ރިޕޯޓް: ވޯޓް ވިއްކާލާފައި ހައްޤުތަށް ކަށަވަރުކޮށްދިނުމަށް ގޮވުން ހުއްޓާލަންޖެހޭ
21 މާޗް 2024 - 15:15
“އެހީ އަށް ބޭނުންވާ މީހަކު ވޯޓު، ލާރިއަށް ދިނުން އެއީ މައްސަލައެއް ނޫން،” މީހަކު ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ. މިއީ އެންމެ މީހެއްގެ ވިސްނުމެއް ނޫނެވެ. ސޯޝަލް މީޑިއާ ހާވާލައިފި ނަމަ މިފަދަ އެތައް ޕޯސްޓެއް ފެންނާނެއެވެ. ވޯޓު ވިއްކަން ޖަހާފައި ވެސް އެބަހުއްޓެވެ. އަދި ވޯޓު ދޭނީ ގިނައިން “ލާރި” ދޭ މީހަކަށް ކަމަށް ވެސް ބުނެފައި އެބަ ހުއްޓެވެ. ވޯޓު ވިއްކުމަކީ އެހާ ވެސް އާދައިގެ ކަމަކަށް ވެއްޖެއެވެ.
ވޯޓު ގަނެ ވިއްކުމަކީ ގާނޫނީ ބޮޑު ކުށަކަށް ވިޔަސް މިކަން ބަލާނެ ބަޔަކު ނެތި ދޫވެފައި އޮތް ކަމަކަށް ވުމުން އެއީ ހަމައެކަނި ގާނޫނެއްގައި ލިޔެފައި އޮންނަ ތަންކޮޅެކެވެ. ތަންފީޒުކުރާނެ އިދާރާއެއް ނެތުމުން ވޯޓު ގަނެވިއްކުމަކީ މިހާރު “ހުއްދަ” ކަމެކެވެ. ވޯޓު ގަނެވިއްކާ ވާހަކަ އާންމު ޕްލެޓްފޯމްތަކުގައި ދެއްކުމަށް އެއްވެސް މީހަކު ޖެހިލުމެއް ނުވެއެވެ. ވޯޓުގެ “ސޭލް” އަޅުވަނީ އެކަން ހުއްޓުވާނެ ބަޔަކަށް ނުވުމުންނެވެ.
އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މި ފަހަރު ވެސް އޮތީ ހަމަ “ހަކުރު ދެންޏާ ބޮޑުބޭބެ” އުސޫލު
ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެތައް ސަތޭކަ ކެންޑިޑޭޓުން އަންނީ ތާއީދު ހޯދުމަށް ކެމްޕެއިން ކުރަމުންނެވެ. އެހެން ނަމަވެސް އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މި ފަހަރު ވެސް އޮތީ ހަމަ “ހަކުރު ދެންޏާ ބޮޑުބޭބެ” އުސޫލެވެ. ގިނަ ފައިސާ ޚަރަދުކުރާ މީހަކަށް އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑެވެ. ނަތީޖާއަކަށް ވަނީ ގިނަ ވިޔަފާރިވެރިންތަކެއް ގޮނޑި ކާމިޔާބުކުރުމެވެ. އަދި ކޮންމެވެސް ވިޔަފާރިވެރިއެއް ނުވަތަ ވިޔަފާރިވެރިންތަކެއްގެ ތާއީދު އޮތް މީހަކަށް ގޮނޑި ލިބުމުގެ ފުރުސަތު ބޮޑުވުމެވެ.
ވޯޓު ގަނެވިއްކުން އާންމު ކަމަކަށް ވުމުން ވަރަށް އާދައިގެ ކަންކަމުގައި ވެސް ކެންޑިޑޭޓުންގެ ފަރާތުން އެހީ ހޯދައެވެ. މީގެ ކުރިން ވޯޓު ގަންނަނީ ފޮތްބަޔާއި ފޮތް ފަންސޫރު ފަދަ ތަކެތި ގަނެ ދީގެންނެވެ. ބޭސް ސިޓީ އަށް ބޭސް ނަގައިދީގެންނެވެ. ދަރިންގެ ކޮލެޖް ނުވަތަ ޔުނިވާރސިޓީ ފީ ދައްކައި ދީގެންނެވެ. ނަމަވެސް އެ ހަރަދުތައް ދައުލަތުން ކުރަން ފެށުމުން އިތުރު ކަންކަމަށް އެދެން ފެށީއެވެ.
