އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޤަތަރު އެއަރވޭސްއިން

11 އޮކްޓޯބަރ 2020 - 12:24

ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ދަތުރުކޮށްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރމަހުގެ ނިޔަލަށް ބައިނަލްއަޤްވާމީ 9 ފްލައިޓަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މީގެތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުންނެވެ. ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެ އެއަރލައިނުން 60 ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު 4566 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހު ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީވެސް ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އެމިރޭޓްސްއިންނެވެ. އެމިރޭޓްސްއިން ރާއްޖެއަށް 50 ދަތުރު ކޮށްފައިވާއިރު މި ދަތުރުތަކުގައި 4058 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެމިރޭޓްސްއިން މިހާރު ވަނީ ރާއްޖެއަށް ކުރަމުންއައި ދަތުރުތައް ޑިމާންޑް އިތުރުވުމުގެ ސަބަބުން އިތުރުވެސްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އެއަރލައިންތަކުގެ 3 ވަނައިގައި އޮތީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފެށި އޭރޯޕްލޮޓެވެ. އޭރޯފްލޮޓުން 12 ދަތުރު ކޮށްފައިވާއިރު، 1820 ފަތުރުވެރިން ވަނީ އެ އެއަރލައިނުން ރާއްޖެ އައިސްފައެވެ. ރަޝިއާ ހިމެނެނީ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0