ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ

21 އޮކްޓޯބަރ 2020 - 11:21

ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދުމަށް ޕްލޭނިން މިނިސްޓްރީން ނިންމައިފި އެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަން އަޅާ މި ބްރިޖް މަޝްރޫއުއަށް އާންމުންގެ ޙިޔާލު ހޯދުމަށް  އަންނަ ހޯމަ ދުވަހު ވާޗުއަލް ބައްދަލުވުމެއް ބާއްވަން މިނިސްޓްރީން ވަނީ ނިންމާފައެވެ. ޒޫމް މެދުވެރިކޮށް ބާއްވާ މި ބައްދަލުވުން އޮންނާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ. ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްޓަރީވުމަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

advertisement

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖްގައި ހިމެނެނީ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭތަކެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގައި ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އެމް/އެސް އަރޫޕް ލިމިޓެޑް ހޮވާފައިވަނީ ދިވެހި ސަރުކާރުންނެވެ. ޕްރޮޖެކްޓްގެ ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓްއަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީ ތަކުން ވަނީ އެޕްރޫވަލް ދީފައެވެ. ޓެންޑާ ކަރުދާސްތައް ތައްޔާރު ކުރެވޭނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކް ގުޅިގެން ދެފަރާތުގެ މެދުގައި ބާއްވާ ކޮންސަލްޓޭޝަންތަކުގެ ދަށުންނެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫގެ ދަށުން ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އަޅާނެއެވެ. މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެއެވެ. މީގެއިތުރުން ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެއެވެ.

ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތައެވެ. ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0