އަމިއްލަ ހިޔާލު: ޖީލުތައް — ހަނދާންކޮށްދިނީ މި ޖީލަށް ނޭނގޭ އެތައް ކަމެއް!
12 ނޮވެމްބަރ 2023 - 13:42
“ބައްޕާ! ފްލޮޕީ ޑިސްކް އެއީ ކޮން އެއްޗެއް؟” ފޭސްބުކް އިން ފެނުނު ސްޓެޓަސްއަކާ ގުޅިގެން ކައިރީގައި އިން ނުވަ އަހަރުގެ ދަރިފުޅު ސުވާލުކޮށްލިއެވެ.
“އެއީ ކޮމްޕިއަޓަރަށް ލައްވާ އެއްޗެއް،” ދަރިފުޅަށް ވިސްނޭނެ ކަމަށް ހީކޮށް ވަރަށް ކުރުކޮށް ބުނީމެވެ.
“ކޮމްޕިއުޓަރަށް އެ ލައްވަނީ ކީއްކުރަން؟ (އަހަރެން ހިފައިގެން އިން ލެޕްޓޮޕް ދައްކާލާފައި) މީގެ ކޮންތާކަށް ލަވަނީ؟” ދަރިފުޅުގެ ސުވާލުތައް އަމުނާލިއެވެ.
ކުރިން ދިން ޖަވާބުން އޭނާ އަށް އެއްވެސް އެއްޗެއް ނުވިސްނުނުކަށް އިހުސާސްވުމުން ގޫގުލް ސާޗްކޮށްލާފައި ފްލޮޕީ ޑިސްކް ހުންނަ ގޮތާއި އޭގެ ބޭނުމާއި އެއާ ވައްތަރު އެހެން ބައެއް ތަކެތީގެ ބޭނުމާއި ތަފްސީލް އޭނާ އަށް ކިޔައިދިނީމެވެ. އަދި މިހާރުގެ ކޮމްޕިއުޓަރުތަކާއި ލެޕްޓޮޕްތަކުގައި ފްލޮޕީ އާއި ޑިސްކް ލެއްވޭނެ ގޮތް ނުހުންނަ ކަމަށް ބުނެދިނީމެވެ. ބައެއް އެއްޗެހި އޭނާ އަށް ނަގައިގަނެވުނެވެ. އެހެން ނަމަވެސް ކެސެޓް ރޯލާއި ފިލްމް ރޯލް ކަހަލަ އެ ޒަމާނުގައި ބޭނުންކުރި އެއްޗެހީގެ ތަފްސީލް އޭނާ އަށް ވިސްނުނުހެނެއް ހިއެއް ނުވެއެވެ. މި ޒާމުގައި އެތަކެތި ދައްކާލަން ވެސް ނުލިބޭތީ ކަމަށް ވެދާނެއެވެ.
ސަފަރު ކަތްދަ ހަތްދަރިން ގޮވައިގެން އަރާ ވާހަކަ ބުނީމަ ބިރުން ޝަހާދަތް ކިޔައިގެން ނިދާ ޖީލު
މި ދުވަސްކޮޅު ފޭސްބުކް އާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެންމެ ގިނައިން ފެންނަ ޕޯސްޓްތަކަކީ އެކި “ޖީލު” ގެ މަތިން ހަނދާކޮށްދޭ ޕޯސްޓްތަކެވެ. ކުޑައިރުގެ ހަނދާންތަކެވެ. އޭރުގެ ސާދާ ދިރިއުޅުމެވެ. އެ ޒަމާނާއި މި ޒަމާނުގައި ހުރި ތަފާތުތަކެވެ. އޭރުގެ ގަބޫލުކުރުންތަކާއި ބޯދާ ވާހަކަތައް ދިރިއުޅުމާ ގުޅިފައިވާ މިންވަރެވެ.
“އަހަރުން މީ ސަފަރު މަހުގެ ދިހަވަނަރޭ ސަފަރު ކަތްދަ ހަތްދަރިން ގޮވައިގެން އަރާ ވާހަކަ ބުނީމަ އެރޭ ބިރުން ޝަހާދަތް ކިޔައިގެން ނިދާ ޖީލު،” ސުދް ފާތިމަތު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައި ވެއެވެ.
