ރިޕޯޓް: ރައްޔިތުންގެ ފައިސާއިން ހިންގާ ޖަމްއިއްޔާތަކުގެ ހަރަދުތަކުގެ ތަފްސީލް އާންމުކުރަންޖެހޭ

24 އޮކްޓޯބަރ 2023 - 13:37

ރައްޔިތުންނާ ގުޅޭ ކޮންމެ ކަމެއް ކުރަންވާނީ ދެ ފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައެވެ. އެކަން ލާޒިމް ވަނީ ހަމައެކަނި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްޗަށް އެކަންޏެއް ނޫނެވެ. ރައްޔިތުންގެ ނަމުގައި އަމިއްލަ ފަރާތްތަކުން ކުރާ ކަންކަމާއި ރައްޔިތުން އަތުން ފައިސާ ނަގައިގެން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ ކަންކަމުގައި ވެސް މި އުސޫލް އޮންނަންޖެހެއެވެ.

ޖަމިއްޔާ ޖަމާއަތްތަކުން ފައިސާ ހޭދަކުރާ ގޮތާއި ހިންގާ މަޝްރޫއުތަކުގެ ތަފްސީލް އާންމުކުރާނެ އުސޫލެއް ނެތް

ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ ކަންކަމުގެ އަހަރީ ރިޕޯޓް ކަމާ ބެހޭ އިދާރާ އަށް ހުށަހެޅުމަކީ ގާނޫނާއި ގަވާއިދުތަކުގައި އޮންނަ ކަމެކެވެ. އެހެން ނަމަވެސް އެ ފަދަ ޖަމިއްޔާ ޖަމާއަތްތަކުން ފައިސާ ހޭދަކުރާ ގޮތާއި ހިންގާ މަޝްރޫއުތަކުގެ ތަފްސީލް އާންމުކުރާނެ އުސޫލެއް ނުވަތަ އެ ބައެއްގެ މައްޗަށް އެކަން ލާޒިމްކުރާނެ ގަވާއިދެއް ނެތެވެ. އެހެން ނަމަވެސް ރައްޔިތުންގެ ފައިސާ އިން ކަމެއް ކުރާ ނަމަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެ ކަމެއްގެ ތަފްސީލް ހާމަކުރަންޖެހޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރަންޖެހެއެވެ.

advertisement

ރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. ބައެއް ޖަމިއްޔާ ޖަމާއަތްތަކަކީ ބައިނަލްއަގުވާމީ ބޮޑެތި ޕްރޮޖެކްޓްތައް ވެސް ހިންގާ ފަރާތްތަކެވެ. އަދި ދުނިޔޭގެ އެކި ކަންކަކޮޅުގައި ވެސް މިފަދަ ޕްރޮޖެކްޓްތައް ހިންގައެވެ. މި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދަނީ ބައިނަލްއަގުވާމީ އެކި ފަރާތްތަކާއި އަދި ދިވެހި ރައްޔިތުންގެ އަތުންނެވެ. 

މި ފަހަކަށް އައިސް ރައްޔިތުންގެ އަތުން އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދަމުން އަންނަ އެއް ކަމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމެވެ. މިކަން ކުރުމުގައި ރާއްޖޭގެ އަމިއްލަ ބައެއް ޖަމާއަތްތަކުން ހަރަކާތްތެރިވާ އިރު އެ ޖަމިއްޔާ ޖަމާއަތްތަކަށް ރައްޔިތުން ދޭ ފައިސާގެ ތަފްސީލާއި އެ ފައިސާ ހޭދަކުރާ ގޮތް މިހާރަށް ވުރެ ބޮޑަށް ހާމަކުރުމަށް ދަނީ ގޮވާލަމުންނެވެ.

ފަލަސްތީނާއި އަދި ބައެއް އެހެން ގައުމުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި މި ފަހަކަށް އައިސް އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ އެއްބަޔަކީ ރާއްޖޭގެ އެހީ ޖަމިއްޔާއެވެ. ދިވެހިންގެ އެހީތެރިކަމާ އެކު އެ ޖަމިއްޔާ އިން ގެންދަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ނަމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްރޫއުތައް ހިންގަމުންނެވެ. 

އޭގެ ތެރޭގައި އެކި ގައުމުތަކުގައި ފެން ޕަމްޕްތައް ގާއިމުކުރުމާއި މިސްކިތް ބިނާކުރުމާއި ސްކޫލް ފަދަ ތަންތަނަށް އެހީވުމާއި ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގައި ރާއްޖެ ތަމްސީލްކުރާ އެއް ފަރާތަކީ ވެސް އެހީ ޖަމިއްޔާއެވެ.

އެ ފަރާތްތަކުން ކުރަމުން ގެންދަނީ ޝުކުރު ހައްގު މަސައްކަތްތަކެކެވެ. އެހެން ނަމަވެސް އެ މަޝްރޫއުތަކުގައި ރައްޔިތުންގެ ފައިސާ ހިމަނޭތީ އެ ޖަމިއްޔާގެ ކަންކަން ހާމަކުރުމަށް ގޮވާލާ ފަރާތްތައް ވެސް ވަކި މަދެއް ނޫނެވެ. އަދި އެ ފަރާތްތަކާ މެދު ކުރެވޭ ތުހުމަތުތައް ވެސް އެބަ ހުއްޓެވެ.

