ރިޕޯޓް: އިންތިހާބު ކާމިޔާބު ކުރާނީ ކާކު؟
5 ސެޕްޓެމްބަރ 2023 - 14:26
ރާއްޖޭގެ އިންތިހާބުތަކުގައި ޒުވާނުންގެ ބައިވެރިވުން އަބަދު ވެސް ވަރަށް މުހިންމެވެ. ހާއްސަކޮށް ވޯޓުލެވޭ އުމުރު 21 އަހަރުން ފެށިގެން މައްޗަށް އޮތް އޮތުން ބަދަލުވެ، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ޒުވާނަކަށް ވެސް ވޯޓުލުމުގެ ހައްގު ލިބިދިނުމާ އެކު އިންތިހާބުތަކުގައި ޒުވާނުންގެ މުހިންމުކަން އައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޒުވާނުންނެވެ.
އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262،135 މީހުންނަށެވެ. އޭގެ ތެރެއިން 89.2 ޕަސެންޓް މީހުން ވޯޓުލާފައި ވެއެވެ. އެ އިންތިހާބު މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ 134705 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓު ލީ މީހުންގެ 58.4 ޕަސެންޓެވެ. އޭރު ވެރިކަމުގައި ހުންނެވި އަބަދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 41.6 ޕަސެންޓެވެ.
މިއީ މިހާތަނަށް ރިޔާސީ އިންތާހާބެއްގެ ނަތީޖާ މިހާ ތަފާތުބޮޑުކޮށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އެއްބުރުން ކާމިޔާބު ކުރެވެނު ފުރަތަމަ ރިޔާސީ އިންތިހާބެވެ.
ތަފާސް ހިސާބުތައް
މި އަހަރު ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 282،000 އަށް ވުރެ ގިނަ ވާނެ ކަމަށް އިލެކްޝަންސް އިން އަންދާޒާކޮށްފައި ވެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މީގެ ތެރެއިން 100،000 ވުރެ ގިނަ މީހުންނަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އުމުރުން 18 އަހަރު ފުރިގެން މުޅިން އަލަށް ވޯޓުލެވޭ ޒުވާނުންގެ އަދަދު ވެސް 21،000 އަށް އަރައެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ތަފާސް ހިސާބުތަކުގެ ތަޖުރިބާކާރުން ލަފާކޮށްފައި ވަނީ 250،000 ރައްޔިތުން ވޯޓް ލާނެކަމަށެވެ. އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެންމެ މަދުވެގެން 125,000 ވޯޓު ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ އިރު ޒުވާނުންގެ މުހިންމުކަން ކޮންމެ ކެންޑިޑޭޓަކަށް ވެސް ވަރަށް ބޮޑުވާނެއެވެ.
އެހެންކަމުން މިހާރު އިންތިހާބުގެ ކެމްޕެއިންގެ ތައްޔާރީތައް ވަމުން އަންނަ އިރު އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އާބާދީގެ ތާއީދު ނުލިބޭ ސިޔާސަތުތަކެއް ނެތި, އިންތިހާބު ކާމިޔާބު ކުރުން މުސްތަހީލެވެ. 2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުން މިނެކިރާއިރު, އިދިކޮޅުން އިތުރަށް 30,000 ވޯޓް ހޯދަން ޖެހޭނެއެވެ. އަދި މިހާރުގެ ސަރުކާރަށް 2018 ވަނަ އަހަރު ލިބުނު މިންވަރާ ގާތަށް ވޯޓް ލިބިއްޖެނަމަ ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރެވޭނެއެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އަދަދު އުޅެނީ ގާތްގަޑަކަށް 100,000 މީހުންގެ ހިސާބުގައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ނިސްބަތުން ތިންބައިކުޅަ އެއްބައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވަކިގޮތަށް ވޯޓުލުމަށް އިންތިހާބަށް ދެހަފުތާވީއިރުވެސް ނުނިންމާ އަދަދު ލައްކަ އަކަށް ވުރެ މައްޗެވެ. ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް އިންތިހާބު ކާމިޔާބު ކުރުމަށް ޕާޓީތަކަށް ނިސްބަތްނުވާ މީހުންނާއި ޒުވާނުންގެ ރޯލު ވަރަށް މުހިންމުވާނެއެވެ.
