އަނެއްކާ ވެސް ދައުލަތުން ބަދަލު ދޭންޖެހޭ ހުކުމެއް!
22 އޮކްޓޯބަރ 2020 - 9:45
ދައުލަތުން އަމިއްލް ފަރާތަކަށް ބޮޑު ބަދަލެއް ދޭންޖެހޭ ގޮތަށް އަނެއްކާ ވެސް ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ.
މި ފަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ތިލަފުށީ ފަޅުގައި އޮތް “އެމްވީ ސީ ހޯމް ސަފާޔާ” ނަމަކަށް ކިޔާ ބޯޓު އެ ސަރަހައްދުން ނެގުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލްް) ކުންފުނިން ހަވާލުކުރި ޕާކަވަން އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަށް 597،800 ޑޮލަރު (9.2) މިލިއަން ރުފިޔާ ދެއްކުމަށެވެ.
މި މައްސަލަ ވެސް ބައްލަވާފައި ވަނީ މީގެ ކުރިން ވެސް ދައުލަތުން ބޮޑެތި ބަދަލުތަކެއް ދޭންޖެހުނު ފަދަ މައްސަލަތަކުގައި ނިޔާ ކަނޑައެޅުއްވި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރެވެ. މީގެ ކުރިން ދީބާޖާ މައްސަލާގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ވެސް ހުކުމް ކުރެއްވި ފަނޑިޔާރަކީ އަލީ ނަސީރެވެ. އަދި ޔޮޓް ޓުއާޒް އަށް 22 މިލިއަން ޑޮލަރު (339.2 މިލިއަން ރުފިޔާ) ދައްކަންޖެހޭ ކަމަށް ހުކުމް ކުރެއްވީ ވެސް އަލީ ނަސީރެވެ.
ދައުލަތުގެ 100 ޕަސެންޓް ހިއްސާވާ ޖީއެމްއައިޒެޑްއެލްގެ މައްޗަށް މި ހުކުމް ކޮށްފައި ވަނީ އެ ބޯޓު ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޖެހުނު މައްސަލަތަކަކާ ގުޅިގެން މަސައްކަތް ހުއްޓުވާފައި އޮތުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 780،511 ޑޮލަރު (10.9 މިލިއަން ރުފިޔާ ނަގައިދިނުމަށް ޕާކަވަން ކުންފުނިން ދައުވާ ކުރުމާ ގުޅިގެންނެވެ. އެ ކުންފުނިން ދައުވާކުރީ އަގު ދީގެން އެ ބޯޓު ބާއްވާފައި އޮތް ބޯޓު ޔާޑަށް ދައްކަންޖެހުނު ފީ އާއި މަސައްކަތުގެ ހަރަދު ހޯދުމަށެވެ.
ދައުލަތުގެ އެއްވެސް އިދާރާއެއްގެ ހުއްދައެއް ނެތި 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތިލަފުށީ ފަޅުގައި އެޅުމަށް ފަހު ދޫކޮށްލާފައި އޮތް ބޯޓު އެތަނުން ނެގުމަށްޓަކައި ޖީއެމްއައިޒެޑްއެލްގެ ފަރާތުން ޕާކަވަންއާ ހަވާލުކުރުމުން މިދިޔަ އަހަރުގެ ތެރޭގައި އެ ބޯޓު ކީހާލުމުގެ މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ އަގުގެ ގޮތުގައި ހަމަޖައްސާފައި އޮތީ ބާދަނޑުގެ ގޮތުގައި ވިއްކާލައިގެން ލިބޭ އެއްޗެކެވެ. ނަމަވެސް ބޯޓު ކީހާލުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ބޯޓުގެ މިލްކުވެރިކަމާ މެދު އުފެދުނު މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ އެ މަސައްކަތް ހުއްޓުވާފައެވެ.
އެ ބޯޓު ރާއްޖޭގައި ތާށިވީ 2011 ވަނަ އަހަރު ބަންގްލަދޭޝްގެ ޗިޓަގޮން ބަނދަރުން ރާއްޖެ އައި އެ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފުރުން މަނާކުރުމުންނެވެ. ޖީއެމްއައިޒެޑް އިން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ދިގުލައިގެން ދާން ފެށުމުން ބޯޓުގެ ވެރިފަރާތުން ވަނީ 2012 ވަނަ އަހަރު ތިލަފުށީ ފަޅު ތެރެއަށް ބޯޓު ދޫކޮށްލާފައެވެ. ވެރި ފަރާތެއް ހޯދުމަށް ޖީއެމްއައިޒެޑް އިން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ސިވިލް ކޯޓް މެދުވެރިކޮށް އެ ބޯޓު ވަނީ ދައުލަތަށް ނަގާފައެވެ. ނަމަވެސް ސިވިލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ބޯޓު ނެގުމުގެ މަސައްކަތް ޕާކަވަންއާ ހަވާލުކޮށްފައި ވަނީ އެ ބޯޓުގެ މިލްކުވެރިކަން ނެތި އެ އިހްތިޔާރު އޮތްކަން ދައްކައިގެން ކަމަށެވެ.
ޕާކަވަންއާ މަސައްކަތް ހަވާލުކުމުގަ އާއި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދިއުން ފަދަ ބޮޑެތި މައްސަލަތަކެއް ފާހަކުރެވިގެން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވެސް އެ މައްސަލަ ބަލާފައި ވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މައްސަލަ ބަލާފައި ވާއިރު އޭސީސީގެ ތަހުގީގުން ނިންމާފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ޖީއެމްއައިޒެޑްއެލް އިން ހެދި އިންޓާނަލް އޮޑިޓެއްގައި ބައެއް މައްސަލަތައް ފާހަގަކޮށްފައި ވެއެވެ. އެ މައްސަލަތަކާ ގުޅިގެން ޖީއެމްއައިޒެޑްއެލްގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ރަޝީދު ވިދާޅުވެފައި ވަނީ މަސައްކަތް ހަވާލުކުރުމުގައި ކުންފުންޏަށް އެއްވެސް ގެއްލުމެއް ލިބޭ ގޮތަށް އަމަލުކުރައްވާފައި ނުވާނެ ކަމަށެވެ.
މި ބޯޓުގެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ އިރު ޖީއެމްއައިޒެޑްއެލް އުވާލުމަށް ނިންމައި އެ ކުންފުނީގެ ދަށުގައި ހުރި ކަންކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވަނީ ހަވާލުކޮށްފައެވެ.
މި ސަރުކާރު އައި ފަހުން ދައުލަތުން ބޮޑެތި އަދަދުތަކުން ބަދަލު ދޭންޖެހޭ ގޮތަށް ކޯޓުތަކުން ގިނަ ހުކުމްތަކެއް މިހާތަނަށް ކޮށްފައިވާއިރު އެކަމަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ދައުލަތުން ބަދަލު ދޭންޖެހޭ ގޮތަށް ކޮށްފައިވާ މިފަދަ ބައެއް މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަދި އެތައް ބަޔަކު ދަނީ ޝަރުއީ ދާއިރާގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކުރަމުންނެވެ. ހާއްސަކޮށް ވަކިވަކި ފަނޑިޔާރުންނާ ގުޅޭ ގޮތުންނެވެ.