އަމިއްލަ ހިޔާލު: ރީރެޖިސްޓްރޭޝަން އިތުރުވުން — މައްސަލައެއްތަ؟
18 ސެޕްޓެމްބަރ 2023 - 14:44
ރިޔާސީ އިންތިހާބުތަކުގައި ރީރެޖިސްޓްރޭޝަންގެ ކަންކަމަކީ ސިޔާސީ ޕާޓީތަކުން އަބަދުވެސް ވަރަށް އިސްކަމެއް ދޭ ކަންކަމެވެ. އެކަމަށްޓަކައި ޖަގަހަތަކާއި މާލެ އާއި ރަށްރަށުގެ އެކި ތަންތަނުގައި ޓެންޓް ޖަހައިގެން ވެސް ސިޔާސީ ޕާޓީތަކުން އެކަން ކުރިއެވެ. އެންމެ ފަހުވަގުތާ ޖެހެންދެން އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ބޮޑެތި ފޯމް ބޮނޑިތައް ހިފައިގެން ޕާޓީތަކުގެ މީހުން އުޅޭތަން ފެނިފައި ވެއެވެ. ރަޖިސްޓްރޭޝަން މަރުކަޒުތަކުގައި ދިގު ކިޔުތައް ހަދާލާފައި އޮވެއެވެ. އެހެން ނަމަވެސް މި ފަހަރު މަންޒަރު ތަފާތެވެ.
ރީރެޖިސްޓްރޭޝަނަށް ބާރު ބޮޑުނުވި ސަބަބުތައް
މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީރެޖިސްޓްރީގެ ކަންކަން އެހާ ފޯރީގައި ކުރިއަކަށް ނުދެއެވެ. މައިގަނޑު ސަބަބަކަށް ވެފައި އޮތީ ރިޔާސީ އިންތިހާބެއްގައި މުޅިން އަލަށް ރީރެޖިސްޓްރީކުރުން އޮންލައިންކޮށް ހުޅުވާލާފައި އޮތުމެވެ. މީގެ އިތުރުން އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު ރަޖިސްޓްރީ ސުމަކުން ނުފެށުމަކީ ވެސް ރީރެޖިސްޓްރޭޝަނަށް ބާރު ބޮޑުނުވި ސަބަބެކެވެ. އެހެން ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް ފުރަތަމަ ނެރެނީ އެ މީހަކު އުފަންވެފައިވާ ނުވަތަ ނިސްބަތްވާ ތަނެއްގައި ރެޖިސްޓްރީކޮށްގެންނެވެ.
އެހެންކަމުން މާލެ އާއި ރިސޯޓްތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ޖެހެނީ އަލުން ރީރެޖިސްޓްރީކުރަންށެވެ. އެހެން ނަމަވެސް ގައުމީ ލަފާ ދޭ ކޮމިޓީގެ ހިޔާލާއި މަޝްވަރާއާ އެކު އިލެކްޝަންސް ކޮމިޝަނުން މި ފަހަރު ނިންމީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ މީހަކު ރެޖިސްޓްރީވެފައިވާ ތަނަކީ މިހާރު ދިރިއުޅޭ ތަނުގެ ގޮތުގައި ބަލައިގެން ވޯޓާސް ލިސްޓް ނެރުމަށެވެ. އަދި ބަދަލެއް އައިސްފައިވާ ނަމަ ރީރެޖިސްޓްރީކުރުމަށް ފުރުސަތު ދިނުމަށެވެ.
އެހެން މި ސަބަބުތަކާ ހުރެ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕާޓީތަކުން ރީރެޖިސްޓްރޭޝަނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަތީޖާއަކަށްވީ ޕާޓީތަކުން ހުށަހެޅި ފޯމްތައް މަދުވުމެވެ. ގިނަ ބަޔަކު އިސްކަންދިނީ ވެސް އޮންލައިންކޮށް އަމިއްލައަށް އެކަން ކުރުމަށެވެ. ޕާޓީތަކުން ވެސް ބާރު އެޅީ އެ ގޮތަށެވެ. ފުރަތަމަ ބުރުގައި ރީރެޖިސްޓްރޭޝަނަށް ހުށަހެޅީ 42،000 މީހުންނެވެ. އިންތިހާބުގެ ނަތީޖާތަކުން ހާމަވީ ގިނަ ބަޔަކު ވޯޓުލާން ނުނިކުންނަ ކަމެވެ.
