އިމަރޖެންސީ ޑިޕާޗަރ ފޯމު ހުށަހަޅައިގެން މިއަހަރުގެ ނިޔަލަށް ރާއްޖެއިން ފުރޭނެ

31 އޮކްޓޯބަރ 2020 - 11:44

އިމަރޖެންސީ ޑިޕާޗަރ ފޯމު ހުށަހަޅައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީޚަކީ މިއަހަރުގެ ޑިސެމްބަރ މަހުގެ 31 ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން، ވީޒާ އައުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މިދިޔަ މާރޗް މަހުން ފެށިގެން އިތުރު ލުއި ފަސޭހަ ގޮތްތަކެއް ތަޢާރަފުކޮށްފައެވެ. ވީޒާ ދޫކުރެވެން ނެތް ހާލަތްތަކުގައި “އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ ފޯމު މެދުވެރިކޮށް، ޑިސެމްބަރ މަހުގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައެވެ.

ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ، ފަރާތެއް ޤައުމެއްގެ ބޯޑަރު ބައިނަލް އަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތައް ރާއްޖޭގައި ތިބޭ މުއްދަތުގެ ތެރޭގައި އެ ފަރާތްތަކުގެ ވީޒާ އައުކުރުމަށް އެދި ހުށަހަޅާ ފޯމާއި، ލިޔެކިއުންތައް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރުމުން، އެފަރާތްތަކުގެ ހާލަތަށް ރިޢާއަތްކޮށް، ވީޒާ އައުކޮށްދެވޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

advertisement

ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު 19 މާރޗް 2020ގެ ކުރީގެ ތާރީޚަކަށް ހަމަވެފައިވާ ފަރާތްތަކުން ވީޒާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް އީމެއިލް ކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.


އިމިގްރޭޝަނުން ވިދާޅުވީ، ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ވީޒާ އައުކުރުމަށްއެދި، 31 ޑިސެންބަރު 2020 ގެ ކުރިން ބޭނުންވާ ލިޔެކިއުންތަކާއެކު އީމެއިލް ކުރައްވާ ފަރާތްތަކުގެ، ވީޒާގެ މުއްދަތު ޖޫރިމަނާއަކާއި ނުލައި އައުކޮށްދެވޭނެއެވެ. އަދި އެ ތާރީޚުގެ ފަހުން މެއިލް ކުރައްވާ ފަރާތްތަކަށް ވީޒާގެ މުއްދަތު އައުކޮށްދޭނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްފަހު ކަމުގައި އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0