މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 51 މިލިއަން ރުފިޔާގެ ފައިދާއެއް

27 އޮކްޓޯބަރ 2020 - 13:36

މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 51.18 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީގެ “ކުއާޓާލީ ރިޕޯޓް” ދައްކާގޮތުގައި މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 36 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 15 މިލިއަން ރުފިޔާ އެވެ.

advertisement

އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެ ކުންފުންޏަށް މިދިޔަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 350 މިލިއަން ރުފިޔާ އެވެ. އަދި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ ކުއާޓާގައި އާމްދަނީ އާއި ސާފު ފައިދާ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އާމްދަނީ އާއި ސާފު ފައިދާ ވަނީ ދަށްވެފަ އެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 353 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 52.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ރިޕޯޓު ދައްްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އަށް 951 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 119 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އެކުންފުނިން މަސައްކަތް ކުރަމުންދާ މަޝްރޫއުތައް އިތުރުވުމެވެ. ތިންވަނަ ކުއާޓަރުގައި ޖުމުލަ 70 މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއިން ދިޔައީ ކުރަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި މަގުހެދުމާއި އިމާރާތްކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ. އެ 70 މަޝްރޫއުގެ ތެރެއިން 11 މަޝްރޫއުގެ މަސައްކަތް ތިންވަނަ ކުއާޓަރުގެ ތެރޭގައި ވަނީ ނިންމާފަ އެވެ. އަދި މި މުއްދަތުގައި މުޅިން އާ 12 މަޝްރޫއުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0