ރާއްޖެއިން ކޯވިޑް19 ޖެހުނު މީހުންގެ އަދަދު 10،000 އިން މައްޗަށް

26 ސެޕްޓެމްބަރ 2020 - 13:02

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10،000 ވުރެ އިތުރު ވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 އިން ހުކުރު ދުވަހުގެ އިރުއޮއްސި 6 އަކަށް ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 75 މީހުންނެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 22 ބިދޭސީންނެވެ. މި މީހުނާއެކު މިހާތަނަށް ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 10،014 އެވެ. މިހާތަނަށް ރާއްޖެއިން 146،417 ސާމްޕަލް ނަގާ ވަނީ ކޯވިޑް19 އަށް ޓެސްޓްކޮށްފައެވެ.

advertisement

އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ކޯވިޑް19 ޖެހުނު މީހުންގެ ތެރެއިން 66 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ނުވަ މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރައްޖެއިން މިބަލީގައި 76 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،673 އެވެ. މިވަގުތު ރާއްޖޭގައި ކިބަލީގައި ފަރުވާހޯދަމުންދާ 1،300 މީހުން އެބަތިއްބެވެ. ކޯވިޑް19 ގައި މިހާތަނަށް ރާއްޖެއިން 34 މީހަކު ވަނީ މަރުވެފަ އެވެ.

މީގެ 6 މަސްކުރިން ޕްރޮފެސަރ ހަސަން އުގައިލް ވަނީ ކޯވިޑް19 ގެ ރާއްޖޭގެ ހާލަތާއި ބެހޭގޮތުން ޓްވިޓެއް ކުރައްވާފައެވެ. އެ ޓްވިޓުގައި ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ އެންމެ ގޯސް ހާލަތުގައި ރާއްޖޭގައި 65 ޕަސަންޓު މީހުންނަށް ބަލި ޖެހި 10،000 މީހުން މަރުވެދާނެ ކަމަށެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުގެ ސަބަބުން ފަހުން އުގެއިލް ވަނީ އެކަމަށް މައާފަށް އެދިވަޑައިގަންނަވާފައެވެ.

ޕްރޮފެސަރ އުގައިލް އެއިރު ޓްވިޓް ކުރައްވާފައިވަނީ އަންދާޒާއެއްގެ މައްޗަށް ބިނާކޮށެވެ. ކޯވިޑް19 ގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ސިއްހީ ފަރާތްތަކުން ކުރިއާލާ މިކަމަށް ތައްޔާރުވެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0