އެމްވީޕްލަސް އޮޕީނިއަން ޕޯލްގެ ހިސާބުތައް
އެމްވީޕްލަސް އޮޕީނިއަން ޕޯލް މެދުވެރިކޮށް ނެގުނު ރިޔާސީ އިންތިހާުބުގެ ޕޯލްގައި 40,000 އަށް ވުރެ ގިނަ ފަރާތުން ވޯޓުލާފައިވާއިރު, އެއްބުރުން އިންތިހާބު ކާމިޔާބުކުރުމަކީ ނާދިރުކަމެއްގެ ގޮތުގައި ހިސާބުތަކުން ދައްކައެވެ. ނަމަވެސް އެމްޑީޕީ ކޯލިޝަނުން ވަނީ އިންތިހާބު މަދުވެގެން %56 ގެ ތަފާތަކުން ފުރަތަމަ ބުރުން ކާމިޔާބު ކުރާނެކަމަށެވެ. އަދި ޕީއެންސީ ޕީޕީއެމްއިން ބުނަމުން އަންނަނީ އެފަރާތުންވެސް އެއްބުރުން އިންތިހާބު ކާމިޔާބުކުރުން ޔަގީންކަމަށެވެ. އަދި ދެވަނަ ބުރަކަށް ދާނެކަމަށް ދަ ޑިމޮކޮރެޓްސް އާއި ޖޭޕީގެ ކެންޑިޑޭޓުވެސް ވަނީ ޔަޤީންކަން ދީފައެވެ.
Vote now at: https://t.co/TuG8TOfPDj
Who do you plan to vote for in the coming elections? Here are the results so far.— MV+ (@mvplusmedia) September 5, 2023
އެމްވީޕްލަސް އޮޕީނިއަން ޕޯލްގެ ނަތީޖާއިން ދައްކަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދައި ދެވަނަ ބުރަކަށް ދާނީ އެމްޑީޕީ އަދި ޕީއެންސީގެ ކެންޑިޑޭޓުން ކަމަށެވެ. އަދި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބޭނީ ދަ ޑިމޮކޮރެޓްސްގެ ކެންޑިޑޭޓް ކަމަށެވެ. ކުރިއާ ހިލާފަށް ޖޭޕީގެ ކެންޑިޑޭޓަށް ލިބޭ ވޯޓުގެ އަދަދު ދައްވެ 4 ވަނަ އަށް ދާނެކަމަށް އަންދާޒާކުރެވެއެވެ.
ހަމަމިއާއެކު ފާރިސް މައުމޫން އަދި އުމަރު ނަސީރު 5 ވަނަޔަށް ގާތުން ވާދަކުރާނެކެމަށް ބެލެވެއެވެ. އެއަށްފަހު އެމްއެންޕީގެ ކެންޑިޑޭޓް އަދި ފުލަށް ދާނެކަމަށް ބެލެވެނީ އަމިއްލަ ކެންޑިޑޭޓް ޒަމީލް އެވެ. އިންތިހާބުގެ ވޯޓުލާ ނިސްބަތް 85 ޕަސެންޓަށް ވުރެ ދައްވެއްޖެނަމަ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ރައީސް ސޯލިހަށެވެ. އަދި ދެވަނަ ބުރަކަށް ގޮސްފިނަމަ, އެފުރުސަތު ބޮޑީ ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓަކަށެވެ.
ނޯޓް: މިއީ އޮޕީނިއަން ޕޯލްއެއް ކަމުން, ނަތީޖާ މިއާ ހިލާފަށް ނުކުތުމަކީ ހަމަ އެކަށީގެންވާކަމެކެވެ.