މިއީ މިހާރު ވެސް ބައެއް މީހުން އެ މީހުންގެ ޅަދަރިން އަވަހަށް ނިންދެވުމަށް ބުނެ އުޅޭ ވާހަކައެކެވެ. ހާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ މީހުން މިހެން ބުނެ އުޅެއެވެ. އެހެން ނަމަވެސް މިހާރުގެ ޅަކުދިންނަށް ވެސް މި ވާހަކަތައް ގަބޫލުނުކުރެވެނީ ކަމަށް ވެދާނެއެވެ. އެ ކުދިންގެ މާބޮޑު ސަމާލުކަމެއް މި ކަމަށް ނުދެއެވެ.
ބެލެނިވެރިން ވެސް ކުދިންގެ ހިތްތަކަށް ބިރުވެރިކަން ވަދެދާނެ ކަމަށް ބަލައި ކުދިން ނިންދެވުމުގައި އޭރު ގެންގުޅުނު އުކުޅުތައް ބަދަލުކުރީއެވެ. އޭގެ ބަދަލުގައި މިހާރު ކުދިން ނިންދަވަން ވެސް އަދި އެހެން ކަންކަމުގައި ވެސް ގެންގުޅެނީ ޒަމާނީ ގޮތްތަކެވެ. ފޯނެއް ނުވަތަ ޑިޖިޓަލް ޑިވައިސްއަކުން ގުރުއާން ނުވަތަ ލަވައެއް ޖަހާލާފައި ނުވަތަ އަމިއްލަ އަށް ކިޔާލުމުން ދަރިފުޅު ނިދަނީއެވެ.
ކޮންމެ ރޯދަމަހަކު ރަށު ބޭރަށް އަންނަ ބޯޓަކުން ދުވާލަކު މީހަކު މަރުވާ ކަމަށް ގަބޫލުކޮށްގެން އުޅުނު ޖީލު
އެފަދަ އެހެން ސްޓެޓަސްއެއްގައި އެހެން މީހަކު ބުނެފައި ވަނީ “އަހަރެމެންނީ ކޮންމެ ރޯދަމަހަކު ރަށު ބޭރަށް އަންނަ ބޯޓަކުން ދުވާލަކު މީހަކު މަރުވާ ކަމަށް ގަބޫލުކޮށްގެން އުޅުނު ޖީލު،” ކަމަށެވެ.
މިފަދަ އެތައް ބޯދާ ވާހަކަތެއް ދިރިއުޅުމުގެ އެތައް ކަމަކާ ގުޅުވާލާފައި ހުރެއެވެ. މިއީ ހިޔާލީ ކަމެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނަމަވެސް ހާރުދަމު ކާން ތެދުވުމުން އުމުރުން ދުވަސްވީ މީހުން ކުޑަކުދިންނަށް މި ވާހަކަތައް ބުނެދެއެވެ. އަދި އެ ކުދިން ވެސް އެއީ ތެދެއް ކަމަށް ގަބޫލުކުރެއެވެ. އަހަރެމެން ވެސް އެކަން ގަބޫލުކުރީމެވެ.
ޖީލުތަކުގެ ޕޯސްޓަކުން ފެނިގެން ދިޔައީ ހަމައެކަނި ބޯދާ ވާހަކަތަކާއި ރަށްފުށުގެ ސާދާ ދިރިއުޅުމެއް ނޫނެވެ. މި ޕޯސްޓްތަކުން ފާއިތުވި 40 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިންގެ ދިރިއުޅުމަށް އައިސްފައި ހުރި ބަދަލުތައް ވެސް ސިފަކޮށްދިނެވެ. ދުއްވާ އެއްޗެހި ނެތް ޒަމާނުގައި ދިރިއުޅުމުގެ ކަންކަން ބައްޓަންވެފައި އޮތް ގޮތާއި ރޯދަ މަސް ފަދަ ދުވަސްތަކުގައި ދިވެހިން ކޮށް އުޅުނު ކަންތައްތަކާއި މަގުމަތީގެ އަމާންކަމާއި މަގުމަތީގެ ކުޅިވަރުތަކާއި މީހުން ޖަމާވެ ކޮށް އުޅުނު ކަންކަމާއި ކުޑަކުދިންގެ ދިރިއުޅުމުގެ ހާލަތް ވަރަށް ރީތިކޮށް މި ޕޯސްޓްތަކުން ސިފަކޮށްދިނެވެ.
