ރިޕޯޓް: އާ ޑްރޯންތައް — ދިވެހިންނަށް ލިބުނު ފަހުރެއް!
17 މާޗް 2024 - 12:43
މިހާތަނާ ޖެހެންދެން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ބަރޯސާވާންޖެހިފައި އޮތީ ބޭރުގެ ގައުމުތަކަށެވެ. އަވަށްޓެރި އިންޑިއާ އާއި ސްރީ ލަންކާ އަދި ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގައި ގާއިމުވެ ތިބި އެމެރިކާ ސިފައިންނަށެވެ. އެހެން ނަމަވެސް އަމިއްލަ ގާބިލްކަން އިތުރުކުރުމުގެ އާ ބާބެއް މި ވަނީ ފެށިފައެވެ.
ދިވެހި ކަނޑުތައް ބެލެހެއްޓުން ދިވެހިންގެ އަތްމައްޗަށް
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެންމެ ޒަމާނީ ޑްރޯންތައް ބޭނުންކުރަން ފަށާފައެވެ. މިއާ އެކު ދިވެހިންގެ ވައިގެ ބާރު ނުވަތަ ސިފައިންގެ އެއާ ކޯގެ ގޮތުގައި ހާއްސަ ފައުޖެއް މުޅިން އަލަށް ވަނީ އުފައްދާފައެވެ. މިއީ އަސްކަރީ ފޯރުންތެރިކަން އިތުރުކުމަށް އާ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ވައިގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް އެކުލަވައިލި ފައުޖެކެވެ.
އެއާ ކޯގެ މަސައްކަތް ފަށާފައި ވަނީ ތުރުކީން ގެނައި ޒަމާނީ ތިން ޑްރޯންއާ އެކުގައެވެ. އާ ސަރުކާރުގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި އިތުރު އުޅަނދުފަހަރު އެ ފައުޖަށް ހޯދައިދިނުމެވެ. އޭގެ ތެރޭގައި އަސްކަރީ މަތިންދާބޯޓައި ހެލިކޮޕްޓަރާއި އިތުރު ޑްރޯންތައް ހިމެނެއެވެ.
ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެން ވިޔަސް ކަނޑުގެ ސަރަހައްދާ އެކު ރާއްޖެއަކީ ކުޑަ ގައުމެކޭ ބުނެވޭކަށް ނެތެވެ. ރާއްޖެ ބަލަހައްޓަންޖެހޭ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ބޮޑު މާސިންގާ ކަނޑެކެވެ. އަދި ރާއްޖެ އޮތް ސަރަހައްދަކީ އިންޑިއާ ކަނޑުގެ މުހިންމު ސަރަހައްދެކެވެ.
ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ދާ އުޅަނދުފަހަރު ހުރަސްކުރާ މުހިންމު ދޮރާއްޓެކެވެ. ހަމަ މިއާ އެކު މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާކަން މީގެ ކުރިން ވެސް ވަނީ ހާމަވެފައެވެ. މި ރޫޓުގެ ތެރެއިން ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތި ވެސް މަދެއް ނޫނެވެ.
މިހާތަނާ ޖެހެންދެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ކޮންޓްރޯލް އޮތީ އިންޑިއާގެ އަތްމަތީގައެވެ. އެކަމަށް ބޭނުންކުރަނީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހިލޭގެ އެހީގެ ގޮތުގައި ދީފައިވާ މަނަވަރާއި އަދި އިންޑިއާ ސިފައިން އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯތެކެވެ. “ސާރޗް އެންޑް ރެސްކިއު” އަދި މެޑިކަލް އެމްބިއުލެންސްގެ ގޮތުގައި ވެސް ބޭނުންކުރީ މި އުޅަނދުފަހަރެވެ. ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު އޮޕަރޭޓްކުރުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާގެ 70 ވަރަކަށް ސިފައިން އަބަދު ވެސް ތިބެއެވެ. މިއީ މިހާރު ވެރިކަމުގައި އޮތް ޕީޕީއެމް އަދި ޕީއެންސީން ދެކޮޅު ކަމެކެވެ.
ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑު ވައުދަކީ ވެސް އިންޑިއާ ސިފައިން ބޭރުކުރުމެވެ. އެހެން ކަމުން ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ އެކު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވިއެވެ. އަދި އިންޑިއާގެ އުޅަނދުފަހަރު ބޭނުންކުރުން ހުއްޓާލައި އަމިއްލަ އަސްކަރީ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ފެށިއެވެ. އިންޑިއާގެ ޔުނީފޯމް އެޅި އަސްކަރީ މީހުން ފޮނުވާލުމަށް ފަހު ސިވިލް މީހުން ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް އިންޑިއާގެ އުޅަނދުފަހަރު ބޭނުންކުރަން ފެށުމާ މެދު ވަކި އެއްޗެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާއާ ފެއަށް ޖެހި އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި އަސްކަރީ ކަންކަމުގައި އެހެން ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމުގެ ފުރަތަމަ މަރުހަލާގައި ސަރުކާރުން ވަނީ މޯލްޑިވިއަން އިން ކުރިން ބޭނުންކުރަމުން އައި މަތިންދާބޯޓެއް އެއާ އެމްބިއުލެންސްއަކަށް ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ސީ ޕްލޭނެއް ވެސް ވަނީ އެ ހިދުމަތަށް ހާއްސަކޮށްފައެވެ. އަދި ހެލިކޮޕްޓަރެއް ވެސް އިތުރުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިއާ އެކުއެކީގައި ވައިގެ ސަރަހައްދު ބެލެހެއްޓުމުގައި އެހެން ގައުމުތަކަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ތުރުކީން ގެނައި ތިން ޑްރޯން މި ވަނީ ބޭނުންކުރަން ފަށާފައެވެ. ތުރުކީއަކީ ޑްރޯން ޓެކްނޮލޮޖީގައި އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. ރާއްޖެއަށް ގެނައި ޑްރޯންތަކަކީ ބީޓީ-2 މަރުކާގެ ޑްރޯންތަކެކެވެ.
