ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދޭ 250 މިލިއަން ޑޮލަރު އެޕްރޫވްކޮށްފި
18 ސެޕްޓެމްބަރ 2020 - 21:42
ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދޭ 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ)ގެ ލޯނު އެހީ އެ ގައުުގެ ސަރުކާރުން އެޕްރޫވްކޮށްފިއެވެ.
އިންޑިއާ އިން މި ލޯނު އެހީ ދިނުމަށް ހަމަޖައްސާފައި ވަނީ ސްޓޭޓް އޮފް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށެވެ. ނިއު ދިއްލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިކަމަށްޓަކައި ބޭނުންވާ ސޮވެރެން ގެރެންޓީގެ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި އެސްބީއައިއާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
ރާއްޖޭގެ ތަރައްގީގައި ބޮޑު ހިއްސާއެއްވާ އިންޑިއާ އިން ދޭ 250 މިިއަން ޑޮލަރު ދިވެހި ސަރުކާރުން އަނބުރާ ދައްކަންޖެހޭނީ 10 އަހަރު ދުވަހުގެ ތެރޭގައެވެ.
ކޮވިޑާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑު އަރައިގަތުމަށް ބަޖެޓަށް އެހީވުމުގެ އިތުރުން އިންޑިއާ އިން މީގެ ކުރިން ވަނީ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ހަމަޖައްސައިދީފައެވެ. މިއީ ރާއްޖެއިން މަޝްރޫއުތައް އެކުލަވައިލައި، ހުށަހެޅުމުން އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހަމަޖައްސައިދޭ ލޯނެވެ. މިއީ ފަސް އަަހރުގެ ގްރޭސް ޕީރިއަޑަކާ އެކު 15 އަަހަރުގެ ތެރޭގައި ދައްކާ ގޮތަށް ދޫކުރާ ކްރެޑިޓް ފެސިލިޓީއެކެވެ.
އިންޑިއާ އިން މި ވަގުތު ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ތިލަފުއްޓާއި ގުޅިފަޅު އަދި ވިލިމާލެ އާއި މާލެ ގުޅައިލުމުގެ މަޝްރޫއެވެ. މިއީ ބިންހިއްކައި އަދި ވިލިމާލެ އާއި މާލެއާ ދެމެދު ބްރިޖަކުން ގުޅައިލުން ހިމެނޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގެ ތަރައްގީ އަށް ބޭނުންވާ މަޝްރޫއުތައް އިންޑިއާ ސަރުކާރުގެ އެހީގައި އަންނަނީ ކުރަމުންނެވެ.