އަމިއްލަ ހިޔާލު: މަސްވެރިކަމުން ސަރުކާރު އަތް ދޫކޮށްލާކަށް ނުވޭތަ؟

14 ފެބުރުއަރީ 2024 - 14:07

 ރާއްޖޭގެ ސިނާއަތްތަކުގެ ތެރެއިން މަސްވެރިކަމަކީ ސަރުކާރަށް ބަލަދު އަރާފައި އޮތް ސިނާއަތެކެވެ. ޓުއަރިޒަމް ރާއްޖެ އަށް ފުޅާނުވާ އިރު އިގްތިސާދުގެ މައި ލޭ ނާރުގެ ގޮތުގައި މަސްވެރިކަން އޮތް ނަމަވެސް ވިޔަފާރި އުސޫލުން ސަރުކާރުން މަސްވެރިކަމުގެ ތެރެއަށް ވަދެގެން މިހާތަނަށް ކުރަންޖެހިފައި ވަނީ ހިތި ތަޖުރިބާއެކެވެ. 

އަދި ސިނާއަތުގެ ވާދަވެރިކަން އުފެއްދުމުގައި ސަރުކާރު ފެއިލްވެ މުޅި ސިނާއަތް ވަނީ ސަރުކާރަށް ބަރޯސާކޮށްފައެވެ. ނަތީޖާއަކަށް ވެފައި ވަނީ ދުވެހުން ދުވަހަށް މާލީ އެތައް ބުރައެއް އުފުލަންޖެހުމެވެ. ސަރުކާރާ އެކީގައި ސިނާއަތް ވެސް ދަރަނީގެ ތެރޭގައި ގެނބި ދަނީއެވެ. އަދި މަސްވެރިންނާއި އޮޑިވެރިން ވެސް ކަރުތާ ފެނުގައެވެ. ސުވާލަކީ މަސްވެރިކަމުން ސަރުކާރު އަތް ދޫކޮށްލާކަށް ނުވޭތޯއެވެ؟

advertisement

ރާއްޖޭގެ ބޮޑެތި ސިނާއަތްތަކުގެ ތެރޭގައި ހަރަކާތްތެރިވުމަށް މީގެ ކުރިން ވެސް ސަރުކާރުން މަސައްކަތް ކޮށްފައި ވެއެވެ. ބޮޑު ޝިޕިން ލައިނެއް ހިންގިއެވެ. އެތައް ބިޔަ ބޯޓުފަހަރަކާ އެކު ދުނިޔޭގެ މާކެޓުގައި ވެސް ވާދަކުރިއެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ ކުންފުނި ބަންގްރޫޓްވެ، ކުންފުނީގައި ހުރި ހަރުމުދާ ވިއްކާލަންޖެހުނީއެވެ. ބާކީ ހުރި ބައެއް ބޯޓުފަހަރު ބޭނުންކުރީ މީގެ 30 އަހަރު ކުރިން އުފެއްދި މަސް ކުންފުނި “މިފްކޯ”ގެ އުފެއްދުންތައް އުފުލުމަށެވެ. 

ދަރަނި ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން

ވައިގެ ދަތުރުފަތުރުގައި ވެސް ސަރުކާރަން ކުރަންޖެހުނީ ހިތި ތަޖުރިބާއެކެވެ. ބޭރުގެ ފަރާތްތަކުގެ ހިއްސާއާ އެކު ފެށި ގައުމީ އެއާލައިން “އެއަރ މޯލްޑިވްސް” ވެސް ބަންގްރޫޓްވެ ދިޔައީއެވެ. އެކަށީގެންވާ ގޮތެއްގައި މެނޭޖްނުކުރެވުމުގެ ސަބަބުންނެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އާ އެއާލައިނެއް ސަރުކާރުން އުފެއްދިއެވެ. އެހެން ނަމަވެސް މޯލްޑިވިއަން ވެސް އޮތީ ދެ ފެން ދޭތެރޭގައެވެ. ދަރަނި ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. 

