ހޯރަފުށީ އެއަރޕޯރޓަކީ، މި ސަރަޙައްދުގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު އުންމީދެއް: ރައީސް

20 ނޮވެމްބަރ 2020 - 22:37

ހޯރަފުށީ އެއަރޕޯރޓަކީ، މި ސަރަޙައްދުގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީި މިހާރު މިއޮތީ، މި ސަރަޙައްދުގައި ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެ ވަގުތު ޖެހިފައި ކަމަށެވެ. ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ޤާނޫނުގައިވާ ގޮތުގެ މަތިން، ޕްލޭނިންގ މިނިސްޓްރީގެ ލަފަޔާއެކު، މިދިޔަ ހޯމަ ދުވަހު ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރަށު ތަރައްޤީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރަށުގެ ކައުންސިލަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. “މިހާތަނަށް މި އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުޞަތުތަކެއް ނެތަސް، މިއެއަރޕޯރޓާއެކު، ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، މި ސަރަޙައްދުގައި ތަނަވަސްވެގެންދާނެ. އެގޮތުން، ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް، އެރަށުގެ އަށްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް މިދިޔަ އާދީއްތަ ދުވަހު އެވަނީ ބީލަމަށް ހުޅުވައިލެވިފައި،” ރައީސް ސޯލިހް ވިދާޅުވިއެވެ.

