ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިތުރު ތިން ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
15 ސެޕްޓެމްބަރ 2020 - 13:20
އަންނަ އަހަރު މީހުން އާބާދުކުރުމަށް ފެށުމަށް ތައްޔާރުވަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ތިން ސްކޫލެއް އެޅުމަށް ނިންމައި އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މި ސްކޫލްތަކުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖައްސާފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ޕްލޭނާ އެއްގޮތަށް ކޮންޓްރެކްޓަރ ފައިނޭންސްގެ އުސުލުން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުގެ މަތިން ކުރިއަށް ގެންދާ ބިޑިންގް ޕްރޮސެސްގައި ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ބީލަން ފޮތުގައި ކަނޑައެޅިފައިވާ ކަމަށް ފިނޭންސްގެ އިއުލާނުގައި ވެއެވެ. ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 850000ރ. (އައްލައްކަ ފަންސާސް ހާސް ރުފިޔާ) ނުވަތަ އެ އަދަދަށްވާ ޑޮލަރެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް ވެސް ފިނޭންސްގެ އިއުލާނުގައި ވެއެވެ.
ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1,500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭ އިރު ފައިސާ ބަލައިގަންނާނީ 15 ސެޕްޓެންބަރު 2020 އިން 19 އޮކްޓޫބަރު 2020އަށް، މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށް އިއުލާނުގައި ވެއެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހާ ލިޔެކިޔުންތައް 20 ސެޕްޓެންބަރު 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑޫ އެއް މަޝްރޫއަކީ ހިޔާ މަޝްރޫއުގެ ދަށުން އަޅާ ގާތގަނޑަކަށް 7000 ފްލެޓްގެ 16 ޓަވަރުގެ މަސައްކަތެވެ. މި ތަންތަނަށް ޝަރުތު ހަމަވާ މީހުން ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ތަންތަން ނިމެނޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ މެދު ތެރޭގައެވެ. މީގެ އިތުރުން ދައުލަތުގެ ހިއްސާވާ އަމިއްލަ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ވެސް ގިނަ އަދަދެއްގެ ފްލެޓްތަކުގެ މަސައްކަތް އަންނަނީ ހަލުވިކަމާ އެކު ކުރެވެމުންނެވެ.
މީހުން އާބާދުވާ އިރު އަސާސީ ކަންކަތައްތައް ފުރިހަމަކުރުމަށް ސަރުކާރާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ފެނާއި ކަރަންޓްގެ މަސައްކަތާއި މިސްކިތްތަކާއި ސްކޫލްތައް އަދި އެހެނިހެން ވިޔަފާރިއާ ގުޅޭ އެކި މަޝްރޫއުތައް ވެސް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން ދެ ވަނަ ފިޔަވައްސަށް ދިއުމަށް ހަދާފައިވާ ބްރިޖްތަކުގެ މަސައްކަތް ވެސް ނިމުމަކަށް އައިސްފައިވާ އިރު ބައެއް ބްރިޖްތައް ހުޅުވާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.