ބީޓީ-2ގެ ގާބިލްކަން:
- 25،000 ފޫޓަށް މައްޗަށް އަރާ
- މެދު ނުކެނޑި 27 ގަޑިއިރު އޮޕަރޭޓްކުރެވޭ
- 18،000 ފޫޓު މަތިން އޮޕަރޭޓްކުރޭ
- ފުލީ އޮޓަމެޓިކް ލޭންޑިން
- އޮޓޯ ޕައިލެޓް ސިސްޓަމް
- މެކްސް ސްޕީޑް: 70-120 ނޮޓް
- ކޮމިއުނިކޭޝަން ރޭންޖް: 300 ކިލޯ މީޓަރު
- ފިއުލް: 300 ލީޓަރު (ގެސޮލިން)
- ވެއިޓް ކެޕޭސިޓީ: 150 ކިލޯ
މި އުޅަނދުތައް މި ވަގުތު ބޭނުންކުރަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކަމަށް ވިޔަސް މިއީ ހަތިޔާރު ވެސް ހަރުކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ އުޅަނދުތަކެކެވެ. ދުވާލާއި ރޭގަނޑު ވެސް މަންޒަރުތައް ސާފުކޮށް ފޮނުވައިދޭ މި އުޅަނދުފަހަރު އޮޕަރޭޓްކުރުމަށް ބޭނުންކުރަނީ މޯބައިލް ނުވަތަ އެއްތަނުން އަނެއްތަނަށް ފަސޭހައިން އުފުލޭ ސްޓޭޝަންތަކެވެ. މި އުޅަނދުތައް ބޭނުންކޮށްގެން ރާއްޖޭގެ ތިން ސަރަހައްދަކުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓަމުން ގެންދާނެވެ.
ޑްރޯންތައް ބޭނުންކުރަން ފެށުމާ އެކު ސަރުކާރަށް ފާޑުކިޔުންތައް
ޑްރޯންތައް ބޭނުންކުރަން ފެށުމާ އެކު ބައެއް ފަރާތްތަކުން ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް އަސްކަރީ ގާބިލްކަން އިތުރުވެ، އަމިއްލަ އުޅަނދުފަހަރު ބޭނުންކުރަން ފެށުމަކީ ދިވެހިންނަށް ލިބުނު ފަހުރެކެވެ. އަރައިރުމެއް އޮތިއްޔާ އޮތީ އެ އުޅަނދުފަހަރު ހޯދުމުގައި ސަރުކާރުން އަމަލުކުރާ ގޮތަކާ މެދުގައެވެ.
އިގްތިސާދީ ދަތިކަމުގެ ވާހަކަ ކޮންމެ ދުވަހަކު ދައްކަމުން ވެސް މި ފަދަ ބޮޑެތި ހަރަދުތައް ސަރުކާރުން ކުރާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޑްރޯން ހޯދުމަށާއި އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ކުރާ ހޭދައިގެ ތަފްސީލް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ ވެސް ބައެއް ފަރާތްތަކުން އެކި ތުހުމަތުތައް ދަނީ ކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުން ޑްރޯންގެ ހިދުމަތް ފެށުމަށް އެމްޑީޕީ ވެރިކަމުގައި އޮތް އިރު ވެސް މަސައްކަތްތަކެއް ކުރަވުނެވެ. އެ ގޮތުން އެމްރިކާގެ ހިލޭގެ އެހީގެ ދަށުން އެކަން ކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި އެ ކަމަށް މަގުފަހިވި ކަމަށެވެ. އެ މަރުހަލާގައި އޮތް ކަމެއްގައި ބޮޑު އަގުގައި ތުރުކީން ޑްރޯން ގަތީ ކީއްވެތޯ އެމްޑީޕީން ސުވާލު އުފައްދާފައި ވެއެވެ. އެހެން ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމުނު އިރު އެކަން ނުވެ އޮތީ ކީއްވެތޯ ސުވާލުކުރާ ފަރާތްތައް ވެސް މަދެއް ނޫނެވެ.
ކިތަންމެ ވަރަކަށް ފާޑުކިޔުން އަމާޒުވި ނަމަވެސް އަދި ކޮންމެ ގޮތަކަށް އެކަން ކުރިކަމުގައި ވިޔަސް ރައްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުވުމަކީ ދިވެހިންނަށް ލިބޭ ކުރިއެރުމެކެވެ.
ޒަމާނީ ޑްރޯންތަކެއްގައި ދިވެހި ރާއްޖޭގެ ދިދަ ޖަހައި، ދިވެހި ބަހުން ލިޔެފައިވާތަން ފެނުމުން ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިވާނެއެވެ. އަދި މުސްތަގުބަލުގައި މި ފައުޖު ފުޅާވެ، ރާއްޖޭގައި ވެސް އެކަށީގެންވާ ގާބިލް އެއާ ފޯސްއެއް އޮތުމަކީ ކޮންމެ ދިވެއްސަކު ވެސް ދެކެން ބޭނުންވާނެ ދުވަހެކެވެ. ތުރުކީގެ ޑްރޯންތަކަކީ މި މަގުން އެޅުނު މުހިންމު ފުރަތަމަ ފިޔަވަޅެވެ.