ސަރުކާރުން ޓުއަރިޒަމްގެ ދާއިރާ އަށް ވަނުމަށް ވިޔަފާރިވެރިންތަކެއްގެ އެހީގައި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ނަމުގައި އާންމުންނަށް ހިއްސާ ވިއްކައިގެން ކުންފުންޏެއް އުފައްދައި މަސައްކަތް ފެށިއެވެ. ބައެއްގެ މޮޅު ރޭވުމެއްގެ ތެރެއިން ފުރަތަމަ ދެ އަހަރުގެ ތެރޭގައި ޑިވިޑެންޓްގެ ގޮތުގައި އެ މީހުންގެ އިންވެސްޓްމަންޓް ކަވަރުކޮށް ކުންފުނި އޮޔާލީއެވެ. ފިނިހަކަ ދުވެލީގައި ކުންފުނި ދެމި އެބަ އޮތެވެ. އަހަރުތަކެއްގައި ގެއްލުމުގައި ވެސް ހިންގިއެވެ. 

މިއީ ސަރުކާރުން ބޮޑެތި ސިނާއަތްތަކުގައި ކުރަންޖެހިފައިވާ ތަޖުރިބާއެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައި ވަނީ މަސްވެރިކަމުގެ ސިނާއަތުންނެވެ. ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި މިފްކޯ އަށް ފައިދާ ވެފައި ވަނީ ހައެއްކަ އަހަރުއެވެ. އެހެން ކަމުން ދަރަނި ވަނީ ދެ ބިލިއަން ރުފިޔާއާ ކައިރިކޮށްފައެވެ. މަސް ކިރުވާފައި މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދު 400 މިލިއަނުން މައްޗަށް އަރައިފިއެވެ. 

އަދިވެސް އެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާކުރެވެއެވެ. މަސްވެރިންނަށް ފައިސާ ނުލިބި ހައެއްކަ މަސް ވާއިރު މަސްވެރިންނާއި އޮޑިވެރިން ވެސް ތިބީ ވަރަށް ހާލުގައެވެ. ދޯނިތައް ބަންނަން ނަގާފައިވާ ލޯނުތައް ދެއްކޭނެ ގޮތެއް ނެތި ދަނީ ޑިފޯލްޓް ވަމުންނެވެ. އިންޖީނުތައް އޯވާހޯލްކުރާނެ ފައިސާއެއް ނެތެވެ. 

މަސްވެރިކަމުގެ ސިނާއަތް ވަނީ އަޑިއަޅާލާފައި

މިފްކޯއާ އެކު މުޅި މަސްވެރިކަމުގެ ސިނާއަތް ވަނީ އަޑިއަޅާލާފައެވެ. އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައި ވަނީ ސިޔާސީ ގޮތެއްގައި މިފްކޯ ހިންގަމުން ދިއުމެވެ. ސިޔާސީ ބޭނުމަށް މަހުގެ އަގު ކޮންޓްރޯލްކޮށް މިނިވަންކަމާ އެކު ވިޔަފާރިކުރުމަށް އޮތް ފުރުސަތު ހަނިކޮށްފައި ވުމުގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި މިފްކޯއަކަށް ނޫނެވެ. 

ކުންފުނީގެ މާލީ ހާލަތާ ނުބައްދަލު އަގެއް ކަނޑައެޅުމުގެ ސަބަބުން ކުންފުންޏަށް ގެއްލުންވާ އިރު ބާނާ ހުރިހާ މަހެއް ބޮޑު އަގުގައި ގަންނަމުން ދިއުމުގެ ސަބަބުން އަމިއްލަ ކުންފުނިތައް ވެސް ވަނީ ބަންގްރޫޓުވެފައެވެ. ސަރުކާރުން ގަންނަ އަގުގައި މަސް ގެނެވެން ނެތުމުން ސިނާއަތުގެ ވާދަވެރިކަން ގެއްލި އަމިއްލަ ކުންފުނިތައް ވަނީ އިނދަޖެހިފައެވެ.

