850 މިލިއަނާ ގާތަށް އިތުރަށް ހަރަދު ކުރިއެވެ. މި އަހަރު ނިމޭ އިރު މިއަށް ވުރެ ވެސް ބަޖެޓް އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ. 

އާސަންދައިގެ ހަރަދުތަކުން ދައްކުވައިދޭ މަންޒަރަކީ ކޮބާ؟

އާސަންދައިގެ ހަރަދުތަކުން ދައްކުވައިދޭ މައިގަނޑު އެއް މަންޒަރަކީ ދިވެހިންގެ ސިއްހީ ހާލަތު ވަރަށް ދަށްކަމެވެ. އެތައް ހާސް ބަޔަކަށް ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވަމުންދާ ކަމެވެ. އެހެން ނަމަވެސް މިއީ ވެސް މުޅިން ސައްހަ މަންޒަރު ކަމަށް ގަބޫލުކުރަން ދައްޗެވެ. ހަތަރު ލައްކަ ހަމަނުވަ އާބާދީއަކަށް މިހާ ބޮޑު ހޭދައެއް ކުރަންޖެހުމަކީ ގަބޫލުކުރަން ދަތި ވާހަކައެކެވެ. 

ފަގީރެއް މުއްސަންޖެއް ތަފާތުކުރުމެއް ނެތި އެންމެންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް އޮތުމަކީ ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް ބަލިކަށި އިގްތިސާދެއް އޮތް މި ގައުމަށް ނުކަތާ މިންވަރަށް ދިވެހިން ބަލިވާ ކަމަށް ބަޖެޓުން ދައްކާ ނަމަ ދެ ވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ފެނެއެވެ. 

އާސަންދައިގެ ބަޖެޓް ބޮޑުވާ އަސްލު ސަބަބު މިއީ

އާސަންދައިގެ ބަޖެޓް ބޮޑުވުމުގައި ހަގީގީ މަންޒަރު އޮތީ ފޮރުވިފައެވެ. ހަގީގަތުގައި ދިވެހިން ބަލީކީ ނޫނެވެ. ނިޒާމުގެ ތެރެއިން ވައްކަންކުރެވޭނެ ނުވަތަ ކޮރަޕްޝަނަށް ހުރި މަގުތައް ގިނައީއެވެ. ރާއްޖޭގައި އޮތީ އާސަންދައިން ވައްކަންކުރެވޭނެ ނިޒާމެކެވެ. ކްލިނިކްތަކުން ހަދަނީ ހަދާނެ އެއްޗެކެވެ. 

ދާދި ފަހަކާ ޖެހެންދެން ކްލިނިކްތަކުން ގެންގުޅުނީ އާސަންދަ އަށް އަގު ބޮޑު ރޭޓެކެވެ. އެހެން ނަމަވެސް މިހާރު އެއް ސިސްޓަމެއްގެ ތެރެއިން އެކަން ކުރާތީ އެކަމަށް އޮތް މަގުތައް ވަނީ ހަނިވެފައެވެ. އެހެން ނަމަވެސް އަދިވެސް މުޅި މައްސަލައަށް ހައްލެއް ނާދައެވެ. މަކަރު ހެދޭނެ އެތައް ގޮތެއް އެބަ ހުއްޓެވެ. 

މީގެ އިތުރުން އާސަންދައިގެ ބޭނުން ނަހަމަ ގޮތުގައި ހިފާ އެތައް ބަޔަކު ވެސް އެބަ އުޅެއެވެ. ކިރިޔާ ބައްޔެއްވާ އިރަށް ޑޮކްޓަރަށް ދައްކައި ބޭސް ސިޓީއެއް ހޯދުމަކީ އެތައް ބަޔަކު ކުރާ ކަމެކެވެ. ހިލޭ ޑޮކްޓަރަށް ދެއްކި ބޭސް ލިބޭތީ އެއްވެސް މީހަކަށް އެއީ މާބޮޑު ކަމަކަށް ނުވެއެވެ. 

