އާބާދީގެ ގިނަ ބަޔަކު ސިޔާސީ ޕާޓީތަކުގައި! ނަމަވެސް…!

26 ސެޕްޓެމްބަރ 2020 - 12:03

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބަލާއިރު ރާއްޖޭގައި 18 އަހަރުން މަތީގެ 264،442 މީހުން ތިއްބެވެ. ވޯޓުލުމުގެ އާބަދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. ރާއްޖެއަކީ ކުދި ޖަޒީރާތަކެއްގެ ގޮތުގައި އޮތް ނަމަވެސް އާބާދީގެ ނިސްބަތުން ސިޔާސީ ކަންކަމަށް އާންމުން ލޯހުޅުވިފައިވާ މިންވަރު މައްޗެއް ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ދިވެހިންނަކީ ޒަމާނީ ޓެކްނޮލޮޖީއާ ރައްޓެހި ބައެއް ކަމުން ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ވެސް ސިޔާސީ ހޭލުންތެރިކަން ބޮޑޭ ބުނެވިދާނެއެވެ. ނުވަތަ ގައުމުގައި ހިނގާ ކަންކަމުގެ މައުލޫމާތު ފޯރާ ހިސާބުގައި ތިބި މީހުން ކަމުގައި ބެލެވިދާނެއެވެ. ގިނަ މީހުންގެ އަތުގައި ސްމާޓްފޯން އޮވެއެވެ. ނުވަތަ ޓީވީ އާއި ރޭޑިއޯގެ ވަސީލަތުން ނަމަވެސް މައުލޫމާތު ލިބޭނެ ގޮތެއް ފަހިވެފައި ވެއެވެ. އެހެންކަމުން ސިޔާސީ ދާއިރާގައި ކަންކަން ހިނގާ ނުހިނގާ ގޮތް ކޮންމެ ރައްޔިތަކަށް ވެސް އެނގުމަށް ހުރަހެއް ނެތެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހިނގަން ފެށިތާ އަދި މާ ގިނަ އަހަރުތަކެއް ނުވެއެވެ. އެންމެ ފުރަތަމަ ޕާޓީއެއް ރަޖިސްޓްރީކުރެވުނީ ވެސް 2005 ވަނަ އަހަރުއެވެ. އަދި މަލްޓި ޕާޓީ ސިސްޓަމްގެ ތެރެއިން އިންތިހާބެއް ބޭއްވީ ވެސް އޭގެ ތިން އަހަރެއްހާ ދުވަސް ފަހުން 2008 ވަނަ އަހަރުއެވެ. އޭރު ވެސް ސިޔާސީ ފިކުރު އޮތީ ގާތްގަނޑަކަށް ދެ ބަޔަކަށް ބެހިފައެވެ.

advertisement

ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ވެސް މިއަށް މާބޮޑު ބަދަލެއް ނާދައެވެ. އެކި ނަންނަމުގައި ޕާޓީތައް އުފެދުނު ނަމަވެސް ފިކުރު ބިނާވެފައި އޮތީ ދެ ބަޔަކަށެވެ. އެންމެ ފުރަތަމަ އޮތީ އެމްޑީޕީއެވެ. ދެން އޮތީ ޑީއާރުޕީއެވެ. އެމްޑީޕީ އަދިވެސް އެ ގޮތުގައި އެބަ އޮތެވެ. ލީޑަރުން ވެސް އެ ގޮތުގައި އެބަތިއްބެވިއެވެ. އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ދިމަދިމާ އަށް ފިކުރު ބަދަލުކުރެއްވި ނަމަވެސް މައިގަނޑު އޮތީ އަދި ވެސް އެގޮތުގައެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އޮތް ޑީއާރުޕީ މިހާރު މިހާރު ވަނީ އެތައް ބަޔަކަށް ބެހިގެން ގޮސްފައެވެ. އޭރު އޮތް ޑީއާރުޕީ ބައިވެ އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ނުކުންނަވައި ޖުމްހޫރީ ޕާޓީ އުފެއްދެވިއެވެ. އިސްކޮށް ހުންނެވީ ރައީސް މައުމޫނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަދި ޑީއާރުޕީގެ ނައިބުކަން ވެސް ކުރެއްވި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމް އިބްރާހީމްއެވެ.

