އޮންލައިން ޕޭމަންޓް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ފެށިއްޖެ، ހަ މަހުން ނިމޭނެ: ގަވަރުނަރު

20 އޮކްޓޯބަރ 2020 - 15:55

ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާފައިވާ ކަމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ނިމޭނެ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

އޮންލައިން ސިސްޓަމް މެދުވެރިކޮށް ކުރާ މުއާމަލާތްތަކާއި އެ ސިސްޓަމާ ގުޅޭ ކަންކަމާ ބެހޭ ގޮތުން ދައުލަތުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އޮންލައިން ޕޭމަންޓް ސިސްޓަމްގެ ބިލާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަ ދަައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޓެސްޓިންގެ މަރުހަލާ ކަމަށާއި އެ މަރުހަލާ ހަ މަހެއްހާ ދުވަހުގެ ތެރޭގައި ނިމެނޭ ކަމަށެވެ.

advertisement

ގަވަރުނަރު ވިދާޅުވީ ސިސްޓަމަށް ދިމާވާނެ މައްސަލަތައް ދެނެގަނެ އަދި އެކަން ކަން ހައްލުކުރާނެ ގޮތްތައް ދެނެގަނެ އެމްއެމްއޭގެ ޓީމެއް ވެސް އެކަމަށް ތައްޔާރުކުރަންޖެހޭ ކަމަށާއި ޕްލޭނަކީ ހަ މަހުގެ ތެރޭގައި ސިސްޓަމް ގާއިމުކޮށް ނިންމުން ކަމަށެވެ. އަދި ދެ ވަނަ މަރުހަލާގައި ކްރޮސް ބޯޑާ ޓްރާންސްސެކްޝަންތައް ރިއަލްޓައިމްގައި ހިންގުމަށް މަގުފަހިކުރުމަށް ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމާއި ދުނިޔޭގެ އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ ސިސްޓަމްތަކާއި އިންޓަގްރޭޓްކުރުން ހިމެނޭނެ ކަމަށެވެ.

އޮންލައިން ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމުން ޕޭޕަލް ފަދަ ބައިނަލްއަގުވާމީ އޮންލައިން ޕްލޭޓްފޯމްތައް ރާއްޖޭގައި ބޭނުންކުރުމަށް މަގު ހުޅުވިގެންދާނެއެވެ. އަދި ރާާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކާ ސިދާ ގުޅުވާލެވި ފައިސާ ޖަމާކޮށް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެމްއެމްއޭ އިން ވަނީ ނިންމާފައެވެ. ޕޭޕަލް ފަދަ ބައިނަލްއަގުވާމީ އޮންލައިން ޕޭމަންޓްތައް ހެދޭނެ ނިޒާމެއް ގާއިމުކުރުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. މި ނިޒާމު ގާއިމުކުރެވުމުން ރާއްޖޭގެ ވިޔަފާރިތައް ވެސް ބައިނަލްއަގުވާމީ މާކެޓްތަކަށް ހުޅުވާލުމަށް މިހާރަށް ވުރެ ފަސޭހަވެގެންދާނެއެވެ. އަދި ބޭރުގެ މާކެޓްތަކުން ވިޔަފާރިކުރުމުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0