ރަށް ދޫކުރަނީ ދަނޑުވެރިކަމަށް، ބޭނުންކުރަނީ މުއްސަނދި މީހާގެ ހޮލިޑޭ ހޯމްއަށް!
13 އޮކްޓޯބަރ 2020 - 14:45
“މި މަޖިލީހުގެ ލަފާ ކޮވިޑްގެ ހާލަތުގައި އެރުވި އިރު ވަރަށް ސާފުކޮށް މި ދިރާސާތައް ކުރެވި ފަޅުރަށްތައް އިތުރަށް ދޫކުރާން އުޅުން އެއީ ބުއްދިވެރިކަމެއް ނޫން ކަމަށް މި މަޖިލީހުން ސަރުކާރަށް ލަފާ އެރުވިން،” ދަނޑުވެރިކަން ކުރުމަށް ފަޅުރަށްތައް ދޫކުރާ މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
ދަނޑުވެރިކަމުގެ ބޭނުމަށް ނުވަތަ ވަރުވާ އަށް ރާއްޖޭގެ ފަޅުރަށްތައް އާންމު ފަރާތްތަކަށް ދޫކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މުޅި ރާއްޖެ އަށް ޓުއަރިޒަމް ފެތުރިގެން ދިއުމުގެ ކުރިން ވެސް ފަޅު ރަށްތައް އޮންނަނީ ކޮންމެ ވެސް މީހަކާ ހަވާލުކޮށްފައެވެ. ކައިރީގައި އޮންނަ ފަޅުރަށްތަކަށް ދިއުމަށް ވަކި ފަރާތެއް ހުއްދަ ހޯދަންޖެހޭ ފަހަރު މަދެއް ނޫނެވެ. ރަށު އޮފީހަށް ނުވަތަ އަތޮޅު އޮފީހަށް ވެސް މި ރަށްތަކުގެ މައުލޫމާތެއް ނޭނގެއެވެ. ނުވަތަ ބާރެއް ނޯވެއެވެ. ޒަމާނުއްސުރެ މި ރަށްތަކުގެ ވެރިންނަކީ އެ އިރެއްގައި ސަރުކާރުގެ އިސް ފަރާތްތަކެވެ. އެ ގޮތުން މި ރަށްތއް ކޮންޓްރޯލްކުރަމުން އައީ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނެވެ. ނުވަތަ އެ ބޭފުޅުން މެދުވެރިވެގެން ކޮންމެ ވެސް ވިޔަފާރިވެރިއެކެވެ. މާލޭގެ މަހުޖަނެކެވެ.
ރަށްތައް ބަލެހެއްޓުން ހަވާލުކޮށްފައި އޮންނަނީ ކަތީބުންނާއި އަތޮޅުވެރިންގެ ގާތް ނުވަތަ އެ ފަރާތްތަކުގެ ދަށުން މަސައްކަތްކުރާ ކޮންމެ ވެސް މީހަކާއެވެ. ޒަމާންތައް ބަދަލުވެ ޓުއަރިޒަމަށް ރަށްތައް ހުޅުވާލެވެން ފެށުމުން ވެސް މި ނިޒާމަށް މާ ބޮޑު ބަދަލެއް ނާދައެވެ. ޓުއަރިޒަމްގެ ބޭނުމަށް ފިޔަވައި ދަނޑުވެރިކަމާއި އެ ނޫން ވެސް މަސައްކަތްތަކަށް ދައުލަތުން އިއުލާނުކޮށްގެން ދޫކޮށްފައި ހުރި ރަށްތަކުގެ ކޮންޓްރޯލަށް އައި ހަމައެކަނި ބަދަލަކީ ނުފޫޒު ގަދަ ނުވަތަ މުއްސަނދިންގެ ހޮލިޑޭ ހޯމްއަކަށް އެތަންތައް ބަދަލުވެގެން ދިއުމެވެ.
