2021ގެ ބަޖެޓް: ދަރަނި ބޮޑަސް އިގްތިސާދަށް މުހިންމު ބަޖެޓެއް!

11 ނޮވެމްބަރ 2020 - 10:16

މި އަހަރުގެ މާޗް މަހާ ހަމައަށް ރާއްޖޭގެ އިގްތިސާދު އައީ ވަރަށް ހަލުވި ބާރު މިނެއްގައި ކުރިއަރަމުންނެވެ. ޓުއަރިޒަމް ވެސް މި އަހަރުގެ ތެރޭގައި އާ ރެކޯޑްތަކެއް މުގުރާނެ ކަމަށް ކުރިން އޮތީ އަންދާޒާކުރެވިފައެވެ. ނަމަވެސް ކޮވިޑް-19އާ އެކު އެހުރިހާ ކަމެއް އެފުށް މިފުށަށް ޖެހުނީއެވެ. ކޮވިޑް-19އަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވަ މުސީބާތެކެވެ. ރާއްޖޭގެ އިގްތިސާދު ވެސް ހުއްޓުމަކަށް އައީއެވެ. މީގެ ކުރިން ވެސް ދަރަނިން ސަލާމަތް ނުވެވި އަނދަވަޅަކަށް ވެއްޓެމުން ދިޔަ ރާއްޖެ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވީއެވެ. ދަރަނީގެ ދަންތުރަތަކުން ސަލާމަތްވެ ހަމަ އިސްކޮޅަށް ދެމެލަން މަސައްކަތް ފަށާފައި ވަނިކޮށް ކުރިމަތިވި މި ބަލިމަޑުކަމުގައި އިގްތިސާދު މި ވަނީ އިނދަޖެހިފައެވެ. ނަތީޖާއަކަށް ވެފައި ވަނީ މަސައްކަތްތައް ހުއްޓި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފެށިގެން ބޮޑެތި ރިސޯޓްތަކާއި ބޮޑެތި އިންވެސްޓްމަންޓްތައް ވެސް ހުއްޓުމަކަށް އައުމެވެ. އޭގެ ސަބަބުން އެތައް ބައެއް ވަޒީފާ ވަނީ ގެއްލިފައެވެ. ދައުލަތަށް އާމްދަނީ ލިބުން ވަނީ ހުއްޓިފައެވެ.

މިފަދަ ދަތި ހާލަތެއްގައި ވަނިކޮށް ދައުލަތުން މި ވަނީ އަންނަ އަހަރަށް ލަފާކޮށް ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައެވެ. އަންނަ އަހަރަށް ލަފާކޮށް ތައްޔާރުކޮށްފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިހިނގާ އަހަރަށް ވުރެ ކުޑަ ތަންކޮޅެއް ކުޑަ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 17.7 ބިލިއަން ރުފިޔާއެވެ. މާނައަކީ 15.5 ބިލިއަނުން ދަރަނިވުމެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ވެސް ބޮޑު އަދަދެކެވެ. ސުވާލަކީ މިފަދަ ހާލަތެއްގައި މިހާ ބޮޑު ބަޖެޓެއް ހުށަހެޅީ ކީއްވެ ހެއްޔެވެ؟

advertisement

އިގްތިސާދު ކޮޅަށްޖެހުމަށްޓަކައި ކުރެވެން އޮތް މަސައްކަތަކީ އުފެއްދުންތެެރިކަން އިތުރުކުރުމެވެ. އެކަން ކުރެވޭނީ މަސައްކަތްތަކެއް ކޮށްގެންނެވެ. މަސައްކަތްތަކެއް ކުރާ ނަމަ އިންވެސްޓްމަންޓްތަކެއް ވެސް ކުރަންޖެހެއެވެ. ނުވަތަ ހަރަދުތަކެއް ކުރަންޖެހެއެވެ. އިގްތިސާދު އަޑިއަޅާލާފައިވާތީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސައިފި ނަމަ އުފެއްދުންތެރިކަން ދަށަށް ދާނެއެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމެވެ. ދަރަންޏަށް ފައިސާ ނަގައިގެން ވިޔަސް އިގްތިސާދަށް ފައިސާ ޕަމްޕްކުރުމެވެ. މީގެ ނަތީޖާ ފެންނާނީ ކިހިނެއްކަން ބުނަން އަދި މާ އަވަހެވެ. ނަމަވެސް ސަރުކާރުގެ އުންމީދު ބޮޑެވެ.

މިއަދު އަންދާޒާކުރިވަރާ ގާތަށް ވެސް އާމްދަނީ ނުލިބޭތީ ބަޖެޓް ފޫބައްދަން މިހާރު ވެސް ގިނަ ދަރަނިތަކެއް ވަނީ ނަގާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ފޫބައްދަން ނަގާ ދަރަންޏާ އެކު ދައުލަތުގެ ދަރަނި 80 ބިލިއަނުން މައްޗަށް ދާނެ ކަމަށް ބެލެވެއެވެ. މިހާ ބޮޑު ދަރަންޏަކާ އެކު ދައުލަތަށް މި ބުރަ އުފުލޭނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއްބަޔަކު ދެކޭ ގޮތުގައި މިހާ ބޮޑު ދަރަންޏަކާ އެކު ދައުލަތް “ޑިފޯލްޓް” ވުން ގާތެވެ.