އެހީ ޖަމިއްޔާ އަށް ލިބޭ ފައިސާ އިން ހިންގާ މަޝްރޫއުތައް އެ ޖަމިއްޔާ އިން މީގެ ކުރިން ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް އައީ ހާމަކުރަމުންނެވެ. އެހެން ނަމަވެސް އެ މަޝްރޫއުތަކަށް ކުރާ ހޭދަ އާއި ލިބޭ ފައިސާގެ ތަފްސީލް ހޯދުމަށް އެކި ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުތައް ކުރިމަތިކުރެއެވެ. އެ ގޮތުން ޖަމިއްޔާ އަށް ލިބޭ ފައިސާގެ ތަފްސީލްތައް ހާމަނުކުރާ ކަމާއި އަދި ޖަމިއްޔާ ހިންގަން ނަގާ 12.5 ޕަސެންޓް ހޭދަކުރާ ގޮތުގެ ތަފްސީލްތައް ހާމަނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި އަޑު އުފުލާފައެވެ.

މީގެ އިތުރުން މަޝްރޫއުތައް ހިންގާ އިރު ބިޑް އުސޫލާއި ޕްރޮކިއުމެންޓާއި އެ ނޫން ވެސް ކަންކަމުގެ ތަފްސީލްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަންޖެހޭނެ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ޖަމިއްޔާގެ އެކި ފަރާތްތައް ދުނިޔޭގެ އެކި ކަންކަކޮޅުތަކަށް ދަތުރުކުރާ އިރު އެކަންކަމަށް ދާހަރަދު ހާމަކުރެވެންޖެހޭނެ ކަމަށާއި ރައްޔިތުން ފައިސާ ދެނީ ޖަމިއްޔާގެ އިސްވެރިން ދުނިޔޭގެ ގައުމުތަކަށް ދަތުރުކުރަން ނޫން ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށްފައި ވެއެވެ. އަދި ޖަމިއްޔާގައި އިސްކޮށް އުޅޭ ބައެއް މީހުންގެ ދިރިއުޅުމުގެ ފެންވަރާ މެދު ވެސް ބައެއް ފަރާތްތަކުން ސުވާލުކޮށް ތުހުމަތައް ކޮށްފައިވެއެވެ.

ރައްޔިތުން ދޭ ފައިސާ އަށް ވާ ގޮތެއް އާންމުކޮށް ހާމަކުރުމަކީ ވެސް ބޭނުންތެރި ކަމެއް

ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އައިއޭސީން ބުނެފައި ވަނީ އެ ޖަމިއްޔާ އިން ހަރަދުކުރާ ގޮތުގެ ދެ ފުށް ރައްޔިތުންނަށް ހާމަކުރަމުން އަންނަ ކަމަށެވެ. އަދި ލިޔެކިޔުން ހުށަހަޅަންޖެހޭ ފަރާތްތަކަށް އެކަންކަން ހުށަހަޅަމުން އަންނަ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެއެވެ. 

އެހެން ނަމަވެސް މިހާވަރުން ފުއްދާލެވޭކަށް ނެތެވެ. 

ލިޔެކިޔުން ހުށަހަޅެންޖެހޭ ފަރާތްތަކަށް ހުށަހެޅުމުގެ އިތުރުން، ރައްޔިތުން ހިތުން ރުހުމުން ދޭ ފައިސާ އަށް ވާ ގޮތެއް އާންމުކޮށް ހާމަކުރުމަކީ ވެސް ބޭނުންތެރި ކަމެކެވެ. ކުރެވޭ ތުހުމަތުއް މަދުވާނީ އޭރުންނެވެ. އައިއޭސީން ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި މީޑިއާތައް މެދުވެރިކޮށް އެކަން ހާމަކުރާނެ ކަމަށެވެ.

މިއީ ހަމައެކަނި އައިއޭސީން ނުވަތަ އެހެން ޖަމިއްޔާއަކުން ބޭނުންވެއްޖެ ހާލަތެއްގައި ކުރަން އޮންނަ ކަމަކަށް ވުރެ ބޮޑަށް ގާނޫނީ އުސޫލްތަކެއްގެ ތެރެއިން ހާމަކުރަންޖެހޭ މައުލޫމާތުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ކުރަންޖެހޭ ކަމެކެވެ. ޖަމިއްޔާ ޖަމާއަތްތަކަކީ ވެސް ގާނޫނެއްގެ ދަށުން އުފައްދައި ހިންގާ ތަންތަނަށްވާ އިރު އަދި ހާއްސަކޮށް ރައްޔިތުންގެ އަތުންނާއި އެހެނިގެން ގޮތްގޮތުން ފައިސާ ހޯދައިގެން ހިންގާ ތަންތަނަށްވާއިރު ލިބޭ ފައިސާއާ މެދު އަމަލުކުރާ ގޮތްތައް ވެސް ހާމަކުރެވެންޖެހެއެވެ. 

ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް އެކި ފާޑުގެ ތުހުމަތުތައް ކުރުމަށް މެދުވެރިވާ މައިގަނޑު ސަބަބީ ވެސް ހާމަކަން ކުޑަވުމެވެ. ރާއްޖޭގެ ބައެއް ޖަމިއްޔާތަކާ މެދު ކުރެވޭ ތުހުމަތުތައް މަދެއް ނޫނެވެ. މިކަންކަމަށް ހުއްޓުމެއް ގެނެވޭނީ ޓްރާންސްޕޭރެންޓް ވެގެންނެވެ. ޒިންމާދާރުކުރެވޭނީ ގާނޫނީ އޮނިގަނޑެއްގައި އެކަން އެ ގޮތުގައި ކަނޑައެޅިގެންނެވެ.

ރިއެކްޝަންސް
0
0
0
0
1
0
4