މަންމަ ފަންތޮއްޓާއި އިލޮށިފަތި ހިފައިގެން ފަހަތުން ދުވެގެން މައިތިރިކުރުވި ޖީލު
“އެއީ ޖީލެކެވެ. ވަރަށް ތަފާތު ތަރުބިއްޔަތަކާއި ޅަ އުމުރުގެ ޒިންމާތަކާއި އުމުރަށް ވުރެ ދޮށީ ވެގެން ބޮޑުވި ޖީލެކެވެ. ކާށިމެޓަލާއި ދިރިފުށް މެޓަލާއި ޖެލީއަކީ އެންމެ އަގުބޮޑު ހަދިޔާ ކަމަށް ހިތުގުގެ ފުންމުނިން ގަބޫލުކުރި އުފާވެރި ކުދިންތަކެކެވެ. މުދައްރިސުން ބިރުން ފިލާ، ހުކުރު ދުވަހު 11ގެ ކުރިން މޫދުން އަރާ، މަންމަ ފަންތޮއްޓާއި އިލޮށިފަތި ހިފައިގެން ފަހަތުން ދުވެގެން ވެސް މައިތިރިކުރުވި ޅަފަތުގެ ދައުރެކެވެ” ޖީލުތަކުގެ ޕޯސްތަކާ ގުޅިގެން މީހަކު ފޭސްބުކްގައި ލިޔެފައި ވެއެވެ.
އޭނާގެ މި ސިފަކުރުންތަކުން އޭރު ދަރިން ތަރުބިއްޔަތު ކުރި ގޮތް ވަރަށް ތަފްސީލްވެގެން ދިޔައެވެ. އަދި މިހާރުގެ ޅަކުދިންނާއި މުއާމަލާތްކުރަންޖެހޭ ގޮތާއި އޭރުގައި ކަން ހުރި ގޮތުގެ ތަފާތު ފާހަގަކުރެވުނެވެ. މިހާރު މި ގޮތަށް ކަމެއް ހިނގައިފި ނަމަ ކަންވާނެ ގޮތް ހިތަށް އެރިއެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި އޭރު ގެންގުޅުނު އުކުޅުތައް މިހާރު ވަނީ ގެވެށި އަނިޔާ އަށް ނުވަތަ ދަރިންނަށް އަނިޔާކުރުމަށެވެ. އެހެން ނަމަވެސް އެ ދުވަސްތަކުގެ ހަނދާންތައް އާކޮށްލުމުގެ އެނގެން އޮތް ކަމަކީ އޭރުގެ ދިރިއުޅުމުގައި މައިބަފައިންނަށް ކިޔަމަންތެރިކަން ބޮޑުކަމާއި އޭރުގެ ގިނަ ކުދިންގެ އަހްލާގު ވެސް ރަނގަޅު ކަމެކެވެ. އަދި ބޮޑެތި މީހުންނަށް ކުރާ އިހްތިރާމާއި ގަދަރު ވެސް ބޮޑު ކަމެކެވެ.
