އިފުރު އެއާޕޯޓާއި އިތުރު ފަޅުރަށެއް 65 މިލިއަން ޑޮލަރަށް ވިއްކާލަނީ
24 އޮކްޓޯބަރ 2020 - 15:02
ރ. އިފުރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓާއި ރިސޯޓް އަދި އިތުރު ފަޅު ރަށަކާ އެކު 65 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އަށް ވިއްކާލަން އިއުލާނުކޮށްފިއެވެ.
ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން ކޮށްފައިވާ އިއުލާނުގައި އެއާޕޯޓް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ރިސޯޓްގެ އިތުރުން ބ. އަތޮޅު ފަޅު ރަށެއް ކަމަށްވާ ފުނަދޫ ވެސް މި އަގުގެ ތެރޭގައި ހިމެނެއެވެ. ވިއްކާލުމަށް ހަމަޖައްސާފައި ވަނީ 50 އަހަރުގެ ލީސް އެގްރީމެންޓްގެ ދަށުންނެވެ.
އިފުރަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެންމެ ފުރަތަމަ އިއުލާނުކޮށްފައި ވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ނަމަވެސް އޭރު ތަފްސީލްތައް ހާމަކޮށްފައެއް ނުވެއެވެ.
ރަންވޭއާ އެކު ތަރައްގީކޮށްފައިވާ ރިސޯޓަކީ 150 ވިލާގެ ރިސޯޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ޓްވިން ވިލާ އާއި، 100 ޑުޕްލެކްސް ވިލާ އާއި 35 ބީޗް ވިލާ އާއި ޕޫލްއާ އެކު ހިމެނޭ އިތުރު ނުވަ ބީޗް ވިލާ އެވެ.
އެތަނުގައި 215 މީހުންގެ ޖާގައިގެ ރެސްޓޯރެންޓަކާއި ރިސޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ. އަދި 400 ސްޓާފުންނަށް ވެސް އެކި ފަންތީގެ ހިދުމަތްތައް ތަރައްގީކޮށްފައި ވެއެވެ. އިފުރަކީ 56.52 ހެކްޓަރުގެ ރަށެކެވެ. އެ ރަށުގައި ތަރައްގީކޮށްފައި ވަނީ 1،200 މީޓަރުގެ ރަންވޭއެކެވެ.
މި ރިސޯޓާ އެކު ވިއްކާލުމަށް އިއުލާނުކޮށްފައިވާ ބ. ފުނަދޫއަކީ ވެސް ރީތި ރަށެކެވެ. މިއީ 11.69 ހެކްޓަރުގެ ރަށެކެވެ. އެއާޕޯޓާ އެކު މި ރަށް ވިއްކާލަނީ އެ ރަށުގައި ތަރައްގީކުރުމަށް ޕްލޭންކޮށްފައިވާ 90 ވިލާގެ ކޮންސެންޕްޓާ ވެސް އެކުގައެވެ.
ބޮޑުމިނުގައި 11.69 ހެކްޓަރު ހުންނަ އިފުރުގައި އެއާޕޯޓް ތަރައްގީކުރަން އިފުރު އިންވެސްޓްމަންޓް ކުންފުންޏާ ހަވާލުކުރީ ރިސޯޓް ތަރައްގީކުރުމަށް އިތުރު ތިން ފަޅު ރަށެއް ދޭ ގޮތަށް 2011 ވަނަ އަހަރުއެވެ. އެއާޕޯޓް ނިންމައި ހުޅުވާފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެއާޕޯޓް ތަރައްގީކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން އިންނެވެ. އެއާޕޯޓް މެނޭޖްކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ.