އެމިރޭޓްސް އަދި އޭރޯފްލޮޓްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

24 އޮކްޓޯބަރ 2020 - 14:55


މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ކުރި ޓްވިޓެއްގައި ބުނެފައިވަނީ އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެންކަމަށެވެ. އެ އެއަރލައިނުން މިހާރު ރާއްޖެއަށް ކުރަނީ ހަފްތާއަކު 2 ދަތުރެވެ. ނަމަވެސް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 4 ދަތުރުކުރާނެއެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމާއިއެކު ހުކުރުދުވަހާއި އާދިއްތަދުވަހުގެ އިތުރުން ހޯމަ އަދި ހޮނިހިރުގައިވެސް ދަތުރުތައް ކުރާނެއެވެ.

އޭރޯފްލޮޓުން ރަޝިޔާއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރަނީ ރަޝިޔާގެ ޝެރެމެޓޭވޯ އެއާޕޯޓުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށެވެ.

އޭރޯފްލޮޓްގެ އިތުރުން އެމިރޭޓްސްއިންވެސް މިމަހުގެ ތެރޭގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އެމިރޭޓްސްއިން މިހާރު އަންނަނީ ހަފްތާއަކު 7 ދަތުރު ރާއްޖެއަށް ކުރަމުންނެވެ. ނަމަވެސް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 10 ފްލައިޓް އޮޕަރޭޓްކުރާނެއެވެ. މިހާރު ކޮންމެ ދުވަހަކު ކުރާ ދަތުރުގެ އިތުރުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ހަފްތާގެ ހޯމަ، ބުދަ އަދި އާދިއްތަ ދުވަހު އިތުރު ފްލައިޓެއް ރާއްޖެއަށް އެޅުމަށް އެމިރޭޓްސްއިން ވަނީ ނިންމާފައެވެ.

ކޯވިޑް19 އަށްފަހު އެމިރޭޓްސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ދުބާއީއާއި ރާއްޖެއާ ދެމެދުއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0