އަމިއްލަ ހިޔާލު: ބޯހިޔާވަހިކަން — ޕޮއިންޓަކުން ކަށަވަރުވާންޖެހޭ ކަމެއް ނޫން!

6 ނޮވެމްބަރ 2023 - 13:33

ދިވެހި ގާނޫނު އަސާސީގައި އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަން ހިމެނެއެވެ. އެއީ ދައުލަތުގެ މައްޗަށް މަތިކޮށްފައި އޮތް ވާޖިބެކެވެ. އެ ކަމުގައި ވަކި ރަށަކަށް ނިސްބަތްވީތީ ނުވަތަ ވަކި ހާލަތެއް މެދުވެރިވުމަކީ ބަލަންޖެހޭ ކަމެއް ނޫނެވެ. އާންމު ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެކަންކަން ފުރިހަމަވާ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހެއެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. މައިގަނޑު ސަބަބަކީ ބިމުގެ ޖާގައަށް ވުރެ ދިރިއުޅޭ މީހުން އިތުރުވުމެވެ. މާލެ އަށް ތޮއްޖެއްސުމެވެ. މާލެއަށް މީހުން ޖަމާވާގޮތަށް ދައުލަތުގެ ސިޔާސަތުތައް ކަނޑައަޅާފައި މާލެ އަށް ޖަމާވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމަކީ ބޭއިންސާފެކެވެ. ކޮންމެ ސަރުކާރެ އޮތަސް އެކަން ކުރަންޖެހެއެވެ. 

advertisement

ދިގުލައިގެން ގޮސްފައިވާ ބޮޑު މައްސަލައެއް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުން ފެށިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ތަފާތު އެކި މަޝްރޫއުތައް ހިންގާފައި ވެއެވެ. އެހެން ނަމަވެސް މިއިން ކޮންމެ މަޝްރޫއަކާ މެދު ވެސް އެތައް ޝަކުވާއެއް އޮވެއެވެ. މައިގަނޑު ސަބަބަކީ ޝަރުތު ހަމަވާ އެތައް ބަޔަކު ތިއްބައި އެންމެ ހައްގު މީހުންނަކީ ކޮބައިތޯ ކަނޑައެޅުމުގައި ބޭއިންސާފުން ނުވަތަ އެ އިރެއްގައި އޮންނަ ސަރުކާރަކަށް ފައިދާވާ ގޮތަކަށް އަމުލުކުރުމެވެ. 

ރައީސް ޔާމީނުގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއަށް ވެސް ވީ އެފަދަ ގޮތެކެވެ. އެ ފްލެޓްތަކުގެ ބޮޑު ބައެއް ދިނީ އޭރު ވެރިކަމުގައި އޮތް ޕީޕީއެމް އާއި ސަރުކާރަށް ތާއީދުކުރާ މީހުންނާއި އެ މީހުންގެ ގާތް މީހުންނަށެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ ހިޔާ ސަރަހައްދުގެ ބޮޑު ބައެއް މިހާރު ވެސް ޕީޕީއެމް އަށް ވަފާތެރިވުމެވެ. 

މި ސަރުކާރުން ވެސް ކަންކުރީ ހަމަ އެ އުސޫލުންނެވެ. އެހެން ނަމަވެސް މި ސަރުކާރުން އަމާޒު ހިފީ ވީހާ ވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދިނުމަށެވެ. އެމަގުން ކުރިމަތިލީ މީހުންގެ ތެރެއިން 13،000 މީހެއްގެ ޝަރުތު ހަމަވެ، ފްލެޓް ލިބޭ ކަމަށް ކަނޑައެޅިއެވެ. އެހެން ނަމަވެސް ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ފަށައިގަނެވުނީ 4،000 ފްލެޓްގެ މަސައްކަތެވެ. 

ގޮންޖެހުމަކަށް ކުރިމަތިވެފައި ވަނީ ފްލެޓް ލިބޭ 13،000 މީހުންގެ ތެރެއިން މި 4،000 މީހުން ކަނޑައަޅާނެ ގޮތަކާ މެދުގައެވެ. ސަރުކާރުން ބުނަނީ 13،000 އަށް ވެސް ފްލެޓް ލިބޭނެ ކަމަށާއި ބާކީ ހުރި ބައި ދެން އަންނަ ސަރުކާރަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ލިބެންޖެހޭނެ ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެކެވެ. އެހެން ނަމަވެސް ޝަރުތު ހަމަވާ ބައެއްގެ ތެރެއިން އެންމެ ބޮޑަށް ފްލެޓް ހައްގުވާ މީހުންނަކީ ކޮބައިކަން ކަނޑައެޅުމަކީ އެއްވެސް ބަޔަކަށް ފަސޭހަ ކަމެއް ނޫނެވެ.

މި ސަރުކާރުން ވަނީ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓެއް އާންމުކޮށްފައެވެ. އެކަން ކުރުމުގައި ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށް ބުނި ނަމަވެސް ސަރުކާރަށް އެކަން ކުރެވިފައެއް ނުވެއެވެ. އެހެން ކަމުން އެ ލިސްޓް ކަނޑައެޅީ ފޯމާ އެކު ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ. 

މި ލިސްޓް ނެރުމާ އެކު އެތައް ބަޔަކު ކެކި އަރައިގަތެވެ. ފޯމުގައި ދީފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުނުކޮށް އަދި ލިސްޓްގައި ބޮޑެތި މައްސަލަތަކެއް ހުރުމުން އެތައް ބަޔަކު ދަނީ އެކަން ކުށްވެރިކުރަމުންނެވެ. މީހުންގެ ޝަކުވަތަކާ ގުޅިގެން އޭސީސީން މިހާރު ވަނީ އެ ކަމުގެ ތެރެއަށް ވަދެ ފްލެޓް ދިނުން ހުއްޓުވާފައެވެ.