ޖޭޕީގެ އިތުރުން ޑީއާރުޕީގެ ތެރެއިން ދެން ކުރި ފެޅީ ޑީއާރުޕީގެ ނައިބުކަން ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ އެމްޑީއޭ އެވެ.

މައި ޕާޓީއެއްގެ ގޮތުގައި އޮތް ޑީއާރުޕީގެ ޒައީމްގެ ގޮތުގައި ހުންނެވި ރައީސް މައުމޫން އެ ޕާޓީ ދޫކުރައްވައި ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް މިދިޔަ ސަރުކާރުގެ ތެރޭގައި އޭރުގެ ރައީސަކަށް ހުންނެވި އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ވަނީ ޕާޓީ އަމިއްލަ ކުރައްވައި ރައީސް މައުމޫނު ބޭރުކޮށްލައްވާފައެވެ. ޕާޓީގެ މިލްކްވެރިކަމާ މެދު ކޯޓުތަކުގައި މައްސަލަތައް ހިނގަން ފެށުމުން ޕީޕީއެމް އަށް ވާނެ ގޮތް ނޭނގޭތީ އަނެއްކާ ވެސް އިތުރު ޕާޓީތަކެއް އުފަންވިއެވެ. ރައީސް މައުމޫނު ވެސް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ނަމުގައި އިތުރު ޕާޓީއެއް އުފެއްދެވިއެވެ. އަދި ބެކަޕް ޕްލޭނެއްގެ ގޮތުގައި ޕީޕީއެމްގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ލައްވާ ރައީސް ޔާމީން ވެސް އެއް ކުޑައެއްގެ ދަށުގައި ހިންގާ ގޮތަށް ޕީއެންސީގެ ނަމުގައި އިތުރު ޕާޓީއެއް އުފަންކުރުވިއެވެ.

މީގެ އިތުރުން ވެސް ކުދި ޕާޓީތައް އުފެދި އަދި ބައެއް ޕާޓީތައް ވުޖޫދުން ފުހެވިގެން ވެސް ހިނގައްޖެއެވެ. ނަމަވެސް ކުދި ޕާޓީތައް އެނބުރެމުން ދިޔައީ ނުވަތަ ދަނީ އެމްޑީޕީ އާއި ޑީއާރުޕީގެ ވަށައިގެންނެވެ. އެ ވިސްނުމާ ނުގުޅި ދީނީ ފިކުރުގެ މަތީގައި ދެމި އޮތީ އަދާލަތު ޕާޓީއެވެ. ނަމަވެސް މިހުރިހާ ޕާޓީތަކެއް ވެސް ދެ ފަޅިއަކަށް ނުވަތަ ތިން ފަޅިއަކަށް އޮތީ ބެހިފައެވެ. އެއްބަޔަކީ ސަރުކާރަށް ތާއީދުކުރާ ޕާޓީތަކެވެ. އެ ކޯލީޝަންގައިއ ހިމެނެނީ އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީ އާއި އެމްއާރުއެމްއެވެ. އަނެއް ޕާޓީތަކަކީ ސަރުކާރާ ދެކޮޅު ޕާޓީތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކުޑައެއްގެ ދަށުން ހިންގާ ޕީޕީއެމް އާއި ޕީއެންސީއެވެ. ދެން އޮތް ޕާޓީތައް މެދުގައި ތިބިކަމަށް ބުނި ނަމަވެސް ކޮންމެ ވެސް ގޮތަކުން ކޮންމެ ވެސް އެއް ފަޅިއަކަށް ތިބެނީ ފައިލައިގެންނެވެ. ނުވަތަ ދެކޮޅަށް ފައިލައިގެންނެވެ.

އެއްބަޔަކު ދެކޭ ގޮތުގައި މި ހުރިހާ ޕާޓީތަކެއްގެ ތެރޭގައި ވެސް އެނބުރެނީ އެއް ބައެކެވެ. އިސްކޮށް ތިބޭ މަދު ބަޔަކު ފިޔަވައި ދެން ތިބީ އެކި މޫސުމުގައި އެކި އަތަށް އެނބުރޭ މީހުންނެވެ. އެ ގޮތުން އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 10 ޕާޓީގައި 134،720 މީހުން އެބަތިއްބެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގައި 264،442 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ. އެހެންކަމުން އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުވާ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ނަމަވެސް އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީނުވާ 129،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. މިއީ ވޯޓުލުމުގެ އާބާދީގެ ނިސްބަތުން 49 ޕަސެންޓެވެ. މާނައަކީ ވޯޓުލުމުގެ އާބަދީގެ 51 ޕަސެންޓް މީހުން ޕާޓީތަކުގައި އެބަ ތިއްބެވެ.