ފުރާޅުގެ ޓިނު ބަދަލުކޮށްލުމަށެވެ. ގޯތީގެ ވަށައިފާރު ރާނައިލުމަށެވެ. ގޭގެ ދޮންނަ މެޝިނާއި ފްރިޖާއި އެ ނޫން ވެސް ބައެއް ސާމާނު އާކޮށްލުމަށެވެ. ނަމަވެސް އެކަންކަން ވެސް މަޑުމަޑުން ދަނީ ބަދަލުވަމުންނެވެ. ލުއި ލޯނުތަކުން އެފަދަ އެއްޗެހި ގަތުމަށް މަގުފަހިވެފައިވާތީ މިހާރު ވޯޓު ހޯދަން އަންނަ މީހާގެ ކިބައިން ސީދާ ނަގުދު ފައިސާ އަށް އެދޭ މީހުން ވެސް މަދެއް ނޫނެވެ. ނުވަތަ ލޯނު ދައްކައިލުމުން ވޯޓު ލިބޭނެ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.
ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ހަރަކާތްތެރިވާ މީހަކު ބުނީ އާސަންދައިގެ ތެރެއިން ބޭސްފަރުވާގެން ކަންކަން ހަމަޖެހިފައި އޮތް ނަމަވެސް ބޭރަށް ގޮސްލައި ޑޮކްޓަރަށް ދައްކައިލުމުގެ ނަމުގައި ދެކޮޅު ޓިކެޓާއި 500 ޑޮލަރުގެ ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އެންމެ ގިނަ ބަޔަކު ޑިމާންޑްކުރަނީ ވެސް އެފަދަ ރާއްޖެއިން ބޭރުގެ ދަތުރުތަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.
“އާސަންދަ ލިބުނަސް ބައެއް މީހުން ހަމަ ބޭރަށް ގޮސް ޑޮކްޓަރަށް ދައްކާލަން އެބަ ބޭނުންވޭ. އެހެންވެ ދެ މީހަކަށް ދެކޮޅު ޓިކެޓާއި 500 ޑޮލަރު ދިނީމާ ތާއީދު ލިބޭ. އެކަހަލަ އެތައް ބަޔަކާ ދިމާވެއްޖެ،” އުތުރުގެ ރަށެއްގެ ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުންޏެވެ.
މި ފަހަރުގެ އިންތިހާބަށް ބޯމަތިވެފައިވާ އިރު ސަރުކާރުގެ ކެންޑިޑޭޓުންނަށް އަންނަ ޑީމާންޑްތައް ތަންކޮޅެއް ތަފާތެވެ. އެ ގޮތުން ފްލެޓުގެ
އިންތިޒާރުގައި ތިބި މީހުން ބުނާ ގޮތުން އެ މީހުން ވޯޓު ދޭނީ ފްލެޓް ނުވަތަ ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތީގެ ޔަގީންކަން ދޭ މީހަކަށެވެ. އެހެން ނޫނީ ވޯޓު ލާން ނުދާން ތިބި ބަޔަކު ވެސް އެބަ ތިއްބެވެ. އަނެއް ބައެއްގެ ޑިމާންޑަކީ ވަޒީފާއެވެ. ތިމާ އަށް ނުވަތަ ތިމާގެ ދަރިފުޅަށް ނުވަތަ ގާތްތިމާގެ ކޮންމެވެސް މީހަކަށް ވަޒީފާ ހަމަޖެހުމުން އެ އާއިލާއެއްގެ ވޯޓު ކަށަވަރުވީއެވެ.
ދީނީ ގޮތުން ވެސް ހަރާމް ކަމެއް އެހާ ފާޅުގައި ކުރާ އިރު ކަމާ ބެހޭ ފަރާތްތަކުން އަޅާނުލައި ތިބެނީ ކީއްވެ ހެއްޔެވެ؟
ރަށުގައި ހަރަކާތްތެރިވާ ތަފާތު ޖަމިއްޔާ ޖަމާއަތްތައް ނުވަތަ ގްރޫޕްތަކުގެ ވޯޓު ހޯދުމަށް ކުރަންޖެހޭ ކަމަކީ އެ ގްރޫޕެއްގެ ލީޑަރު ނުވަތަ ލީޑަރުން ގަނެލުމެވެ. އެންމެ އަގު ބޮޑު ވޯޓުތަކަކީ މިއީ ކަމަށް ވެއެވެ. މިފަދަ ބައެއް ގްރޫޕްތަކަށް މިލިއަނުން ހަރަދުކުރަންޖެހޭ ކަމަށް ވެއެވެ. އެހެން ނަމަވެސް މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުން އެ ގޮތަށް ލިބޭ ފައިސާގެ ތެރެއިން އެ ގްރޫޕެއްގައި އުޅޭ ކުދިންނަށް ލިބެނީ ވަރަށް މަދު އެއްޗެކެވެ.