އިންތިހާބެއްގެ ފުރަތަމަ ބުރުގައި މިހާ މަދުން ވޯޓު ލީ ފުރަތަމަ ފަހަރު
ފުރަތަމަ ބުރުގައި ވޯޓުލާން ނުކުތީ 79 ޕަސެންޓް މީހުންނެވެ. އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،000 އަށް ވުރެ ގިނަ މީހުންނަށް ލިބޭ އިރު ގާތްގަނޑަކަށް 60،000 މީހުން ވޯޓު ލާން ނުނިކުމެއެވެ. މިއީ އާ ގާނޫނު އަސާސީގެ ދަށުން އިންތިހާބުތައް ބާއްވަން ފެށި ފަހުން ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުގައި މިހާ މަދުން ވޯޓު ލީ ފުރަތަމަ ފަހަރެވެ.
ޕާޓީތަކުން ހާއްސަކޮށް ވެރިކަން ކުރާ އެމްޑީޕީން ދުށް ގޮތުގައި ވޯޓު ލާން މީހުން ނުނިކުތުމަކީ އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެ ވަނަ އަށް ވެއްޓުމުގެ އެއް ސަބަބެވެ. އެހެންކަމުން ދެ ވަނަ ބުރަށް ރީރެޖިސްޓްރީކުރުމަށް ލިބުނު ފުރުސަތުގައި އެކަމަށް އެ ޕާޓީ ވަރަށް ބޮޑު އިސްކަމެއް ދިނެވެ.
ނަތީޖާއަކަށްވީ އެ ޕާޓީން ވަކިވަކިން މީހުންނަށް ގުޅައި ރީރެޖިސްޓްރީކުރުމަށް ބާރު އެޅުމެވެ. ހާއްސަކޮށް ފުރަތަމަ ބުރުގައި ވޯޓު ނުލާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީގެން އެކަން ކުރުމެވެ. އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ވެސް އެކަން އެ ގޮތަށް ކުރި ކަމަށް އެނގިފައި ވެއެވެ. އެ ޓީމުން ވެސް ގިނަ ފޯމްތަކެއް ހުށަހެޅިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ދެ ވަނަ ބުރަށް ރީރެޖިސްޓްރީކުރުމަށް 47،000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށެވެ. ދެ ވަނަ ބުރުގައި ރީރެޖިސްޓްރީކުރުމަށް ހުށަހެޅި އަދަދު ގިނަވުމާ އެކު އިދިކޮޅު ކެންޑިޑޭޓްގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވޯޓު ގަޑުބަޑުކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
ގިނަ ބަޔަކަށް ނޭނގި ވޯޓުލާންޖެހޭ ތަން ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ. އިލެކްޝަންސްގެ ރީރެޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ ކަމަށް ވެސް ތުހުމަތުކުރެއެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ޕޯޓަލް ކޮމްޕްރޮމައިޒްނުވާ ކަމަށާއި އެކަމުގައި ގޯސްތަކެއް ނޫޅޭނެކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދީފައި ވެއެވެ. އަދި ރީރެޖިސްޓްރީކުރުމުގައި ވެރިފައިކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
ރީރެޖިސްޓްރީވި މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުތައް
ފުރަތަމަ ބުރަށް ވުރެ ދެ ވަނަ ބުރުގައި ރީރެޖިސްޓްރީވި މީހުންގެ އަދަދު އިތުރުވުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއްކަމަކީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ބަޔަކު ވޯޓު ނުލައި ތިބުމެވެ. އަދި މީގެ ތެރޭގައި ރީރެޖިސްޓްރީނުވާ އެތައް ބަޔަކު ވެސް ހިމެނެއެވެ.
އަނެއް ކަމަކީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ވޯޓުގެ ދެ ވަނަ ބުރު އޮތް އިރު އެ ހަފުތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަސް ބަންދުވުމުން ހުކުރާއި ހޮނިހިރު އަދި ވޯޓުގެ ކަންކަމަށް އާދީއްތަ ދުވަސް ވެސް ބަންދުވާނެތީ ޖުމްލަ ފަސް ދުވަހުގެ ބޮޑު ބަންދެން ލިބުމެވެ.