ނިސްބަތުން ބަލާއިރު ޕާޓީތަކުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ގިނަ ނަމަވެސް މައިގަނޑު ގޮތެއްގައި މި މީހުން ބެހިފައި ވަނީ ދޭއް ނުވަތަ ތިން ބަޔަކަށެވެ. މީގެ ތެރެއިން 40 ޕަސެންޓް މީހުން ބެހެނީ ދެ ބަޔަކަށެވެ. އެއީ 53،590 މީހުން އެމްޑީޕީއަށެވެ. އަދި 52،952 މީހުން ޕީޕީއެމްއަށެވެ. އަނެއް 60 ޕަސެންޓް މީހުން ބެހެނީ 8 ބަޔަށެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ހައްގުވާ މިންވަރަށް ދެން މީހުން ތިބީ ޖުމްހޫރީ ޕާޓީގައި އެކަންޏެވެ. އެއީ 13،852 މީހުންނެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. ސަން ސިޔާމްގެ އެމްޑީއޭގައި ތިބީ 8،178 މީހުންނެވެ. މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީގައި ތިބީ 6،640 އެވެ.

ވޯޓުލާ މީހުންގެ ނިސްބަތަށް ބަލާއިރު އާންމުކޮށް އުޅެނީ 80 އާއި 90 ޕަސެންޓާ ދެމެދުގައެވެ. އެހެންކަމުން 264،442 މީހންގެ ތެރެއިން ގާތްގަނޑަކަށް 30،000 މީހުން އެއީ އެކި ސަބަބުތަކާ ހުރެ ވޯޓު ނުލާ މީހުންނެވެ. މީގެ ތެރޭގައި ޕާޓީތަކަށް ނިސްބަތްވާ މީހުންނާއި ޕާޓީތަކަށް ނިސްބަތް ނުވާ މީހުން ވެސް ހިމެނެއެވެ. މި ހިސާބުތަކަށް ބަލާއިރު ޕާޓީތަކުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އިތުރުވިޔަސް އިންތިހާބެއް ކާމިޔާބުކުރަން ޕާޓީތަކާ ދުރުގައި ތިބި 49 ޕަސެންޓް މީހުންގެ އަގުލަބިއްޔަތު ތާއީދު ކޮންމެ ބަޔަކަށް ވެސް ބޭނުން ވެއެވެ.

ވޯޓުލުމުގެ އާބަދީގެ ނިސްބަތުން ރާއްޖޭގައި ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައި ތިބި މީހުންގެ ނިސްބަތް 51 ޕަސެންޓަށް އެރި ނަމަވެސް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ނުވާ 129،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. މިއީ އިންތިހާބެއްގެ ނަތީޖާ ބަދަލުކޮށްލުމަށް ވަރަށް ބޮޑު އަދަދެކެވެ. ރާއްޖޭގެ 15 އަހަރުވީ ޕާޓީ ސިސްޓަމުގެ ތެރޭގައި ހިނގާ ޗަރުކޭހުގައި ބައިވެރިވާން މި ދެންނެވި 49 ޕަސެންޓް މީހުން ބޭނުން ނުވި ނަމަވެސް ސިޔާސީ ގޮތުން އެއީ ވެސް މުހިންމު ބައެކެވެ. މި ބައި މީހުންގެ ތާއީދު ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. މިއީ އަސާސްތަކެއްގެ މައްޗަށް ބުރަވެ ތިބޭ ބައެކެވެ. މި މީހުންގެ ހިތް ފަތަހަކުރަން އުސް އިމާރާތްތަކާއި ބޮޑެތި ބިޔަ ޕްރޮޖެކްޓްތަކުން އެކަނި ނުފުދެއެވެ. އޭގެ އެއް މިސާލަކީ 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބެވެ. މިއީ ހައްގުތަކާ މެދު ވިސްނާ އާބާދީއެކެވެ. މިއީ ކޮރަޕްޝަނާއި ގައުމުގައި ހިނގާ ނޭއްގާނީ ކަންކަމާ މެދު ވިސްނައި ސިޔާސަތުތަކުން ހައްލު ލިބޭނެ މަގު އެނގޭ ބައެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0