ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފި

21 ނޮވެމްބަރ 2020 - 12:00

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއެވެ.

މި ޤާނޫނަކީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމާއި ޖިނާއީ ދައުވާ ކުޑަކުދިންނާއިމެދު އުފުލުމުގެ ބަދަލުގައި ޑައިވާޝަން ނިޒާމެއްގެ ދަށުން ކަންކަން ކުރުންކަމަށް ފާސްކުރި ޤާނޫނެކެވެ.

މި ޤާނޫނުގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މިޤާނޫނުގެދަށުން ޤާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް ބަލައި ކުރިއަށްގެންދަން ޖެހޭނީ އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅާ އުސޫލަކުންނެވެ. އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިވާފަދަ ނިޒާމެއް މިޤާނޫނުގެ ދަށުން އުފައްދަން ޖެހެއެވެ.

advertisement

އަދި މިޤާނޫނުގެ ދަށުން ކުޑަކުދިން ކުރާ ޖިނާއި ކުށުގެ މައްސަލަތައް ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅި، މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކެއް އަތޮޅުތެރޭގައި ގާއިމު ކުރަން ޖެހޭނެ އެވެ.

މި ޤާނޫނުގައިވާގޮތުން ޖިނާއީ ދައުވާ ކުޑަކުދިންނާއިމެދު އުފުލުމުގެ ބަދަލުގައި ޑައިވާޝަން ނިޒާމެއްގެ ދަށުން ކަންކަން ކުރުންމަށް ކަނޑައަޅާފައިވާއިރު، މި ގާނޫނު ބުނާ ގޮތުން ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އުމުރުން 15 އަހަރުވުމުންނެވެ.

މި ޤާނޫނަށް އަމަލު ކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބައިތިއްބާނެ މަރުކަޒުތައް ހެދުމަށްވެސް ޤާނޫނުގައި ލާޒިމުކުރެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބުނެފައިވާ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއުފައްދައި އެ ޢިދާރާވެސް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

ކުޑަކުދިންގެ ޢަދުލުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.


ރިއެކްޝަންސް
0
0
0
0
0
0
0