މައުލޫމާތު ހާމަކުރަން ފަސްޖެހޭ ވަރަކަށް އެ ބައެއްގެ ތެރޭގައި ފަސާދަ އަށް ޖާގަ ދެވޭ: ރައީސް
28 ސެޕްޓެމްބަރ 2020 - 14:36
ހިޔާނާތާއި ފަސާދައިގެ އަމަލުތައް ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތުތައް އިދާރާތަކުން ހާމަކުރުން ކަމަށާއި މައުލޫމާތު ހާމަކުރަން ފަސްޖެހޭ ނަމަ އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު މަޖައްލާގައި ރައީސް ސޯލިހް ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ނޫން ކަމަށެވެ. ނަޒޭހަތްތެރިކަން އިތުރުވެގެންދާނީ ވެސް މައުލޫމާތު ހާމަކުރަން އިސްކަންދޭ މިންވަރެއްގެ މައްޗަށް ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ހަގީގީ މާނައިގައި ރައްޔިތުންނަށް ދޭން ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ އަސާސީ ހައްގުތަކެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައި ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ އެ ހައްގު ރައްޔިތުންނަށް ލިބިގެން ކަމަށް ވާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅީވީ އެއީ ރައްޔިތުންގެ ހައްގެއް ކަމަށާއި އެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި މިނިވަން މުއައްސަސާއެއް ގާއިމުކުރުމުގެ މަގުސަދަކީ ވެސް އެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކަމަށް ރައީސްގެ ލިޔުއްވުމުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި އެއީ ހައްގަކަށް ވުރެ ބޮޑަށް ނިޒާމީ ގޮތެއްގައި ހިނގަހިނގާ އޮތުން މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.