ޝަރުތު ހަމަވާ ކޮންމެ މީހަކަށް ފްލެޓް ހައްގު

ފްލެޓް ލިބޭ ނުވަތަ ޝަރުތު ހަމަވާ 13،000 މީހުންގެ ލިސްޓެއް ނެރެފައި އޭގެ ތެރެއިން 4،000 މީހުން ފުރާނާލުމަކީ އެއްވެސް ބަޔަކަށް ފަސޭހަކަމަކަށް ނުވާނެއެވެ. އެއީ ދިރިއުޅޭ ތަނަށް ގޮސްގެން ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބަލައި ޕޮއިންޓް ދިނުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. އަދި އެއީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ. 

މިސާލަކަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ މީހަކު ވަރަށް ކުޑަ އަދި ނިކަމެތި ދިރިއުޅުމެއް ވެސް އުޅެފާނެއެވެ. ނުވަތަ ވަރަށް ކުޑަ އާމްދަނީއެއް ލިބޭ މީހަކު ވަރަށް ތަނަވަސްގޮތަކަށް ވެސް ދިރިއުޅެފާނެއެވެ. އެހެންކަމުން ދިރިއުޅޭ ތަނުގެ ހާލަތަށް ބަލައިގެން ދިރިއުޅުމުގެ ހާލަތު ކަނޑައެޅުމަކީ އިންސާފަކަށް ނުވާނެއެވެ. 

އަނެއްކޮޅުން ގިނަ މީހުންނަކީ ކުއްޔަށް އުޅޭ މީހުންނެވެ. އެހެންކަމުން ދިރިއުޅޭ ތަނަކީ އެ މީހެއްގެ ދިރިއުޅުމުގެ ހާލަތާ މާބޮޑު ގުޅުމެއް ހުރި ތަނަކަށް ވާކަށް ނުޖެހެއެވެ. 

ފްލެޓަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް ފްލެޓް ހައްގެވެ. އެހެންކަމުން އެ އެންމެ ހައްގު ބޮޑު މީހަކު ކަނޑައެޅުމުގައި ދަތިތަކެއް ހުންނާނެއެވެ. އަދި 13،000 މީހުންގެ ހާލަތު ބެލުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. ވުޖޫދުގައި ނެތް ފްލެޓްތަކެއް ނުވަތަ ހަމަޖެހިފައި ނެތް މަޝްރޫއަކުން ފްލެޓް ދިނުމަށް ކަނޑައެޅުމަކީ މި ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެކެވެ. 

ފްލެޓް ލިބޭނެ ތަރުތީބެއް ކަނޑައެޅުން މުހިންމު

އެހެން ނަމަވެސް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ ލިސްޓެއް އެކުލަވައިލުމުގެ ނިޔަތުގައި އެކަން ކުރުން ރަނގަޅެވެ. އެފަދަ ލިސްޓެއް އެކުލަވާލުމަށް އެ ލިސްޓަށް ކޭޓާކުރުމަކީ ސަރުކާރުގެ މައްޗަށް ނުވަތަ ދައުލަތުގެ މައްޗަށް ލާޒިމް ކަމެކެވެ.

ފްލެޓްތައް ނިމޭވަރަކުން މީހުންނާ ހަވާލުކުރުމުގެ ސިޔާސަތެއް އޮތް ނަމަ އެންމެ ބުއްދިވެރި ގޮތަކީ އެންމެންނަށް ވެސް ފްލެޓް ހައްގުކަމަށް ބަލައި ފްލެޓް ލިބޭނެ ތަރުތީބެއް ކަނޑައެޅުމަށް ގުރުލުމެވެ. އޭރު އެ ލިސްޓްގައި އެ މީހަކަށް ލިބެނީ ކިތައް ވަނަ ކަން އެ މީހަކަށް އޮންނާނީ އެނގިފައެވެ. އަދި ކޮންމެ ސަރުކާރެއް އޮތަސް މަޝްރޫއުތައް ނިންމޭ ވަރަކުން ހަވާލުކުރަމުން ގެންދިއުމުން ބޯހިޔާވަހިކަމުގެ މުޅި މައްސަލަ އަށް ހައްލު ލިބުނީއެވެ. 

މާލެ ސަރަހައްދުން ގޯތި ދިނުމުގައި ސަރުކާރުން ވަނީ މި އުސޫލު ދަމަހައްޓަފައެވެ. ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ނިންމައި އެ މީހުންގެ މެދުގައި ގުރުލުމުން މާ ބޮޑު މައްސަލަތަކެއް ކުރިމައްޗެއް ނުވެއެވެ. ގުރުލި ތަރުތީބުން ބިން އޮތް މިންވަރަކުން އަދި ހިއްކޭ މިންވަރަކުން މިހާރު ވެސް ބިމުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. 

ފްލެޓް ދިނުމުގައި ވެސް މި އުސޫލް ދެމެހެއްޓި ނަމަ މިހުރިހާ މައްސަލަތަކެއް ކުރިމައްޗެއް ނުވާނެއެވެ. ބޯހިޔާވަހިކަމަކީ ގާނޫނު އަސާސީ ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ ކަމަކަށްވާ އިރު ޝަރުތު ހަމަވާ ކޮންމެ މީހަކަށް އެ ހައްގު ލިބޭނެކަން ކަށަވަރުވެފައި އޮތުމަކީ ވެސް މުހިންމު މަކެވެ. އެކަމަކީ ޕޮއިންޓެއްގެ މައްޗަށް ބިނާކޮށް ކުރެވޭނެ ކަމެއް ނޫނެވެ. 

ރިއެކްޝަންސް
1
0
0
0
1
0
0