އެއަރ އަސްތާނާއިން ރާއްޖެއަށް ފަށާ ދަތުރުތަކުގެ ޑިމާންޑް ބޮޑުވެ، ޖާގަ ބޮޑު ފްލައިޓެއް

22 ނޮވެމްބަރ 2020 - 12:31

އަންނަ މަހު ދަތުރު ފަށާ، ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއަރ އަސްތާނާ އިން ރާއްޖޭގެ ޑިމާންޑް މަތިވުމުން ޖާގަ ބޮޑު ފްލައިޓަކަށް ބަދަލުކޮށް، ދަތުރު އަޕްގްރޭޑްކޮށްފި އެވެ.

އެއަރ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 5ވަނަ ދުވަހުއެވެ. ދަތުރުތައް ފަށާއިރު ހަފްތާއަކު ދެ ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ކުރާނެއެވެ. ދަތުރުތައް ފަށާއިރު ރާއްޖެއަށް އޮޕަރޭޓުކުރާނީ އެއަރބަސް އޭތްރީ ޓުވެންޓީ ވަން އެލް އާރު މަރުކައިގެ ބޯޓެކެވެ. މިބޯޓުގައި ބިޒްނަސް ކްލާސްގެ 16 ގޮނޑި އަދި އިކޮނޮމީ ކްލާސްގެ 150 ގޮނޑި ހުރެއެވެ. ޑިސެމްބަރު 16 އިން އަންނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް މީހުން އުފުލަން ބޭނުން ކުރާ ފްލައިޓު ބޮޑު ކުރަން އެ އެއަރލައިނުން މިހާރު ވަނީ ނިންމާފަ އެވެ.

މި ބަދަލު ގެނައީ ޓޫރިޒަމްގެ އާ ސީޒަނާ ދިމާކޮށް ޑިމާންޑު މަތިވަމުންދާތީ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

advertisement

އެއާ އަސްތާނާ އިން ބުނި ގޮތުގައި ރާއްޖޭގެ ޑިމާންޑު މަތިވުމުން އިތުރު ޝީޓުތައް ލިބޭ، ވައިޑް ބޮޑީ 767 މަރުކާރުގެ ބޯޓު ފަހަރަށް އަޕްގްރޭޑް ކޮށްފައިވާކަމަށެވެ. މިފްލައިޓް ރާއްޖެއަށް ދަތުރު ކުރާނީ ބުދަ އަދި ހޮނިހިރު ދުވަހު އެވެ.

ކަޒަކިސްތާނުގެ އެންމެ ކުރިއަރާފައިވާ އެއް ސިޓީ ކަމަށްވާ އަލްމަތީ އިން ރާއްޖެއަށް އެއާ އަސްތާނާ ކުރާ ދަތުރުގައި އިކޮނޮމީ ކްލާހުގެ ފްލައިޓުގެ ޓިކެޓު ވިއްކަނީ 677 ޑޮލަރަށެވެ. އަދި ބިޒްނަސް ކްލާސް ޓިކެޓުގެ އަގުތައް ހުރީ 2067 ޑޮލަރަށެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާތަނަށް 16 އެއަރލައިންއަކުން ދަނީ ރާއްޖެ އާއި ދުނިޔޭގެ އެހެން ޤައުމުތަކާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި ހިމެނެނީ ބައިނަލްއަޤްވާމީ 14 އެއަރލައިނާއި ރާއްޖޭގެ މޯލްޑިވިއަން އަދި ފްލައިމީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0