ރައީސް ނަޝީދު އެ ވިދާޅުވީ އެ ވާހަކަފުޅެވެ. ދަނޑުވެރިކަން ކުރުމުގެ ނަމުގައި މިހާރު ވެސް ސަރުކާރުން ރަށްތައް ދޫކުރެއެވެ. ނަމަވެސް އެތައް ސަތޭކަ ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ނުވަތަ އިގްތިސާދަށް ފައިދާވާ ފަދަ މަސައްކަތެއް ކުރަނީ ކިތައް ރަށުގައި ހެއްޔެވެ. ޔަގީނުން ވެސް އިނގިލިތަކުން ގުނާލެވޭހާ ވެސް މަދެވެ.
“27 ހެކްޓަރުގެ ރަށަކާއި، އަނެއްކާ ވެސް 30 ހެކްޓަރުގެ ރަށަކާއި، އޮތް ބިންކޮޅެއް ވެއްޖެއްޔާ މި ހޮލިޑޭ ހޯމަށް ދޫކޮށްލަނީ. ހަމަ ސާފުކޮށް އެނގޭ ކަމެއް މިއީ، މިއީ ދެކޮޅު ޖެހޭ މަސައްކަތެއް ނޫން،” ހޯމަ ދުވަހުގެ ޖަލްސާގައި ދަނޑުވެރިކަމާ ބެހޭ ވަޒީރުން ޒަހާ ވަހީދު މަޖިލީހުގައި ދެއްކެވި ފާހަކަފުޅުތަކާ ގުޅުގެން ރައީސް ނަޝީދު ވިދާޅުވިއެވެ.
ތެދެކެވެ. މިއިން ރަށަކުން ދައުލަތަށް ވީ ފައިދާއެއް އެބަ އޮތް ހެއްޔެވެ؟ ދަނޑުވެރިކަން ކުރުމުގެ ނަމުގައި ދޫކޮށްފައިވާ އެތައް ރަށެއް އޮތް އިރު އެއިން ރަށަކުން ދައުލަތަށް ނުވަތަ އާންމު ފަރުދުންނަށް ލިބޭ މަންފާއެއް އެބަ އޮތް ހެޔެވެ؟ ނޫނެކެވެ. މަދު ރަށެއްގައި ގިތެޔޮ މިރުހާއި ތޮޅިކޮޅަކާއި ކިއުކަމްބާ އަދި ޓޮމާޓޯ ކޮޅެއް ހެއްދިޔަސް ގިނަ ރަށްތައް އަދިވެސް ބޭނުންކުރަމުން ދަނީ ކަތީބު ޒަމާނުގައި ވެސް ބޭނުންކުރި އުސޫލުންނެވެ. ކޮންމެވެސް ނުފޫޒު ގަދަ ނުވަތަ މުއްސަންޖެއް ނުވަތަ މުއްސަނދި އާއިލާއެއްގެ ހޮލިޑޭ ހޯމެއްގެ ގޮތުގައެވެ.
ސަކާރުން ދާދި ފަހުން ވެސް ވަނީ ހަ ރަށެއް ދަނޑިވެރިކަމަށް ހުޅުވާލުމަށް ނިންމާފައެވެ. ނަމަވެސް ހަގީގަތް އޮތީ އެހެން ގޮތަކަށެވެ. ފަޅު ރަށެއްގައި ދަނޑުވެރިކަން ކާމިޔާބުކަމާ އެކު ކުރެވޭނެ މޮޑެލްއެއް ރާއްޖެއަކު ނެތެވެ. ސަބަބުތައް ގިނައެވެ. ހައްދާ ދަކެތި ކަނޑު ހުރަސްކޮށްފައި ގެންދަންޖެހުމަކީ ވެސް ދައްޗެކެވެ. މޫސުމަކީ ވެސް ގޮންޖެހުމެކެވެ. ފަޅު ރަށެއްގައި ދަނޑު ހައްދަން ކުރަންޖެހޭ ހޭދަ ބޮޑެވެ. އެވަރުގެ ހޭދައެއް ކޮށްގެން އަދި ދަތުރު ފަތުރަށް އެހާ ބޮޑު ހަރަދެއް ކޮށް މާކެޓަށް ތަކެތި ގެނެސް ވިއްކާ އިރު ބޭރުން އެތެރެކުރާ ތަކެއްޗާ ވާދަކުރެވޭ ވަރަށް އަގު ދަށްކުރެވޭނެ އެއްވެސް ހަމައެއް ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި މީހުން އުޅޭ ރަށްރަށާއި ބިން އޮތް ރިސޯޓްތަކުގައި މާކާމިޔާބުކަމާ އެކު ދަނޑުވެރިކަން ކުރެއެވެ. މިސާލުތައް ގިނަ އެވެ. އއ. ތޮއްޑޫ އާއި ކ. ކާށިދޫ އާއި ށ. ކަނޑޫދޫ ހދ. ގައި މީހުން ދިރިއުޅޭ ބިން ބޮޑު ރަށްތަކުން މާ ކާމިޔާބުކަމާ އެކު ދަނޑުވެރިކަން ކުރެއެވެ. ޅ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ކުރެއްދު އާއި އެ ނޫން ވެސް ޗަމްޕާގެ ބައެއް ރިސޯޓްތަކުގައި ކާމިޔާބުކަމާ އެކު ދަނޑުވެރިކަން ކުރަމުން އެބަ އާދެއެވެ.
