އަމިއްލަ ހިޔާލު: މެމްބަރުންގެ އަދަދު ކޮންޓްރޯލްކުރާކަށް ނުވޭތަ؟

27 ޖުލައި 2023 - 13:52

ދުނިޔޭގެ އެންމެ އާބާދީ ބޮޑު އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ދެ ގެއަކަށް ބެހިގެންވާ އިރު ލޮކް ސަބާގައި ތިއްބަވަނީ 543 މެމްބަރުންނެވެ. ރާޖަ ސަބާ ނުވަތަ މަތި ގޭގައި ތިއްބަވަނީ 245 މެމްބަރުންނެވެ. އާބާދީގައި 1.4 ބިލިއަން މީހުންގެ ތެރެއިން އަވްރެޖްކޮށް ކޮންމެ މެންބަރަކަށް ޖެހެނީ 1.8 މިލިއަން މީހުންނެވެ. އާބާދީގައި 332 މިލިއަނަށް ވުރެ ގިނަ މީހުން ހިމެނޭ އަދި ޑިމޮކްރަސީގެ މިސާލެއްގެ ގޮތުގައި ބަލާ އެމެރިކާގެ ތިރި ގޭގައި ތިއްބަވަނީ 443 މެންބަރުންނެވެ. މަތިގޭގައި 100 އެވެ. 

ރާއްޖޭގެ ގާނޫނު އަސާސީގައި ބުނާ ގޮތުން އާބާދީގައި 5،000 މީހުން ނުވަތަ އެ އަށް ވުރެ މަދު ނަމަ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިއްބަވަންޖެހެއެވެ. އަދި އެއަށް ވުރެ އިތުވާ ކޮންމެ 5،000 މީހުންނާ އެކު މެންބަރަކު މަޖިލީހަށް އިތުވެއެވެ. މިހާރު އޮތް މަޖިލީހުގައި 87 މެންބަރުން ތިއްބަވާ އިރު މި އަދަދު ކޮންމެ ފަސް އަހަރަކުން ދާނީ އިތުރުވަމުންނެވެ. އަންނަ އަހަރު އެކުލަވައިލާ މަޖިލީހުގައި ދާއިރާތަކަށް 93 މެންބަރުން ހޮވަންޖެހޭނެއެވެ.

advertisement

ދައުލަތުގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ކޮންބަޔަކަށް؟

ދައުލަތުގެ ހަރަދުތަކުގެ ތެރެއިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަނީ މަޖިލީހުންގެ މެންބަރުންނަށެވެ. ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ބޭފުޅުންގެ މުސާރަ އައި އިނާޔަތްތައް ވެސް ނިންމަވަނީ އެ ބޭފުޅުންނެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ނަންގަވާފައި ދެން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވަނީ މަޖިލީހުގެ މެންބަރުންންށެވެ. މުސާރަ އާއި އެލަވަންސްތަކާ އެކު މިހާރު ވެސް ކޮންމެ މެންބަރަކު މަހަކު 80،000ރ. ގެއަށް ގެންދަވައެވެ. އެއީ 6.86 މިލިއަން ރުފިޔާއެވެ. އަހަރަކު 83.5 މިލިއަން ރުފިޔާއެވެ. 

އަލަށް އިތުރުވާ ހަ މެންބަރުންނާ އެކު މި އަދަދު މަހަކު 7.4 މިލިއަން އަދި އަހަރަކު 89.2 މިލިއަން ރުފިޔާ އަށް އަރާނެއެވެ. މިއީ ހަމައެކަނި މުސާރަ އާއި އެލަވަންސްތަކެވެ. އަދި ޖަލްސާތައް ކުރިއަށްދާ އިރު ކެއިންބުއިމަށާއި މެންބަރުންނައި އާއިލާގެ އިންޝުއަރެންސް އަށް ވެސް ބޮޑު ބަޖެޓެއް ހޭދަވެއެވެ. އިތުވާ ކޮންމެ މެންބަރަކާ އެކު މި ހަރަދުތައް ވެސް ދާނީ އިތުރުވަމުންނެވެ. 

މީގެ އިތުރުން މެންބަރުކަން ކުރުމުން އުމުރު ދުވަހަށް ލިބޭ ޕެންޝަނަކީ ވެސް މީގެ ތެރެއަށް އިތުރުވަމުންދާނެ ހަރަދެކެވެ. މީގެ އިތުރުން އިތުރުވާ ކޮންމެ މެންބަރަކާ އެކު މަޖިލީހުގެ ޖަލްސާކުރާ މާލަމާއި ކޮމިޓީތަކުގެ ޖާގަ ވެސް އިތުރުކުރަންޖެހެއެވެ. އެހެންކަމުން މިހާރު ވެސް ޖާގަ ދަތި މަޖިލީހުގެ ޖަލްސާކުރާ މާލަން ނޫން ގޮތެއް ހޯދަން ޖެހޭ ދުވަސް ދެން މާ ދުރެއް ނޫނެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމުން އޮތް ކަންބޮޑުވުންތައް

މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަ ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނަ އެވެ. އަދި ދައުރުން ދައުރަށް މެންބަރުންގެ އަދަދު އިތުރުވަމުން ދިއުމަކީ އޮތް ކަންބޮޑުވުމެވެ. އެއީ މެންބަރުންގެ ވެސް އޮތް ކަންބޮޑުވުމެއް ކަމަށް ދައްކަވަން އެ ބޭފުޅުން ވެސް މަސައްކަތް ކުރައްވައެވެ. އެކަން އެނގެނީ މެންބަރުންގެ އަދަދު އިތުރުނުވާ ގޮތަށް މިދިޔަ އަހަރުގެ ތެރޭގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މަޖިލީހަށް އިސްލާހެއް ހުށަހެޅުއްވުމުން މެންބަރުން ދެއްކެވި ވާހަކަތަކުންނެވެ. 

އެ ބިލަށް ވަރަށް ގިނަ މެންބަރުން ތާއިދުކުރެއްވިއެވެ. އެހެން ނަމަވެސް އިހްލާސްތެރިކަމެއް ނެތިއެވެ. އެހެން ބުނަންޖެހެނީ އެ އިސްލާހު ކޮމިޓީއާ ހަމައަށް ވެސް ފޮނުވާނުލައި މަޖިލީހުން ބޭރުކޮށްލުމެވެ. އެކަމުން އެނގެނީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލްކޮށްފި ނަމަ ނުވަތަ އިތުރު ބަދަލެއް ގެނައުމަށް މެންބަރުން ޖެހިލުންވާ ކަމެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަކީ މައްސަލައެއްތަ؟

މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުމުން އޮތް މައްސަލައަކީ ކޮބައި ހެއްޔެވެ؟ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައެޅުމުގެ ބަދަލުގައި މެންބަރުން ތަމްސީލްކުރާ ދާއިރާ ފުޅާކުރުން ރަނގަޅެވެ. 

މިސާލަކަށް ގާނޫނު އަސާސީގައި މިހާރު ބުނާ ކޮންމެ 5،000 މީހުންގެ އާބާދީއަކަށް ދެ މެންބަރުން ތިބުމުގެ ބަދަލުގައި އެއް މެންބަރަކު ކަނޑައެޅުމާއި އިތުރުވާ ކޮންމެ 5،000 މީހުންގެ ބަދަލުގައި އެ އަދަދު 10،000 މީހުންނަށް މެންބަރެއް ކަނޑައެޅިދާނެއެވެ. ގާސިމްގެ ބިލްގެ ބަހުސްގެ ތެރޭގައި ބައެއް މެންބަރުން އޭރު ހިޔާލު އެގޮތަށް ހިޔާލު ފާޅުކުރައްވާފައި ވެސް ވެއެވެ. 

މެންބަރުންގެ އަދަދު މަދުވެއްޖެ ނަމަ ދާއިރާތައް ތަމްސީލްނުކުރެވިދާނެތަ؟

މިކަމާ ދެކޮޅު ހައްދަވާ ބޭފުޅުންގެ ކަންބޮޑުވުމަކީ މެންބަރުންގެ އަދަދު މަދުވެއްޖެ ނަމަ އެކަށީގެންވާ ގޮތެއްގައި ދާއިރާތައް ތަމްސީލްނުކުރެވިދާނެތީއެވެ. އެހެން ނަމަވެސް މިހާރު ވެސް މަޖިލީހުގައި ދާއިރާތައް ތަމްސީލްކުރެވެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ދާއިރާތަކުގެ ވާހަކަ އާންމު ގޮތެއްގައި އިވެނީ އަހަރަކު އެއްފަހަރު ބަޖެޓް އެކުލަވާލުމަށް ކުރާ ބަހުސްގެ ތެރެއިންނެވެ. ދެން ވަޒީރުންނާ ކުރެވޭ ސުވާލުތަކުންނެވެ. އެހެން ނޫނީ އާންމު ގޮތެއްގައި މަޖިލީހުގެ މަސައްކަތް ބައްޓަންވެފައި ވަނީ ވަކިވަކި ދާއިރާތަކުގެ ބަދަލުގައި މުޅި އާބާދީގެ ލާބަޔާއި މަންފާ އަށް ހަދާ ގާނޫނުތައް އެކުލަވައިލުމުގައެވެ. 