ފާއިތުވި އަހަރުތަކުގައި މިފްކޯ އަށް ގެއްލުންވަމުން ދިއުމުގެ ސަބަބުން ސިނާއަތަށް އަންނަމުން ދިޔަ ކުރިއެރުމާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރެވިފައެއް ނުވެއެވެ. އުފެއްދުންތެރިކަން ކުރިއެރުވުމަށް ބޭނުންވާ މިންވަރަށް ކުންފުނީގެ ކޭޕޭސިޓީ އިތުރުކުރެވިފައެއް ނުވެއެވެ. މަރާމާތަށް އެކަށީގެންވާ ބަޖެޓް ނުލިބުނު އާލާތްތައް ވަނީ ބާވެ ހަލާކުވެފައެވެ. އޭގެ ސަބަބުން ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ހުރަސް އެޅިފައެވެ. 

ސިޔާސީ ބޭނުންތަކަށް ވަޒީފާތައް އިތުރުކުރުމުން އޯވާހެޑް ވަނީ ބޮޑުވެފައެވެ. ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި އޮތް ނަމަވެސް މުޅި ކުންފުނި ބަރޯސާވެފައި އޮތީ ސަރުކާރުގެ ސަބްސިޑީއަށެވެ. މި ސަބަބުތަކާ ހުރެ މުޅި ސިނާއަތް މި ވަނީ ގެނބެން ކައިރިވެފައެވެ. 

މަސްވެރިކަމުގެ ދާއިރާ އިން ސަރުކާރު އެއްފަރާތް ވުމަށް މީގެ ކުރިން ވެސް އެކި ފަރާތްތަކުން ގޮވާލާފައި ވެއެވެ. ސަރުކާރުން ވެސް އެ މަގަށް މަސައްކަތް ކުރިއެވެ. އެ ގޮތުން ޕަބްލިކް ކުންފުންޏަކަށް ހެދުމަށް ވެސް މަސައްކަތް ކުރިއެވެ. އަދި ކުންފުނި ވިއްކާލައި ޕްރައިވަޓައިޒްކުރުމަށް ވެސް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ކޮޅެއްގައި ޖެހިފައެއް ނުވެއެވެ. 

ތަޖުރިބާކާރުން ދެކޭ ގޮތުގައި މަސްވެރިކަން އަމިއްލަ ފަރާތްތަކަށް ދޫކޮށްލަންޖެހޭތާ ކިތަންމެ ދުވަހެކެވެ. ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ސަރުކާރުން ގަންނަން ނުޖެހޭ ގޮތަށް މަސްވެރިން ބާނާހާ މަހެއް ސަރުކާރުން ގަންނާކަށް ނުޖެހެއެވެ. ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރިހަމަ މިނިވަންކަން މިފްކޯ އަށް ލިބިގެން ނޫނީ އެ ކުންފުންޏަށް އަރައިގަނެވޭކަށް ނެތެވެ. ކޮންޓްރޯލް އަގު ދޫކޮށްލައި މާކެޓް ރޭޓުގައި މަސް ގަތުމަށް ފުރުސަތު ދޭންޖެހެއެވެ. 

އަދި ސަރުކާރުން ވިޔަފާރިކުރުމުގެ ބަދަލުގައި އެ ވިޔަފާރީގެ ކޮންޓްރޯލާއި މަސްވެރިންގެ ބަލަދުވެރިކަން ސަރުކާރުން ދޫކޮށްލައިގެން ނޫނީ އެ ސިނާއަތަށް ކުރިއެރުމެއް ނެތެވެ. އެކަން އެ ގޮތަށް ކޮށްފައި ސަރުކާރުން ކުރަންޖެހޭ ކަމަކީ މަސްވެރިންނަށް މާކެޓް ހޯދައިދިނުމެވެ. ހަމަ އަގު ހޯދައިދިނުމަށް ބޭރުގެ ފަރާތްތަކާ އޮންނަ ގުޅުން ކުޑަކޮށް ޔޫރަޕްގެ ޓެކްސްތައް ކުޑަކުރެވޭނެ ގޮތްތައް ހޯދުމެވެ. މަސްވެރިންގެ ބަލަދުވެރިކަން ސަރުކާރުގައި އޮތްހާ ހިނދަކު ސިނާއަތަށް ކުރިއެރުމެއް ނެތެވެ. 

ރިއެކްޝަންސް
0
0
0
0
1
0
0