އަދި ބޭސް ނަގަނީ ކޮންމެހެން އެ ބޭސް ކެއުމަކަށް ނޫނެވެ. ހިލޭ ލިބޭތީ ނަގަނީއެވެ. އާސަންދައިގެ އިސްރާފް ބައި ބޮޑީއެވެ. 

މީގެ އިތުރުން އާސަންދަ ބޭނުންކޮށްގެން ސިޔާސީ މަގުސަދުތައް ވެސް ހާސިލްކުރާ މީހުން ވެސް އުޅެއެވެ. މިސާލަކަށް ރާއްޖެއިން ފަރުވާ ލިބެން ހުރި ނަމަވެސް ބޭރަށް ގޮސްލައި އޭގެ ތެރެއަށް ޗުއްޓީގެ ބައެއް ވެސް ލައިގެން އާސަންދަ މެދުވެރިކޮށް އެ ހަރަދު ހޯދާ މީހުން ވެސް އުޅެއެވެ. 

ހާއްސަކޮށް ސިޔާސީ ބޭފުޅުން މެދުވެރިކޮށް މިފަދަ ކަންކަން ކުރާކަން އެއީ އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރެކެވެ. 

އާސަންދައިގެ ބަޖެޓް ކުޑަކުރާނިީ ކިހިނެއް؟

އާސަންދައަކީ ދައުލަތުގެ ބަޖެޓަށް ކަތާ ވަރުގެ ހަރަދަކަށް ހެދުމުގެ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެއްޖެއެވެ. އިސްރާފްކުޑަކުރެވޭނެ ނިޒާމަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ވެސް ކުރެވެއެވެ. އެހެން ނަމަވެސް އަދި މިހާތަނަށް މާބޮޑު ހައްލެއް ލިބިފައެއް ނުވެއެވެ. 

އާސަންދައިގެ ބަޖެޓް އިންތިހާއަށް މައްޗަށް ދިޔަޔަސް ބޮޑެތި ބަލިތަކުގައި ސަލާންޖަހާ މީހުން ވެސް ވަކި މަދެއް ނޫނެވެ. އާސަންދައިގެ ހަގީގީ މަގުސަދަށް ވާންޖެހޭނީ އެފަދަ މީހުންނަށް ފަރުވާ ލިބޭނެ ނިޒާމެއް ގާއިމުކޮށްދިނުމެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް މިފަދަ ފަރާތަތަކަށް ލިބޭ އެހީ އޮންނަނީ ލިމިޓްވެފައެވެ. 

އާސަންދައިގެ ބަޖެޓް ކުޑަކުރެވޭނެ ގޮތެއް ހޯދަންޖެހެއެވެ. ބަޖެޓް ހަދާ އިރު ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ ލަފާތަކަށް ވިސްނަންޖެހެއެވެ. އެހެން ނަމަވެސް އެ ލަފާތަކަށް މިހާތަނަށް އަމަލުކުރެވިފައެއް ނުވެއެވެ. އާސަންދައިގެ ބަޖެޓްގެ ބޮޑު ބައެއް ބޭހަށް ހޭދަވާ އިރު އަސާސީ ބޭސް ވިއްކޭނެ އެންމެ މަތީ އަގެއް ކަނޑައެޅުމާއި އަސަންދައިގެ ތެރެއިން ލިބޭ ބޭހުގެ ލިސްޓް މުރާޖައާކުރުމަކީ މީގެ ކުރިން ވެސް ދީފައި ހުރި ލަފައެވެ. 

އެހެން ނަމަވެސް އެއްވެސް ސަރުކަރަކަށް މި ކަންކަމުގައި ފިޔަވަޅުތަކެއް އަޅާކަށް ނުކެރެއެވެ. ނުވަތަ ހައްލެއް ނުހޯދެއެވެ. އެހެން ނަމަވެސް ބަޖެޓް އަތް ނުފޯރާ ފަށަށް އަރައިގެންދާ އިރު ބަލަހައްޓައިގެން ތިބުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ދިވެހިން ބަލީކީ ނޫނެވެ. އާސަންދައިގެ ނިޒާމުގައި އިސްރާފުގެ ބާގަނޑުތައް ގިނައީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
1