އެހެންކަމުން މަޖިލީހުގެ މަސައްކަތްތަކާ ދާއިރާތައް ތަމްސީލުކުރާ މެންބަރުންގެ އަދަދާ މާބޮޑު ގުޅުމެއް އޮތްތަނެއް ނުފެނެއެވެ. މެންބަރުން ތަމްސީލްކުރާ އާބާދީ ބޮޑުވުމުން އެ މެންބަރެއްގެ މަސައްކަތް ވެސް އިތުރުވެގެންދާނެއެވެ. އެގޮތަށް ބަދަލުކުރެވިއްޖެ ނަމަ މިހާރު ދޭ ބޮޑު މުސާރައާ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް އޮތް ޝަކުވާ އަށް ވެސް ކޮންމެ ވެސް ވަރެއްގެ ހައްލެއް އަންނާނެއެވެ.

މަޖިލީހުގެ މެންބަރުންގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުންތައް

މީގެ އިތުރުން މެންބަރުން އިތުރުވާ އިރު މަޖިލީހުގެ މަސައްކަތްތަކާ މެދު އާންމު ރައްޔިތުންގެ ހިތުގައި އޮތް ހިތްހަމަނުޖެހުން ވެސް ވަކި ކުޑައެއް ނޫނެވެ. ބޮޑު މުސާރަ ނަގައިގެން ޖަލްސާތަކަށް ވަޑައިނުގަންނަވާ ކަމާއި މަޖިލީހުގެ ތަޅުމުގައި ދާއިރާތަކަށް ވުރެ މެންބަރު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ދިފާއުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ވާހަކައަކީ އާންމު ރައްޔިތުން ކޮންމެ ދުވަހަކު ދައްކާ ވާހަކައެވެ. އަދި މަޖިލީހުގެ ގިނަ މެންބަރުންތަކެއް އެކަށީގެންވާ ގޮތެއްގައި މަޖިލީހަށް ހާޒިރުވެ، މަސައްކަތް ނުކުރެއްވުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ. އެހެންކަމުން މެންބަރުން ދައުރުން ދައުރަށް މެންބަރުން އިތުރުވާ ގޮތަށް އޮތުމަކީ ޔަގީނުން ވެސް ގިނަ ބަޔަކު އެދޭނެ ކަމެއް ނޫނެވެ. 

ގާނޫނުއަސާސީގައި މަޖިލިސް އެކުލެވިގެންވާ ގޮތް ހިމެނީ ގިނަ ދިރާސާތަކެއް ކޮށްފައެވެ. އެހެން ނަމަވެސް މެންބަރުންގެ އަދަދު އިތުރުވާ ގޮތް އޮތީ އެންމެ ރަނގަޅަށް ކަމަށް ބުނެވޭކަށް ނެތެވެ. މިހާރު އޮތް ގޮތުން މެންބަރުން އިތުވަމުންދާ ނަމަ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި މަޖިލީހުގެ ހަރަދުތައް އިންތިހާ އަށް މައްޗަށް ދާނެއެވެ. އިތުރުވާ ކޮންމެ މެންބަރަކާ އެކު މުސާރަ އާއި އިނާޔަތްތަކާއި މެންބަރުން އަދި އާއިލާގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސްގެ ހަރަދުތައް ވެސް ދާނީ ބޮޑުވަމުންނެވެ. 

ޖާގައިގެ ދަތިކަން ކުރިމަތިވެ ޖަލްސާކުރާނެ އާ އިމާރާތެއް ނުވަތަ ހޯލު ބޮޑުކުރާނެ ގޮތެއް ހޯދަންޖެހޭނެއެވެ. މިފަހަރުގެ މަޖިލީހާ އެކު އަނެއްކާ ވެސް ޕެންޝަންގެ ގޮތުގައި މުސާރަ ދޭންޖެހޭ ކުރީގެ މެންބަރުންގެ އަދަދު ވެސް އިތުވާނެއެވެ. އަނެއްކޮޅުން ދައުލަތުގެ ވަޒީފާތަކުގެ މުސާރަތައް ބޮޑުކުރަމުން އަންނަ އިރު އެކަމުން މިސާލު ނަގައި ކުރިއަށް އޮތް ދައުރުގައި މަޖިލީހުގެ މުސާރަތައް ބޮޑުނުކޮށްފިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. 

އެއީ މެންބަރުންގެ އިހްތިޔާރަށް ދޫކޮށްލެވިފައި އޮތް ކަމެކެވެ. މަޖިލީހުގެ ހަރަދުތައް ދައުލަތަށް ނޫފުލޭ މިންވަރަށް ބޮޑުވުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި ހަމައެއްގައި ހިފެހެއްޓުމަށް ގޮތްތަކެއް ކަނޑައަޅަންޖެހެއެވެ. ނަމަވެސް ނިޒާމު އޮތް ގޮތުން އެކަން ވެސް ކުރަން ތިއްބެވީ ހަމަ އެ ބޭފުޅުންނެވެ.

ރިއެކްޝަންސް
0
0
0
1
0
0
0