ރިޕޯޓް: “ޓީމްބާތިލް” މި ބުނެދެނީ ކޮން ވާހަކަތަކެއް؟
5 އޮކްޓޯބަރ 2023 - 15:14
ނިމިދިޔަ ރިޔާސީ އިންތިހާބަކީ އެތައް ގޮތަކުން ތަފާތު އިންތިހާބެކެވެ. ތާރީހީ ނަތީޖާތަކެއް ވެސް ފެނިގެން ހިނގައްޖެއެވެ. ހަމަ އެ ގޮތަށް ބާތިލް ވޯޓަކީ ވެސް މި ފަހަރުގެ އިންތިހާބުގައި ރެކޯޑެކެވެ. އާންމު ގޮތެއްގައި އެހެން އިންތިހާބުތަކާ އަޅާބަލާއިރު މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް ގިނަ އަދަދެއްގެ ވޯޓު ބާތިލްވިއެވެ. ނުވަތަ ގަސްތުގައި ބާތިލްކުރި ވޯޓު ގިނައެވެ.
In the history of Presidential Elections, this year’s Round 2 saw the highest tally of invalid votes, with 7,888 votes. pic.twitter.com/0T1zi3I3iC
— MV+ (@mvplusmedia) October 2, 2023
ފުރަތަމަ ބުރުގައި ބާތިލް ވޯޓު ގިނަވުމުގެ ސަބަަބުތައް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓުގެ ގޮތުގައި 4،835 ވޯޓު ގުނާފައި ވެއެވެ. އެއީ 2.14 ޕަސެންޓެވެ. ފުރަތަމަ ބުރުގައި ބާތިލް ވޯޓު ގިނަވުމުން ކަމާ ބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. ބާތިލް ވޯޓު ގިނަވުމުގައި އެ ފަހަރު ގިނަ ސަބަބުތަކެއް ފާހަގަކުރިއެވެ. އެއް ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރީ ޑަބަލްކޮށް ނުވަތަ ފާހަގަ މަތީގައި ފެވުމުގެ ސަބަބުން ގިނަ ވޯޓުތަކެއް ބާތިލްވުމެވެ.
އިލެކްޝަނުން ނިންމާފައި ވަނީ ފާހަގައިގެ އިތުރުން އެހެން އެއްވެސް ފާހަގައެއް ނުވަތަ ކުރެހުމެއް ހުރި ނަމަވެސް އެ ކަރުދާސްކޮޅެއް ބާތިލްކުރުމަށެވެ. ނަމަވެސް ވޯޓުލުމަށް ތައްޔާރުކުރި ބޫތުގައި ވޯޓު ކަރުދާސްކޮޅު ބޭއްވުމަށް އޮތް ފޯމް ބޯޑުގެ ސަބަބުން ގަލަމުގެ ދެލި ކެނޑޭތީ ޑަބަލްކޮށް ވޯޓު ލާންޖެހުމަކީ ވެސް ގިނަ ވޯޓުތަކެއް ބާތިލްވި ސަބަބެކެވެ.
ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ވޯޓު ބާތިލުވުމުން އިލެކްޝަންސް އިން ވަނީ އެ ކަމަށް އަމާޒުކޮށް ކަންތައްތަކެއް ބަދަލު ވެސް ކޮށްފައެވެ. އެ ގޮތުން ވޯޓު ބޫތަށް ބަދަލު ގެނެސް ފޯމްގަނޑުގެ ބަދަލުގައި ހަރު އެއްޗެއް ބޭނުންކޮށްފައި ވެއެވެ. ފާހަގަ ފެވުމަކީ ވޯޓު ބާތިލްވާ ސަބަބެއް ގޮތަށް ނުބެލުމަށް ގައުމީ ލަފާ ދޭ ކޮމިޓީގައި ވެސް މަޝްވަރާކުރެވުނެވެ. އެހެން ނަމަވެސް އެ ކަމަށް އިލެކްޝަންސްގެ މެންބަރުންނަށް އެއްބަހެއް ނުވެވުނެވެ.
އޭގެ ބަދަލުގައި ވޯޓު ބޫތަށް ބަދަލު ގެނައުމަށާއި މީހުން ހޭލުންތެރިކުރުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމީއެވެ.
ޓީމްބާތިލް ގެ ނަމުގައި ހަރަކާތްތަކެއް
ދެ ވަނަ ބުރަށް ތައްޔާރުވަމުން އައި އިރު ބާތިލް ވޯޓުގެ މައްސަލަ އޮތީ ބޮޑުވެފައެވެ. ބާތިލް ވޯޓަށް ހާއްސަ ހަރަކާތެއް ސޯޝަލް މީޑިއާގައި ވެސް ފެށުނެވެ.
މައިގަނޑު ގޮތެއްގައި ސަބަބެއް ކަމަށް އޮތީ ކަމުދާ ވެރިޔަކު ނެތްކަން ވެސް ބުނެވޭނެ މަގެއް ތަނަވަސްކުރުމެވެ. އިންތިހާބުގެ ކުރިން ވެސް ބައެއް ފަރާތްތަކުން މި ހިޔާލު ފާޅުކުރިއެވެ. ކަމުދާ އެއްވެސް މީހަކު ނެތް ނަމަ އެކަން ހާމަކުރެވޭނެ ގޮތެއް ވޯޓު ކަރުދާސްކޮޅުގައި ހިމެނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ގެންދިޔައެވެ.
