ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ހާއްސަ ލޯނެއް ބީއެމްއެލް އިން ތައާރަފްކޮށްފި

5 ނޮވެމްބަރ 2020 - 13:40

އިޔާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން އާންމު ފަރުދުންނާއި ވިޔަފާރިތަކުން ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ލޯންގެ ނަމުގައި ލޯނެއް ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 000،50ރ. އިން ފެށިގެން 000،500 ރ.އާ ހަމައަށް ރަހުނަކާ ނުލައި ދޫކުރާ ލޯނެއް ކަމަށެވެ. މިއީ 12 ޕަސެންޓްގެ އިންޓަރެސްޓެއްގައި ގިނަ ވެގެން ފަސް އަހަރުގެ ތެރޭގައި ދެއްކޭ ގޮތަށް ދޫކުރާ ލޯނެކެވެ.

advertisement

މީގެ އިތުރުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭ ގޮތް ހަމަޖައްސައި ބީއެމްއެލް އިން ވަނީ އިންޓްރެސްޓް ރޭޓް %10 އަށް ދަށްކޮށްފައެވެ. ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ 15 ޕަސެންޓް އަމިއްލައަށް ހަރަދު ކުރަންޖެހޭނެއެވެ. ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ގެނެވުނު ބަދަލާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް، ހެޔޮ އަގެއްގައި ދެމެހެއްޓެނެވި ހަކަތަ ބޭނުންކުރާ މުޖުތަމައެއް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ގްރީން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އިރުގެ އަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނަރޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަށް ކަމަށް ބޭންކުން ބުނެފައި ވެއެވެ.

“ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، އަދި ހަމައެހެންމެ ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް މި ގެނެވުނު ބަދަލުތަކާ އެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ،” ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރ މޫސާ ނިމާލް ވިދާޅުވި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0