ކޮންމެ ރެއަކު ވެސް މަޣްރިބް ނަމާދާއި އިޝާނަމާދާ ދެމެދު ގޭގޭގައި ގުރުއާންކިޔަވަން ތިބި ޖީލު
ކުރިން ދީނީ ކަންކަމަށް ދިން އަހައްމިއްޔަތުކަން ދައްކުވައިދޭ އެތައް ޕޯސްޓެއް ވެސް މި ދެތިން ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާ އިން ފާހަގަކުރެވުނެވެ. އެ ގޮތުން ކޮންމެ ރެއަކު ވެސް މަޣްރިބް ނަމާދާއި އިޝާނަމާދާ ދެމެދު ގޭގޭގައި ގުރުއާންކިޔަވަން ތިބޭ ވާހަކަ އާއި ގޭގާއި މާލޫދު ކިޔެވުމާއި މިހެން ގޮސް ދީނާ ގުޅުންހުރި އެތައް ކަމެއް މި ޕޯސްޓްތަކުން ސިފަކޮށްދީފައި ވެއެވެ. ނަމަވެސް މި ކަންކަމަކީ މިހާރު މަދުން ނޫނީ ނުފެންނަ ކަންކަމެވެ. މި ވަގުތު ތަކުގައި ވެސް މިހާރު ގިނައިން އިވޭނީ ކޮންމެވެސް ޓީވީއެއް ނުވަތަ ފޯނަކުން ޖަހާ ކުޑަކުދިންގެ ލަވައެއްގެ އަޑެވެ. ގިނަ ފަހަރަށް ކުދިންނަށް ކާން ދެނީ މި ވަގުތުގައި ކަމަށްވުމުން ގޭގެއިން މިހާރު ގިނައިން އިވޭނީ “އޭބީސީޑީ” ފަދަ އިނގޭރި ރައިމްތަކުގެ އަޑުތަކެވެ.
“ޖީލުގެ ޕޯސްޓްތައް ވަރަށް ހިއްގައިމު. ވަރަށް އުފާވެރި ހަދާންތައް ގެނުވައިދޭ އަދި އެކިރަށްރަށުގެ ކުދިންގެ ތަޖުރިބާތަކާއި ވާހަކަތަކުން ކުރިން ތަޖުރިބާ ކުރެވުފައިނުވާ އައުކަންކަން ވެސް އެނގިގެންދޭ. ކުރީގެޖީލުތަކުގެ ދިވެހިންގެ އާދައިގެ ސާދާ ދިރިއުޅުން ހާދަ ހިއްގައިމެވެ.،” ފަޒީ ގަފޫރުގެ ނަމުގައި ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.
ޖީލުތަކުގެ ޕޯސްޓްތަކާ ގުޅިގެން އެއްބަޔަކަށް އުފާވެރިކަން ލިބުނު ނަމަވެސް އަނެއް ބަޔަކު ރުޅިގަދަވެގެން އުޅުނު މަންޒަރު ވެސް ފެނުނެވެ. އަދި އެ ޕޯސްޓްތަކުގެ ބޭނުމަކީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާއި ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާން ނައްތާލުމަށް ބަޔަކު ރާވައިގެން ހިންގާ ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ތުހުމަތުކޮށްފައި ވެއެވެ.
ރައީސުލް ޖުމްހޫރިއްޔާ އަލް-އުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް އެއީ މައުމޫނުގެ ފުރިހަމަ ނަން ކަމަށް ދެކެމުން ބޮޑުވި ޖީލު
“ޖީލަކީ 20 އަހަރު؟ ކިތައް ޖީލު ފެނިގެންތަ ތިޔަ ކުޑައިރު ކޮށްފައި ހުރި ލާނެތް ކަންތަކުގެ ފޮށާގަނޑު ބާލަނީ” އަބްދުﷲ ޖަމީލް ކިޔާ މީހަކު ލިޔެފައި ވެއެވެ.
އަދި “އަހަރެމެންގެ ޖީލޭ ކިޔައިގެން، ސިއްރުން ކޮށްފައިހުރި ހަޑިހުތުރު ފާފަތަކުގެ ވާހަކަ ފަޚުރުވެރިކަމާއެކު ދައްކަންވީއެއްނޫން،” ކަމަށް ވެސް މީހަކު ބުނެފައި ވެއެވެ.
އެހެން ކަންކަމެކޭ އެއްގޮތަށް ޖީލު ޕޯސްޓްތަކަށް ވެސް ސިޔާސީ އަސަރުކޮށްފައި ވެއެވެ. ސިޔާސީ ގޮތުން ރާއްޖެ އަށް އައި ބަދަލުތައް ވެސް މި ޕޯސްޓްތަކުގެ ތެރެއިން ފެނިގެން ދިޔައެވެ. އެ ގޮތުން އެކި ވެރިކަންތަކުގައި ހިނގާފައިވާ ކަންކަމާއި ގެއްލިފައިވާ ހައްގުތަކުގެ ވާހަކަތައް ވެސް ވަރަށް ފަށުވި އިބާރާތްތަކުން ސިފަކޮށްފައިވާ ޕޯސްޓްތައް ފެނިގެން ދިޔައެވެ. އަދި ޖީލުތަކުގެ ޕޯސްޓްތައް ބޭނުންކޮށްގެން ސިޔާސީ ގޮތުން ރައްދު ދިނުމުގެ ކަންކަން ވެސް މީގެ ތެރެއިން ފެނިގެން ދިޔައެވެ.