“ޓީމްބާތިލް”ގެ ނަމުގައި ފެށި ހަރަކާތް ޕްރޮމޯޓްކުރުމަށް ސޯޝަލް މީޑިއާގައި ޕޭޖްތަކާއި ހޭޝްޓެގްތައް ހަދައި މަސައްކަތް ފެށިއެވެ. ނަތީޖާއަކަށްވީ ގިނަ ބަޔަކު އެ ޓީމާ ގުޅުމެވެ. އަދި ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހްމަދު ފާރިސް މައުމޫން ވެސް އެ ހަރަކާތަށް ހިތްވަރު ދޭ މޭރުމަކުން ވާހަކަ ދެއްކެވިއެވެ. އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލީ މީހުންގެ އަދަދު އިތުރުވުމާ އެކު ބާތިލް ވޯޓު ވެސް އިތުރުވެގެން ދިޔައެވެ. ދެ ވަނަ ބުރުގައި 7،888 ބާތިލް ވޯޓު ގުނާފައި ވެއެވެ. މިއީ ވޯޓު ލީ މީހުންގެ 3.1 ޕަސެންޓެވެ. އޭގެ ކުރިން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ބާތިލް ވޯޓުގެ ޖުމްލައަކީ 3،132 އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ބާތިލް ވޯޓު އިތުރުމާ ގުޅިގެން ހިއުމަންސް ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކޮމިޝަނުން ބުނީ ބާތިލް ވޯޓު ގިނަވި މައިގަނޑު ސަބަބަކީ ވެރިކަމުގެ ނިޒާމާ މެދު އޮތް އިތުރުބާރު ކުޑަވުން ކަމަށެވެ. އެ ގޮތުން ކޮންމެ މީހަކު އައްޔަންކުރި ނަމަވެސް ނިޒާމަށް ހެޔޮ ބަދަލެއް އަންނަ ކަމަށް ގަބޫލުނުކުރާ މީހުން ގިނަ ވުމަކީ ބާތިލް ވޯޓު ވެސް އިތުރުވި ސަބަބެއް ކަމަށް އެ ކޮމިޝަންގެ މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު ވިދާޅުވެފައި ވެއެވެ.
“ތިމަންނަ ބޭނުންވަނީ އެއްވެސް ކެންޑިޑޭޓަކު އިހްތިޔާރު ނުކުރާކަން ދެއްކުމަށްޓަކާ ސިސްޓަމަށް ވެސް އިތުބާރު ނެތްކަން ދެއްކުމަށްޓަކާ، ބާތިލް ވޯޓުގެ ބާތިލް ކުރާ ސަބަބާއި ޝުއޫރުތައް ވެސް ކަރުދާހުގައި ލިޔޭ އެބަ،” ޝިފާއަތު ވިދާޅުވެފައި ވެއެވެ.
ބާތިލް ވޯޓު މަދުކުރުމަށް ބަދަލުތަކެއް ގެންނަންޖެހޭ
އިލެކްޝަންސް ކޮމިޝަނުން ބުނީ ބާތިލް ވޯޓު މަދުކުރުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އޮންނަ މަޖިލިސް އިންތިހާބު އަންނަ އިރު އެ ކަންކަމަށް ހައްލެއް ކޮމިޝަނުން ހޯދާނެ ކަމަށެވެ. އަދި ވަރަށް ތަފާތު ސަބަބުތައް ފާހަގަކޮށް ވޯޓު ބާތިލްކޮށްފައިވާކަން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެފައި ވެއެވެ.
” ބައެއް ކަހަލަ ފޮޓޯ އާއި މަންޒަރުތައް ހުރި ކުރަހައި ލިޔެފައި އެބަހުރި. މިއީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް،” ހަބީބު ވިދާޅުވެފައި ވެއެވެ.
އެ ގޮތުން ފައިސާ ނުދޭތީ ވޯޓު ނުދޭނެ ކަމަށް ބުނެ ވޯޓު ކަރުދާސްކޮޅުގައި ލިޔެފައި ހުރި އިރު ރަނގަޅު އެއްވެސް ކެންޑިޑޭޓަކު ނެތް ކަމަށް ބުނެ ވެސް ލިޔުންތައް ލިޔެފައި ހުރިކަން ހަބީބު ފާހަގަކުރެއްވިއެވެ. އަދި ތަފާތު ކުރެހުންތައް ކުރަހައިގެން ވެސް ވޯޓު ކަރުދާސްކޮޅު ބާތިލް ވެފައި ވެއެވެ.
ބާތިލް ވޯޓުގެ މައްސަލަ ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް ބޮޑުވާނެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި ސީދާ އެ ކަމަށް އަމާޒުކޮށް ހަރަކާތްތައް ހިންގާ ނަމަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި އޭގެ ކުރިން ހުސްވާ މާލޭގެ މޭޔަރުގެ އިންތިހާބުގައި ވެސް މި މައްސަލަ ފެންމަތިވާނެއެވެ. އެހެން ކަމުން ބާތިލް ވޯޓު އިތުރުވާ ސަބަބުތައް ދެނެ ގަންނަންޖެހެއެވެ.
ހާއްސަކޮށް އެއީ ކަމާ ބެހޭ ފަރާތްތަކަށް ބަޔަކު ދޭ މެސެޖެއްގެ ގޮތުގައި ބަލައިގަތުން މުހިންމެވެ. މީގެ ތެރެއިން މަދުކުރެވޭނީ ނޭނގި ބާތިލްވާ ވޯޓު ތަކެވެ. އެހެން ނަމަވެސް ގަސްތުގައި ބާތިލްކުރާ ވޯޓު އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. “ޓީމްބާތިލް”ގެ ވާހަކަތައް ވެސް އަޑުއަހަށް އެބަޖެހެއެވެ. އެ ކަރުދާސްކޮޅުން އެ މީހުން އެ ދެނީ ފުން މެސެޖެކެވެ