އެހެން ނަމަވެސް ސަރުކާރުން ދެކެނީ އެގޮތަކަށް ނޫނެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މިއީ ދަތި ދުވަސްތަކެއް ނަމަވެސް ދަރަނި ދެއްކޭނެ މަގު ދައުލަތުން ފަހިކުރާނެއެވެ. އަދި މިއީ ދަރަނި ނަގައިގެން ވިޔަސް އިގްތިސާދު ނަގަހައްޓަންޖެހޭ ފަދަ ދަނޑިވަޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

“ދަރަނި ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް. [ދަރަނި] ދެމެހެއްޓެނިވި މަގަށް ގެނައުމަށް ފިސްކަލް ކޮންސޮލިޑޭޝަން ނުވަތަ ކަމަރު ބާރުކުރުމަކީ މި ވަގުތު ބުއްދިވެރިކަމެއް ނޫން،” މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ފިޔަވަޅުތަކެއް އަޅަންޖެހޭނީ ރިކަވަރީ އަށް ފަހުގައި ކަމަށާއި ބަޖެޓް ބައްޓަންކޮށްފައި ވަނީ މިހާލަތުން އަރައިގަތުމަށް ވިސްނައިގެން ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް އަންނަ އަހަރަށް ވެސް އޮތީ ބުރަ ބޮޑު ބަޖެޓެކެވެ. މިއީ ބަޖެޓްގައި އަބަދު ވެސް އޮންނަ ޝަކުވާއެކެވެ. ބައިނަލްއަގުވާމީ މާލީ އެހީދޭ ޖަމާއަތްތަކުން ވެސް އެންމެ ކަންބޮޑުވުމެއް އޮތް ކަމަކީ މިއީ އެވެ. ލިބޭ އެއްޗަކަށް ވުރެ ހޭދަކުރާ މިންވަރު އިތުރުވުމެވެ. ހާއްސަކޮށް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ރިކަރަންޓް ނުވަތަ ހިންގުމުގެ ހަރަދު އިންތިހާ އަށް ބޮޑުވުމެވެ. މިއީ އުޅެ އުޅެ ވެސް އެއްވެސް ސަރުކާރަކަށް ކުޑަކުރެވުނު ހަރަދެއް ނޫނެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގެ ވެސް ބޮޑު ބަޔަކީ މި ކަމަށް ހޭދަވާނެ ފައިސާއެވެ.

އެހެންކަމުން ދެން އޮތް ގޮތަކީ ލިބޭ މިންވަރު އިތުރުކުރުމެވެ. ނުވަތަ ފައިސާ ލިބޭނެ އާ ގޮތްތައް ހޯދުމެވެ. އާ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގައި މިކަމަށް އިސްކަން ދީފައި ވެއެވެ. ކެޕިޓަލް ހަރަދުގެ އިތުރުން އުފެއްދުންތެރިކަން އިތުރުކުރުމަށް ވެސް ސަރުކާރުން އަންނަ އަހަރު ބޮޑު ހޭދައެއް ކުރުމަށް ވަނީ ރާވާފައެވެ. އެ ގޮތުން އާ ޓެލެކޮމް ކުންފުންޏަކަށް ލައިސަންސް ދިނުމާއި މާލެ ސަރަހައްދުގެ ކޮންޖެކްޝަން ޗާޖެއް ނެގުމާއި ބިން ވިއްކުމާއި ޓުއަރިޒަމް ފުޅާކުރުން ހިމެނެއެވެ. އެ ގޮތުން މި ކަންކަމުން 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. މިއީ މިހާރު ލިބެމުން އަންނަ ޓެކްސްގެ އިތުރުން އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއެކެވެ. މީގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް ވެސް ސަރުކާރުން މަސައްކަތްތަކެއް ވަނީ ރާވާފައެވެ. ދުރު މުސްތަގުބަލުގައި އޭގެ ފައިދާ ވެސް ފެންނާނެއެވެ.

ޖުމްލަކޮށް ބުނާ ނަމަ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ރިސްކް ބޮޑު ބަޖެޓެކެވެ. ދަރަނީގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާ ވާންޖެހޭ އަދި ދައުލަތުގެ ދަރަނި އިންތިހާ އަށް އުފުލޭނެ ބަޖެޓެކެވެ. ނަމަވެސް މިއީ މިދަނޑިވަޅަށް މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ. އިގްތިސާދީ ހީނަރުކަމުން އަރައިގަނެ ވަޒީފާތައް އުފެދި އުފެއްދުންތެރިކަން އިތުރުކުރެވެން އޮތީ ހަރަދުތަކެއް ވެސް ކޮށްގެންނެވެ. އަންނަ އަހަރު ވާނީ ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ އަހަރަކަށެވެ.

ރިއެކްޝަންސް
1
0
0
0
0
0
0