” އަހަރުމެންނަކީ، ‘ރައީސުލް ޖުމްހޫރިއްޔާ އަލް-އުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް’ އެއީ މައުމޫނުގެ ފުރިހަމަ ނަން ކަމަށް ދެކެމުން ބޮޑުވި ޖީލު. އިނގިއްޖެ؟،” އާދަމް މުހައްމަދު ކިޔާ މީހަކު ލިޔެފައި ވެއެވެ.
މޯބައިލް ފޯނާއި ސްކްރީންތަކުން އަޅުވެތިވެފައިވާ ޖީލު
ޖީލުގެ ޕޯސްޓްތަކުން ސިފަވެގެން ދަނީ މޯބައިލް ފޯނާއި ސްކްރީންތަކުން އަހަރެމެން އަޅުވެތިވެފައިވާ މިންވަރެވެ. އެ ތަކެއްޗާ ނުލައި ސާދާ ދިރިއުޅުމުން ދަސްވި އެތައް ކަމެއް މިހާރު ނެތި ގޮސްފައިވާ ކަމެކެވެ. ކެސެޓް ރޯލާއި ފްލޮޕީ ޑިސްކް ފަދަ ތަކެއްޗަކީ ކޮބައިކަން މިހާރު ބޮޑުވަމުން އަންނަ ކުދިންނަށް ނޭނގިދާނެއެވެ.
އެހެން ނަމަވެސް އުމުރުން 40 ވަރަކަށް އަހަރުވެފައިވާ މީހުންނަކީ ދެ ޖީލެއް ބަދަލުވެގެން ދިޔަ މަންޒަރާއި ޓެކްނޮލޮޖީގެ އިންގިލާބުގެ ދެ ޒަމާނެއް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިފައިވާ މީހުންނެވެ. އެއީ “އެނަލޮޖް” އަދި “ޑިޖިޓަލް” ޒަމާނުގެ އުފާ ލިބުނު މީހުންނެވެ.
މިއިން ކޮންމެ ކަމަކުން ހަނދާންކޮށްދޭ އެތައް ކަމެއް އެބަ ހުއްޓެވެ. އެއް ބަޔަކު އެ ޕޯސްޓްތައް ހަމައެކަނި ކިޔާލަނީއެވެ. އަނެއް ބަޔަކު ފަހުން އަނެއްކާ ވެސް އެ ވާހަކަ ދައްކަންޖެހޭތީ ފެންނަ މުހިންމު ޕޯސްޓްތަކުގެ ސްކްރީން ޝޮޓް ނަގައި ފަހަށް ރައްކާކުރަނީއެވެ.
މިއީ ތާރީހް ވެސް ރައްކާކުރުމަށް ހުޅިވިގެން ދާ ދޮރެކެވެ. ނުފެންނަ އެތައް ފޮޓޯތަކެއް ފެނިގެން ހިނގައްޖެއެވެ. އެތައް މައުލޫމާތެއް ލިބިއްޖެއެވެ. ކޮންމެއަކަސް ޖީލުތަކުގެ ފޯރި ވެސް ދުވަސްކޮޅަކަށް ދެމިގެން ދާނެއެވެ. މީގެ ދުވަސްކޮޅެއް ކުރިން މުޅި އެފްބީގައި އޮތީ އެހެން ވާހަކަކެވެ. އެ ވާހަކަތަކަށް ހިޔަނި އެޅީ ޖީލުގެ ޕޯސްޓްތަކެވެ. ޖީލުގެ ފޯރި ވެސް ނެތި ހިނގައިދާނެއެވެ.