އަމިއްލަ ހިޔާލު: ޝާހިދުގެ އެކްސްއާއެކު ބޮޑު ކޯޅުމެއް

26 މާޗް 2024 - 11:23

މިއީ އާ ވާހަކައެއް ނޫނެވެ. މިވެނި އެވެނި ދުވަހަކީ މިވެނި ޕާޓީއެއްގެ ޖަނާޒާ އޮންނަ ދުވަސްކަމާއި އެ ދުވަހު ނެރޭނީ އެމްޑީޕީގެ ސަންދޯއް ކަމަށް ބުންޏެވެ. މީގެ ކުރިން ވެސް އެ ޕާޓީ އިދިކޮޅުގައި އޮތް އިރު އެ އިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީގެ އިސް ބޭފުޅުން މިފަދަ ބަސްތައް ބުނެފައި އެބަ ހުއްޓެވެ. އަނެއްކާ ވެސް އެމްޑީޕީ މިއޮތީ އިދިކޮޅުގައެވެ. އެފަދަ ބަސްތައް އަނެއްކާ ވެސް ވަނީ އިވެން ފަށާފައެވެ. 

މުޅި ސަރުކާރު ޑިފެންސަށް ވެއްޓިއްޖެ

އިދިކޮޅު އެމްޑީޕީ އަށް ރައްދުކޮށް ސަރުކާރުގެ ވަޒީރު ފެންވަރުގެ ބޭފުޅުން ފެށިގެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބަހުގެ ހަމަލާތައް ވަރުގަދަކޮށްފައި މި ވަނީ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްއަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖަކާ އެކުގައެވެ. 

advertisement

އެ މެސެޖްގައި ޝާހިދު މައިގަނޑު ގޮތެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގި ކަމަށާއި މި ސަރުކާރުން އެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށެވެ. މި ވީޑިއޯއާ އެކު ވެރިކަމުގައި އޮތް ޕީއެންސީ އާއި ޕީޕީއެމްގެ އިސް ފަރާތްތަކާއި ސަރުކާރުގެ ވަޒީރުން ވެސް ޝާހިދުގެ އިތުރުން އެމްޑީޕީ އަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަން ފެށިއެވެ. މުޅި ސަރުކާރު ޑިފެންސަށް ވެއްޓުނީއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވެސް ވަނީ އެމްޑީޕީގެ ލޯގޯ ހިމެނޭހެން އެޑިޓްކޮށް “މޯލްޑިވްސް ދޮގު ޕާޓީ” ލިޔެފައިވާ ޕޯސްޓެއް ޓްވިޓާ އަށް ދޫކޮށްލައްވާފައެވެ. އެ ކަމަށް ހިތްވަރު ދެއްވައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއީއޯ އަހްމަދު އިބްރާހީމް ރައްދުދީ އެކްސްއެއް ކުރައްވާފައެވެ. 

“ސޯޝަލް މީޑިއާގައިވެސް އެމްޑީޕީން ފަތުރާ ދޮގާއި ފިތުނައަށް މިނިސްޓަރ @abkhaleel މި ޖައްސާ ލެވަލްގައި ވަރުގަދައަށް ރައްދުދީ ސަރުކާރު ދިފާއުކުރަންޖެހޭ” ކަމަށް އެ ޓްވީޓްގައި ވެއެވެ.

މި އެކްސްއާއެކު ދެން ފެނިގެން ދިޔައީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުން ޝާހިދާއި އެމްޑީޕީ އަށް “ހެއްދެވި ނުހެއްދެވި” އަށް ގޮވަން ފެށިތަނެވެ. އެ ވާހަކަތަކުގެ ތެރެއިން އެމްޑީޕީގެ ފިކުރު ރާއްޖެއިން ނައްތާލަންޖެހޭ ކަމަށް ވެސް ގޮވާލަން ފެށިއެވެ.

އެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވަނީ “ގަމާރު އެމްޑީޕީ ހަމަ އެއްކޮށް ނައްތާލަންޖެހޭ” ކަމަށް ވިދާޅުވެ، އިނގިރޭސި ބަހުން އެކްސްއެއް ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ނިމޭ އިރު އިދިކޮޅު ޕާޓީތައް ނެތިގެންދާނެ ކަމަށް ދޭހަވާ މޭރުމަކުން ޓްވީޓްކުރައްވާފައި ވެއެވެ.

“… މި ސަރުކާރު މިދާ ސްޕީޑްގައި ކުރިއަށް ދިއުމުގެ ފުރުސަތު ދީފިކަމުގައި ވަނީ ނަމަ ކުރިއަށް އޮތް 5 އަހަރު ނިމިގެންދާނީ އިދިކޮޅު ޕާޓީތަކުގެ ޖަނާޒާއަކުން ކަން” އެ އެކްސްގައި ވެއެވެ.

