ރާއްޖޭގެ ރައީސްކަން ކުރާކަށް ދެން ނޭދެން: ރައީސް ނަޝީދު

16 ސެޕްޓެމްބަރ 2020 - 16:33

މި ސަރުކާރުގެ ވަޒީރުންނާ މެދު ނުރުހުން ފާޅުކުރަނީ ވެރިކަމުގެ އިތުރު އުންމީދަކާ އެކު ނޫން ކަމަށާއި ރާއްޖޭގެ ރައީސްކަން ދެން އަލުން ކުރައްވަން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޚަބަރު ސިޓީގައި އެ މަނިކުފާނު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައި ވަނީ އެދިވަޑައިގަންނަވަނީ އެމްޑީޕީން ހެޔޮ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ވެރިކަން ކޮށްދިނުން ކަމަށެވެ.

advertisement

“އަޅުގަނޑު ކަށަވަރުކޮށްދެމެވެ. އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުންމީދަކާ އެކުއެއް ނޫނެވެ. އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަމެއް ކުރުމަކަށް ނުއެދެމުއެވެ،” ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

އެމަނިކުފާނު ފާހަގަކުރައްވާ ބައެއް ކަންކަމަކީ ސަރުކާރު ނިކަމެތިކުރުމަށް ފާހަގަކުރާ ކަންކަމުގެ ގޮތުގައި ބައެއް ބޭފުޅުން ދެކިވަޑައިގެންނެވި ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ވެސް ރައީސް ނަޝީދުގެ ލިޔުއްވުމުގައި ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުވެގެން ދިއުން ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވެސް ރައީސް ނަޝީދު ފާހަގަކުރައްވާފައި ވެއެވެ. އަދި ކުރިއަށް އޮތް 10 އަހަރު އެމްޑީޕީ އަށް ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް އެއީ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ލިބުމަށް އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ގުޅުން ހުރި ވާހަކައެއް ނޫން ކަމަށާއި އެމަނިކުފާނު ބޮޑުވަޒީރުކަން ބޭނުންފުޅުވާ ނަމަ އެވާހަކަ ފަހުން ދައްނަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވަކާލާތު ކުރާ ދެކަމެއް އޮންނަ ކަމަށާއި އެއީ އަނިޔާ އާއި ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރަށް ފުރިހަމަ އަށް ތާއީދުކުރައްވާ ކަމަށާއި މި ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ރައީސްގެ ވަޒީރަކާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރައީސް އަށް ވެސް އެކަން އެނގިވަޑައިގަނަވާނެއެވެ،” ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

ރައީސްކަން ކުރެއްވުމުގެ ޝައުގުވެރިކަން ނެތްކަން ނަޝީދު ހާމަކުރައްވާފައި މި ވަނީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުންގެ މެންބަރު ފައްޔާޒު އިސްމާއީލް މަގާމުން ދުރުކުރުމަށް ނަޝީދު ފައްޓަވާފައިވާ މަސައްކަތާ ގުޅިގެން ޕާޓީ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދިފައި ވަނިކޮށެވެ. އަދި އެމަނިކުފާނު މަސައްކަތްކުރައްވަނީ ވެރިކަމަށް ވަޑައިގަތުމަށް ތުހުމަތުކުރެވޭ ދަނޑިވަޅެއްގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0