މަސްވެރިން ކިރާ މަހަށް މަސް ކުންފުނިތަކުން ދެވޭނެ އެންމެ ދަށް އަގަށް ސަރުކާރުން ބަދަލު ގެނެސްފި
21 ސެޕްޓެމްބަރ 2020 - 12:32
މަސްވެރިން ކިރާ މަހަށް މަސް
ކުންފުނިތަކުން ދެވޭނެ އެންމެ ދަށް އަގަށް ސަރުކާރުން ބަދަލު ގެންނަވައިފިއެވެ.
މިގޮތައް ނިންމަވާފައިވަނީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމުގެ
ބޭނުމުގައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން
ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރި އިޢުލާނުގައި ބުނީ ކަޅުބިލަމަހުގެ ދޮށީގެ
މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް
މުރާޖަޢާކޮށްފައިވާކަމަށެވެ.
ކަޅުބިލަމަސް އަދި ރީނދޫ އުރަހަ
ކަންނެލީގެ 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަހުގެ ކިލޯއެއް މިހާރު ގަންނަމުން
އަންނަނީ 7 ރުފިޔާއަށެވެ. ނަމަވެސް
ފިޝަރީޒް މިނިސްޓްރީން ގެނައި ބަދަލާއިއެކު މިތަކެތިތި ގަނެވެނެ އެންމެ ދަށް
އަގަކީ 13 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް
ކަޅުބިލަ މަސް އަދި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގުގެ ގޮތުގައި
ހަމަޖައްސާފައިވާ 3 ރުފިޔާ 60 ލާރި ވަނީ 5 ރުފިޔާ 15 ލާރިއަށް ބޮޑުކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ
މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ ކުންފުނިތަކުން އަދި އެމަސްވެރިކަމުގައި ބާނާ
މަސް ގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން 24
ސެޕްޓެމްބަރުން ފެށިގެން މަސް ގަންނަންޖެހޭނީ ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ
ގޮތުގެ މަތިންކަމަށެވެ.
މިސިޔާސަތަކީ ފުޅާ ދާއިރާއެއްގައި
އެކްސްޕޯޓްކުރުމަށް މަސް ގަންނަ ފަރާތްތަކަށް ހިންގާ ސިޔާސަތެކެވެ. އެހެންކަމުން
މަސް ކައްކާ ހިއްކާ ފަރާތްތަކާއި، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ
މަސް ގަންނަ އެހެނިހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަމަލުކުރާކަށް
ނުޖެހޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.