advertisement

މީގެ އިތުރުން، އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް، ދެވަނަފަހަރަށް، ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލެވޭނެ ކަމަށާއި އަދި އުލިގަމަށް ބަނދަރުކުރާ ޔޮޓް ފަހަރުން، ކުރިން ނަގަމުން އައި ފީވެސް މިހާރު ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުން، ކޯވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމާ ހިސާބަށް އުލިގަމަށް ވަނީ 38 ޔޮޓް އައިސްފައި. އަދި މިހާރު އުލިގަމުގައި ވާނީ ކަސްޓަމްސްއާއި އިމިގްރޭޝަންގެ ޚިދުމަތް ލިބޭގޮތަށް ހަމަޖައްސައިދެވިފައި،” ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ދެން އެންމެ އަވަހަށް ރިޒޯޓް ތަރައްޤީކުރާ ތަންތަނުގެ ތެރޭގައި، ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރުފިނޮޅު ހިމެނޭނެ ކަމަށާއި އަދި އޭގެފަހުން، ހޯރަފުށީގެ އިތުރުން އުތުރުން މެދަފުށި ވެސް، ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަރަށް އަވަހަށް ބީލަމަށް ލެވޭނެ ކަމަށެވެ. މީގެ އިތުރުން، ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް، މި އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ފަތުރުވެރިކަން ލާމަރުކަޒު ކުރާއިރު، އެންމެ މުހިންމު ކަމަކީ، މާލެ ނޫން ސަރަޙައްދުތަކަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުން. އެކަމަށްޓަކައި، ހަނިމާދޫގައި މުޅިން އައު ބައިނަލްއަޤްވާމީ އެއަރޕޯރޓެއް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށިގެންދާނެ. އެ މަސައްކަތް ނިމޭއިރު، ބޭރުގެ ފްލައިޓްތަކުން އަންނަ ފަތުރުވެރިން ސީދާ ތިލަދުންމައްޗަށް ފައިބަން ފަށާނެ،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަންނަ އަހަރު މ. އަތޮޅު މުލީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށާއި އެ އަށްފަހު، ށ. އަތޮޅު ބިލެތްފައްސާއި، ބ. އަތޮޅު ތުޅާދޫގެ އެއަރޕޯޓުގެ މަސައްކަތް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ތަނެއް ތަރައްޤީވެ ކުރިއަރައި ދިޔުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރު ކުރެވޭނެ، އަދި ފަސޭހައިން މުދާ އުފުލޭނެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިފައި އޮތުން. އަޅުގަނޑުގެ އަމާޒަކީ، މީހުން އުޅޭ ކޮންމެ ރަށަކުންވެސް، ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި، އެއަރޕޯރޓެއް އޮންނަ ގޮތަށް، ވައިގެ ބަނދަރުގެ ދަތުރުފަތުރުތައް، ވިއުގައަކުން މުޅި ރާއްޖެ ގުޅައިލުން. އަދި އެއަރޕޯރޓްތަކާ ކައިރީގައިވާ އެހެން ރަށްތައް، ރަނގަޅު ފެރީ ވިއުގައަކުން ގުޅާލަދިނުން،” ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ހޯރަފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، މަގުތައް ހެދުމާއި، ކައުންސިލް އިދާރާގެ ޢިމާރާތާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިމާރާތް، އަންނަ އަހަރުގެ ބަޖެޓުގައި މިހާރުވާނީ ހިމަނާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“އަދި އަޅުގަނޑު ހަނދާން އެބަހުރި، ކެމްޕެއިންތެރޭގައި އަޅުގަނޑު މި ރަށަށް ކުރި ދަތުރުގައި، އިތުރު ވަޢުދުތައް ވެފައިހުރިކަން. އިރާދަކުރެއްވިއްޔާ، އެކަންތައްތައްވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މި ރަށުގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަންނަ އަހަރު ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ ބިން ހިއްކުމާއި، މަގުތައް ހެދުމާއި، ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމާއި، ސްކޫލް ތަރައްޤީކުރުމާއި، މިސްކިތް ޢިމާރާތްކުރުމާއި، ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމާއި، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ބަނދަރު ހެދުމާއި، ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، މަސް މާރުކޭޓާއި، ދަނޑުވެރިންގެ މާރުކޭޓު ތަރައްޤީކުރުމަށް ވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ރަށްރަށުގައި ފަށާފައި ހުރި ހައުސިންގ ޔުނިޓުތައް ނިންމުމަށް ވެސް ބަޖެޓް ކުރެވިފައިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހޯރަފުށީ އެއާޕޯޓަކީ ޤައުމީ ރޫޙާއި ޤައުމީ ޖޯޝް ވަރަށް ބޮޑަށް އެކުލެވޭގޮތަށް ފުރިހަމަވެގެންދިޔަ މަޝްރޫޢެއް ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ މިހާ ދަތި އުނދަގޫ ދުވަސްވަރެއްގައި ވެސް، މިހާ ފުރިހަމަ ތައްޔާރީތަކެއް ވެފައި އޮތީ ހަމައެކަނި އެއަރޕޯޓެއް ހުޅުވޭތީ ނޫން ކަމަށާއި މިތައްޔާރީތަކުން ފެނިގެން ދަނީ، ތަރައްޤީއ ާމެދު ހޯރަފުށީ ރައްޔިތުންގެ ހިތްތަކުގައި އުފެދެމުން އަންނަ އާރޯކަމާއި ދިރުން ކަމަށެވެ. ހޯރަފުށީ އެއަރޕޯރޓް ތަރައްޤީކޮށް ހުޅުވުމާ ހަމައަށް މި ކުރެވުނު މަސައްކަތުގައި، މި ރަށުގެ ރައްޔިތުން ބައިވެރިވި މިންވަރާއި، މިކަމަށް ދެއްވި ސަމާލުކަން، އެއީ މި ޖަޒީރާ ރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“މި ދެންނެވީ ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކޮށް ދިރުވުމުގަޔާއި، ޤައުމީ ޚިދުމަތުގައި މުޅި ޢުމުރު ހޭދަކުރެއްވި، މަޝްހޫރު ހޯރަފުށީ އާދަމް ސަލީމުގެ ޢާއިލާއިން މި މަޝްރޫޢަށް ދެއްވި ސަމާލުކަމުގެ ވާހަކަ،” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރްޙޫމް އާދަމް ސަލީމުގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް، މި މަޝްރޫޢުގެ އެކި ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވަޑައިގެން މިކަމަށް މި ދެއްވި ސަމާލުކަމަކީ، މި މަޝްރޫޢު ފުރިހަމަކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ.

“ޢިއްޒަތްތެރި މެންބަރު، ދާއިރާގެ ކަންތައްތަކުގައި އަދި ޚާއްޞަކޮށް، މި އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި އަވަސްކުރުމަށްޓަކައި އަޅުގަނޑާ ފޯނުން ގުޅުއްވައި އަދި ބައްދަލުކޮށް، ކިތަންމެ ފަހަރަކު މިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި އެބަހުރި. އެކަމަށްޓަކައި، މި ރަށުގެ ލޮބުވެތި ރައްޔިތުންގެ ނަމުގަޔާއި، ހޯރަފުށީ ދާއިރާގެ އެންމެހައި ރައްޔިތުންގެ ނަމުގައި، މެންބަރު ސަލީމަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން،” ރައީސް ސޯލިހް ވިދާޅުވިއެވެ.