މިނިވަން ހިޔާލުގެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވި

ޒިހާންގެ މި އެކްސްއަށް ޕީޕީއެމް/ޕީއެންސީގެ އިސް އެތައް ބަޔަކު އަދި ސަރުކާރުގައި އިސްކޮށް ތިބި އެތައް ބަޔަކު ވެސް ތާއީދުކޮށް ވާހަކަތައް ދައްކަން ފެށިއެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވެސް ރައްދު ދޭން ފެށިއެވެ. އަދި މިނިވަން ހިޔާލުގެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. 

ޑިމޮކްރަސީއެއްގައި އިދިކޮޅުގެ މުހިންމުކަމުގެ މައްޗަށް ބަހުސްތައް ފެށުނެވެ. ބަހުގެ ވަރުގަދަ ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ. އަދި މީގެ ކުރިން ސަރުކާރުތަކުގައި އިސްކޮށް ތިއްބަވާ ބޭފުޅުން ބަސް މަގު ނުގެންގުޅުއްވާ ދަށު ދަރަޖައިގައި ބަސް މަގު ގެންގުޅުއްވާކަން ވެސް ފާހަގަކުރެވެއެވެ. އެކަމަށް ވެސް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އިދިކޮޅެއް ނެތި ހިނގާ ވެރިކަންތަކުން ފެންނަނީ ހުދުމުހުތާރުކަން

ޑިމޮކްރަސީއެއްގައި އެންމެ މުހިންމު އެއް ކަމަކީ ހިޔާލުފާޅުކުރުމެވެ. ޑިމޮކްރަސީ ކުރިއަށް ދަނީ “މެޖޯރިޓީ” އާއި “މައިނޯރިޓީ” ވެސް ހިމެނޭހެންނެވެ. މާނައަކީ އިދިކޮޅެއް އޮންނަންޖެހެއެވެ. ހެދި ބޮޑުވެ ފައްކާވެފައިވާ ޑިމޮކްރަސީތަކުގައި އިދިކޮޅު ޕާޓީތަކުގެ މުހިންމުކަން ބޮޑެވެ. އިދިކޮޅެއް ނެތި ނުވަތަ މާ ބޮޑު ވާދަވެރިކަމެއް ނެތި ހިނގާ ވެރިކަންތައް އޮތް ޑިމޮކްރަސީތަކުން ފެންނަނީ ހުދުމުހުތާރު ކަމެވެ.

” ސިޔާސީ ޕާރޓީ ތަކަކީ ރައްޔިތުންތަކެއްގެ ޖުމްލަ ވިސްނުން. ޕާރޓީ ތަކުގަ ތިބެނީ ރައްޔިތުން. ސަރުކާރުގެ އިދާރާތަކުން ހިދުމަތްދޭން ޖެހެނީ ހުރިހާ ރައްޔިތުންނަށް. ސިޔާސީ ވިސްނުން އެއްގޮތް ވާން ނުޖެހޭ. ސަރުކާރުގެ އިސް މަގާމުތަކުގަ ތިބޭ ވެރިން އެއްވެސް ޕާރޓީއަކަށް ދެރަކޮށް ސިޔާސީ ޕޯސްޓްތައް ޖެހުން ބަލައި ނުގަންނަން” އެމްޑީޕީ ސަރުކާރުގައި ސިޔާސީ މަގާމެއްގައި ހުރި އަދި މިހާރު މި ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސްޖަލީލް) ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.

އިދިކޮޅަށް ބަސް ބުނުމުގެ ފުރުސަތު ނުދީ އިދިކޮޅު ޕާޓީތައް ނައްތާލުމަށް ކުރާ މަސައްކަތުން ލިބޭނެ ކުރިއެރުމެއް ނެތެވެ. އޭގެ ސަބަބުން ގައުމަށް ލިބޭ ގެއްލުން މީގެ ކުރިން ރާއްޖެ ވެސް ވަނީ ތަޖުރިބާ ކޮށްފައެވެ. އިދިކޮޅު މެންބަރުން ގަތުމާއި ބޯނުލަނބާ މީހުން ކުޑަކަކޫ މައްޗަށް ތިރިކުރުމާއި ހައްޔަރުކުރުމާއި ތަފާތު ދައުވާތައް ކޮށްގެން ލިބުނު މޮޅެއް ނެތެވެ. 

އެއާ ހިލާފަށް ގެއްލުނީ ގައުމުގެ މަސްލަހަތެވެ. ގެއްލުނީ ރައްޔިތުންގެ ތާއީދެވެ. ގެއްލުނީ ވެރިކަމެވެ. ތަހުޒީބީ އިމެއްގެތެރޭގައި ފާޑު ކިޔައި ބަހުސްކުރުމަކީ ސިޔާސީ ކުރިމަގުބިނާކުރުމަށް ވަރަށް މުހިންމު ކަމަކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0