ލީޑަރަކަށް ހުންނަ މީހާ އެބަ ނަގާ މިލިއަނުން. އޭނާ އެ ލާރި ނަގަނީ ފަންސާހަކަށް ވޯޓު އޭނާ ކޮންޓްރޯލްކުރާ ކަމަށް ބުނެ. އެކަމަކު އެ ބުނާ ފަންސާހަކަށް މީހުންގެ ތެރެއިން ވިއްސަކަށް މީހުން ސީދާ އޭނާ ބުނާ ގޮތަށް ވޯޓު ލާނީ. އެ މީހުންނަށް ވެސް މި ލިބެނީ ފަސް ވަރަކަށް ހާސް ރުފިޔާ. ބާކީ ބައި ކާލަނީ ލީޑަރު ނުވަތަ އޭނާ ކައިރީގައި ތިބޭ މީހުން،” ރަށެއްގައި މިފަދަ ގްރޫޕެއްގައި އުޅޭ ކުއްޖަކު ބުންޏެވެ.
ވޯޓު ވިއްކުމަކީ މައްސަލައެއް ކަމުގައި ގިނަ ބަޔަކު ނުދެކެއެވެ. އެހެން ނަމަވެސް އެކަމާ ދެކޮޅު ބަޔަކު ވެސް އެބަ އުޅެއެވެ. އެފަދަ މީހުންގެ ނަޒަރުގައި ވޯޓު ވިއްކުމަށް ފަހު ހައްގުތައް ގެއްލިގެން އެކަމާ މެދު ވާހަކަ ދެއްކުމުގެ ހައްގެއް ވޯޓު ވިއްކާ މީހާއަށް ލިބިގެން ނުވެއެވެ. އެހެން ނަމަވެސް ރަށްރަށަށް ބަލައިލުމުން ފެންނަނީ އެފަދަ ކަންކަމުގައި އެންމެ އަޑުގަދަކުރާ މީހުންނަކީ ވެސް އެކި ދައުރުގައި އެކި ކުލަ ޖެހިގެން ތިބޭ މީހުންނަށް ވުމެވެ.
ވޯޓް ވިއްކާލާފައި ލިބޭ ފައިސާއިން އޭސީ އެއް ގަނެގެން ނިދާ ކޮޓަރި ފިނިކުރެވިދާނެ ދެން ކައްވަޅަށް ހަދާނީ ކިހިނެތް؟” އެހެން މީހަކު ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.
ވޯޓު ގަނެވިއްކުމަކީ ސީދާ ރިޝްވަތެވެ. އެއީ ހަރާމް ކަމެކެވެ. އެހެން ކަމުން ދީނީ ގޮތުން ވެސް އެއީ ކުރެވެން އޮތް ކަމެއް ނޫނެވެ. ގާނޫނީ ގޮތުން މަނާ އަދި ދީނީ ގޮތުން ވެސް ހަރާމް ކަމެއް އެހާ ފާޅުގައި ކުރާ އިރު ކަމާ ބެހޭ ފަރާތްތަކުން އަޅާނުލައި ތިބެނީ ކީއްވެ ހެއްޔެވެ؟
ވޯޓު ގަނެވިއްކުމުގެ ވިޔަފާރި ބޮޑު ކަމަށް ކޮންމެ އިންތިހާބަކާ ދިމާކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ބައިނަލްއަގުވާމީ އޮބްޒާވަރުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުރެއެވެ. އެހެން ނަމަވެސް ތަންފީޒީ އިދާރާތައް ކަމަށްވާ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ އިދާރާތަކަށް ކުރެވޭ ކަމެއް ނޯވެއެވެ.
އެހެން ކަމުން މި ފަހަރު ވެސް ދެކޮޅު ޓިކެޓާއި 500 ޑޮލަރު އެންމެ ގިނައިން ބަހާ މީހުންނަށް އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެއެވެ. ވޯޓް ވިއްކުމަށްފަހު, ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރުމަށް ގޮވާލުމަކީ ހަމަޖެހޭކަމެއްނޫނެވެ.