އަދި ފުރަތަމަ ބުރުގައި ވޯޓުގެ ފަހުން ދެ ދުވަސް ބަންދުކޮށްފައި ވާތީ އަންނަ މަހުގެ 2 ވާ ހޯމަ ދުވަސް ވެސް ބަންދުވާނެ ކަމަށް ބެލެވޭއިރު ޖުމްލަ ހަ ދުވަހުގެ ބަންދެއް ލިބޭތީ ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަން ބޭނުންވުމަކީ ވެސް ސަބަބެކެވެ. ހާއްސަކޮށް ވޯޓުގެ ދުވަސްވަރުކަމުން ކެމްޕެއިން ޓީމުތަކުން ހިލޭ ދަތުރުތައް ދޭތީ އޭގެ ބޭނުން ހިފައި ދަތުރުކުރާނެ އެތައް އާއިލާއެއް ވެސް އުޅޭނެއެވެ. މިއީ ވެސް ރީރެޖިސްޓްރީވުމަށް ގިނަ ބަޔަކު ހުށަހެޅި ސަބަބެއް ކަމަށް ބެލެވެއެވެ.
ވެރިކަންކުރާ އެމްޑީޕީން ދެކޭ ގޮތުގައި ގިނަ ބަޔަކު ރީރެޖިސްޓްރީކުރުމަށް ހުށަހެޅުމަކީ ގިނަ ބަޔަކު ވޯޓު ލާން ނުކުންނާނެ ކަމުގެ ހެއްކެކެވެ. އެހެންކަމުން ދެ ވަނަ ބުރުގައި އެ ޕާޓީން އެންމެ އިސްކަން ދޭ އެއްކަމެއްގެ ގޮތުގައި ވީހާ ވެސް ގިނަ ބަޔަކު ވޯޓު ލާން ނެރުން ހިމެނެއެވެ. އަނެއްކޮޅުން ޕީޕީއެމް އަދި ޕީއެންސީ އަށް އެންމެ ފައިދާ ބޮޑު ގޮތަކީ ފުރަތަމަ ބުރުގައި އޮތް ނަތީޖާ އޮތުމެވެ. ޑރ. މުއިއްޒު އަށް ފުރަތަމަ ބުރުގައި 101،000 އަށް ވުރެ ގިނަ ވޯޓު ލިބުނެވެ. ރައީސް ސޯލިހަށް ލިބިފައި ވަނީ 86،000 އަށް ވުރެ ގިނަ ވޯޓެވެ.
ފުރަތަމަ ބުރުގައި ކެންޑިޑޭޓުންނަށް ލިބުނު ވޯޓަކީ ދެ ވަނަ ބުރަށް އަންނަ އިރު މާބޮޑު ބޭނުމެއް އޮތް އެއްޗެއް ނޫނެވެ. އެންމެ ކުރި ހޯއްދެވި ދެ ކެންޑިޑޭޓުންގެ ވޯޓު ވެސް ދެ ވަނަ ބުރުގައި ގުނަން ފަށާނީ ހަމަ ސުމަކުންނެވެ. ވޯޓު ލާ މީހުންގެ އަދަދު އިތުރުވުން ވެސް އެކަށީގެން ވެއެވެ. ރީރެޖިސްޓްރީކުރުމަށް ގިނަ ބަޔަކު ހުށަހެޅުމަކީ އޭގެ އެއް އިޝާރާތެވެ.
ރީ-ރެޖިސްޓްރޭޝަނުގައި މައްސަލަތަކެއް އުޅޭ ނަމަ އެކަން ރަނގަޅުކުރުމަށް ވެސް އީސީން ފުރުސަތު ދެއެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ ޝަކުވާ ހުށަހެޅުމުގެ މަރުހަލާ ނިމުމުން، ދެވަނަ ބުރުގައި ވޯޓު ލާން ރީރެޖިސްޓްރީކުރާ މީހުންގެ ލިސްޓު، ގެޒެޓާއި އީސީގެ ވެބްސައިޓުގައި ޝާއިއުކޮށް، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާ ވެސް ހިއްސާކުރާނެ ކަމަށެވެ.