ދަނޑުވެރިކަމުގެ ތަޖުރިބާކާރަކު ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ހޭދަކުރަންޖެހޭ މިންވަރު ބޮޑުވުން ކަމަށެވެ. ހާއްސަކޮށް ކުރާ ހޭދައާ ބަލާއިރު މާކެޓްގައި ވާދަކުރުމަކީ ދަތިކަމަކަށް ވެފައިވާ އިރު ދަނޑުވެރިކަމުގެ ބާވަތްތައް ހެޔޮ އަގެއްގައި ބޭރުން ގެނެވޭ ކަމަށާއި އެފަދަ ގޮތަކަށް މާކެޓް އޮތް އިރު ފަޅު ރަށްތަކުގައި ދަނޑުވެރިކަމުގެ ބާވަތްތައް ހެއްދުމަކީ ފީސިބަލް ކަމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ފަދައިން އަތޮޅުތަކުގައި ހުރި ފަޅިރަށްތައް ވާރުތަ މުދަލެއްހެން މާލޭގެ މަހުޖަނުންގެ މިލްކިއްޔާތެއްގެ ގޮތުގައި ދެމި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހެއެވެ. ލާމަރުކަޒީ ނިޒާމަކަށް ގައުމު ބަދަލުކުރަން ގާނޫނުތައް ހެދުމަކުން ނުފުދެއެވެ. ލާމަރުކަޒު ކުރެވޭނެ ބައްޓަމަކަށް ނިޒާމު ބަދަލުކޮށް އަތޮޅުގެ އިހްތިސާސްގެ ތެރޭގައި ހުރި ރަށްތަކުން އެކަށީގެންވާ މަންފާއެއް އެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭނެ ގޮތަށް މަގުފަހުކުރަންޖެހެއެވެ. ދަނޑުވެރިކަމާއި ވަރުވާ އަށް ރަށްތައް ދޫކޮށްގެން ލިބުނު ފައިދާ އާއި ލިބެން އޮތް ފައިދާއެއް އޮތް ނަމަ އެކަން ދިރާސަކޮށް ބަލައި އެކަށީގެންވާ ހެއްކާ އެކު ސަރުކާރުން ދައްކަން އެބަޖެއެވެ. ދަނޑުވެރިކަމާއި ވަރުވާގެ ނަމުގައި މަހުޖަނުންގެ ސެކަންޑް ހޯމް ނުވަތަ ހޮލިޑޭ ހޯމްއަކަށް ހެދުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. ރައްޔިތުންނަށް ފައި ބީއްސައިނުލެވޭ ނުވަތަ މަންފާއެއް ނުލިބި ރިސޯޓްތަކެކޭ އެއްގޮތަށް ވަކި މަހުޖަނެއްގެ އުފަލަށްޓަކައި ރަށްތައް ގުރުބާންކުރެވިގެން ނުވާނެއެވެ.