ސަރުކާރުގެ މަގުބޫލުކަން ދެނެގަތުމުގެ ލައިވް ޕޯލްއެއް!

27 ސެޕްޓެމްބަރ 2020 - 11:00

ސަރުކާރަކާ މެދު އާންމުން ދެކޭ ގޮތް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަން ކުރުމަށް ޒަމާނީ ތަފާތު މެތަޑުތައް ބޭނުންކުރެވިދާނެއެވެ. ބޭރުގެ ގައުމުތަކުގައި ވެސް މިއީ ކުރަމުން އަންނަ ކަމެކެވެ. އިންތިހާބުތަކާ ދިމާކޮށް ހިޔާލު ހޯދުމަށް ނަގާ ވޯޓުތަކުގެ އިތުރުން ސަރުކާރާ މެދު އާންމުން ދެކޭ ގޮތް އަބަދު އެނގޭނެ ފަދަ ނިޒާމެއް ބައްޓަންވެފައި އޮތުމަކީ ސަރުކާރަށް ވެސް އަދި ސިޔާސީ ފަރާތްތަކަށް ވެސް އެ ފަރާއްތަކުގެ އަމަލުތައް ބައްޓަންކުރުމަށް އެހީއަކަށް ވެގެންދާނެއެވެ. އަދި ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ހިންގާ ކަންކަން މަދުކުރުމަށް ވެސް މިއީ ވެވޭ އެހީތެރިކަމަށް ވާނެއެވެ.

މޯލްޑިވްސް އޮޕީނިއަން ނެޓްވޯކަކީ މިގޮތަށް ރާއްޖޭގައި އެކި ކަންކަމާ މެދު އާންމުންގެ ހިޔާލު އަބަދު ވެސް ފެންނާނެހެން ގެނެސްދޭ ފުރަތަމަ ޕްލެޓްފޯމެވެ. މޯލްޑިވްސް އޮޕީނިއަން ނެޓްވޯކް ވުޖޫދުވެ މިހާތަނަށް ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން އާންމުން ދެކޭ ގޮތް ދެނެގަތުމަށް ތަފާތު ޕޯލްތައް ވަނީ ހުޅުވާލާފައެވެ. އެ ދުވަސްވަރެއްގެ އެންމެ މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން އަންނަނީ ހިޔާލު ހޯދަމުންނެވެ.

advertisement

ސޯޝަލް މީޑިއާގެ މި ޒަމާނުގައި އާންމުންގެ ހިޔާލު އެންމެ ފަސޭހައިން ހޯދޭނެ ގޮތަށް ބައްޓަންކޮށްގެން މޯލްޑިވްސް އޮޕީނިއަން ނެޓްވޯކް އިން މިހާރު ވަނީ އާ މަރުހަލާއަކަށް މިސްރާބު ޖަހާފައެވެ. ސަރުކާރާ މެދު އާންމު ރައްޔިތުން މީހާ ދެކޭ ގޮތް އަބަދު ވެސް އެނގޭނެހެން ލައިވް ޕޯލެއް މިހާރު ވަނީ ހުޅުވާލާފައެވެ.

https://opinion.mv/government-approval

މިއީ ކޮންމެ ފަސް މިނިޓަކުން އަޕްޑޭޓްވާ ގޮތަށް ލައިވްކޮށް ކުރިއަށް ގެންދާ ޕޯލްއެކެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކު ސަރުކާރާ މެދު ދެކޭ ގޮތް މި ޕޯލް މެދުވެރިކޮށް އެންގިދާނެއެވެ. ރަޖިސްޓްރީކޮށްގެން ބައިވެރިވެވޭ މި ޕޯލްގައި ކޮންމެ ޔޫސާއަކަށް ވެސް މަހަކު އެއް ފަހަރު ސަރުކާރާ މެދު ދެކޭ ގޮތް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ސެޕްޓެމްބަރުގެ މިހާތަނަށް ބަލާއިރު ސަރުކާރުގެ މަގުބޫލުކަން އުޅެނީ 53.4 ޕަސެންޓްގައެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހޭ ނިސްބަތް އުޅެނީ 35.76 ޕަސެންޓްގައެވެ. ތިން އޮޕްޝަނެއް ހިމެނޭ ޕޯލްގައި 10.84 ޕަސެންޓް މީހުން ދެކޭ ގޮތް ބުނެދޭން ނޭނގޭ ކަމަށް ބުނެފައި ވެއެވެ.

ކަންކަމާ މެދު އާންމުން ދެކޭ ގޮތް އެނގުމަކީ ސިޔާސަތު ބައްޓަންކުރާ ފަރާތްތަކަށް ވެސް މުހިންމު ކަމެކެވެ. ގިނބަ ބަޔަކު މި ކަމުގައި ބައިވެރިވެ، ކަންކަމާ މެދު ދެކޭ ގޮތް ބުނަން އެބަ ޖެހެއެވެ. ކަންކަން އިސްލާހުކުރުމަށް އާންމުންގެ ހިޔާލަކީ މުހިންމު އެއްޗެކެވެ. ބަދަލު ގެނައުމަށްޓަކައި ހިޔާލު ފާޅުކުރުން މުހިންމެވެ. ކަންކަން ބަދަލުކުރެވޭނީ ގިނަ ބައެއްގެ އަޑު އިއްވައިގެންނެވެ. މޯލްޑިވްސް އޮޕީނިއަން ނެޓްވޯކްގެ މައިގަނޑު މަގުސަދަކީ ވެސް ހެޔޮ ބަދަލެއް ގެނައުމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0