2019 ވަނަ އަހަރު ބީޕީޓީގެ ގޮތުގައި ލިބުނު އާމްދަނީގެ %38 ހިއްސާކުރަނީ ފަތުރުވެރިކަން

29 އޮކްޓޯބަރ 2020 - 11:05

މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މީރާއަށް 905 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ބީޕީޓީގެ ގޮތުގައި ދައުލަތައް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީވެސް ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އެއީ ބީޕީޓީގެ ގޮތުގައި ބަލައިގަތް އާމްދަނީގެ 38.10 އިންސައްތައެވެ. މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ބީޕީޓީގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބިފައިވާއިރު 2018 ވަނަ އަހަރު ލިބިފައިވަނީ 657 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު 2 ވަނައަށް ދައުލަތައް އެންމެ ގިނައިން ބީޕީޓީ ދައްކާފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ދާއިރާއިންނެވެ. 2019 ވަނަ އަހަރު ދައުލަތައް ލިބުނު ބީޕީޓީގެ 15.70 އިންސައްތަ ހިއްސާކުރަނީ މިދާއިރާއެވެ. 2019 ވަނަ އަހަރު ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުން 372 މިލިއަން ރުފިޔާ ބީޕީޓީގެ ގޮތުގައި ވަނީ ދައްކާފައެވެ. 2018 ވަނަ އަހަރު މި އަދަދު އުޅުނީ 377 މިލިއަން ރުފިޔާގައެވެ.

ތިންވަނައަށް މިދިޔަ އަހަރު އެންމެ ބޮޑު ބީޕީޓީއެއް ދައްކާފައިވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންގެ ދާއިރާއިންނެވެ. އެ ދާއިރާއިން 2019 ވަނަ އަހަރު 282 މިލިއަން ރުފިޔާ ބީޕީޓީގެ ގޮތުގައި ވަނީ ލިބިފައެވެ.

advertisement

ބިޒްނަސް ޕްރޮފިޓް ޓެކްސް ނުވަތަ ބީ.ޕީ.ޓީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ވިޔަފާރިތަކުގެ ފައިދާއިން ނެގޭ ޓެކްސްއެކެވެ. ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ވަކި ފަރުދުން އަދި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެހާ ފަރާތަކުން މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0