އެއަރޕޯރޓް ސަރަޙައްދުގައި ގަސް އިންދުމާއި، ހިއްކި ސަރަހައްދުގެ ގޮނޑުދޮށް އެއްވަރުކުރުމާއި، ޓަރމިނަލްގެ އެކި މަސައްކަތްތަކުގައި ވެސް ހޯރަފުށީގެ ރައްޔިތުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަންވޭގައި ދަމާފައި ހުރި ރޮނގުތައް ކުރެހުމުގައި ވެސް، ފަންނުވެރި ޒުވާނުން ބައިވެރިވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ޖުމްލަކޮށް ދަންނަވާނަމަ، މި އެއަރޕޯރޓުގެ މަސައްކަތްކުރި، އެމް.ޓީ.ސީ.ސީގެ ފަރާތުން އެދުނު ކޮންމެ ކަމެއްގައި، މި ރަށު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދިޔަ. މިކަންކަމަށް ބަލާއިރު، މިއީ ހޯރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ތަރައްޤީކުރެވިފައިވާ އެއަރޕޯރޓެއް. އަދި މިސަރަހައްދުގެ ރަށްރަށުގެ ވަރަށް ބޮޑު އެހީތެރިކަމެއްވެސް ލިބިގެންދިޔަ އެއަރޕޯޓެއް،” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހޯރަފުށްޓަކީ އާދަޔާ ޚިލާފު އުފެއްދުންތެރި ވިސްނުމެއް ގެންގުޅޭ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށާއި ޢިލްމީ ގޮތުން ކުރިއަރައި، ތަހުޒީބާއި ކުރިއެރުމަށް އަބަދުވެސް ވަރަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއްކަން އެނގިވަޑައިގެންފައިވާ ކަަމށެވެ. ޚާއްޞަކޮށް، އަތު މަސައްކަތްތެރިކަމުގައި، 1950ގެ އަހަރުތަކުން ފެށިގެން މި ރަށަކީ ރާއްޖެއަށް މަޝްހޫރު ރަށެއް ކަމަށާއި 1958 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އަތްތެރިމަސައްކަތުގައި، ހޯރަފުށީގެ ތިން ބޭފުޅަކު އުފެއްދެވި، ފާރުގައި ހަރުކުރާ ބޮޑުގަޑިއަކީ، އެ އަހަރުގެ އެއްވަނަ އުފެއްދުން ކަން ރައީސް ފާހަގަކުރެއްވިއެވެ. ކެނބެއްގެ ގޮތުގައި ބޭނުންކުރި ޗޭނުކޮޅު ފިޔަވައި، ގަޑީގެ ހުރިހާ ބައިތަކެއް އުފައްދާފައި ހުރީ ލަކުޑިން ކަމަށާއި އެއީ މާގިނަ ވަސީލަތްތަކެއް ވެސް އޮތް ޒަމާނެއް ނޫން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މިއީ ހޯރަފުށީ ރައްޔިތުންގެ އިތުރުން، އިހަވަންދިއްޕޮޅު ރައްޔިތުން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. އެހެންކަމުން، ކޯވިޑް-19ގެ ދަތި އުނދަގޫ ޙާލަތުގައިވެސް، މިހާ ބުރަ މަސައްކަތެއް، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، މިހާ ފުރިހަމައަށް ކޮށްދެއްވިކަމަށްޓަކައި، އެމް.ޓީ.ސީ.ސީގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޒިމަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން،” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު މި ހުޅުވުނީ ހޯރަފުށީ އެއަރޕޯޓް ކަމަށްވިޔަސް، ޙަޤީޤަތުގައި މިއީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ ފެށުން ކަމަށމިއީ، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ، އަދި ތަކަންދޫ، މާރަންދޫގެ ރައްޔިތުން ވެސް، އުންމީދުކުރަމުން އައި ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“މި އެއަރޕޯރޓާއެކު، މި ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސްވެގެންދާނެ. އަދި މި އެއަރޕޯރޓް އިތުރަށް ތަރައްޤީވެ ފުރިހަމަވެގެންދާއިރު، ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް، މި އެއަރޕޯރޓް ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ،” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0