ކޮމެޓީން ގެނައި ބަދަލާއިއެކު ބަޖެޓަށް 200 މިލިއަން ރުފިޔާ އިތުރުކޮށްފި
24 ނޮވެމްބަރ 2020 - 11:16
ބަޖެޓް ދިރާސާކުރާ ކޮމިޓީން
ގެނައި ބަދަލުތަކާއެކު 200 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް ބަޖެޓް ކޮމިޓިން
ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 34.8 މިލިއަން ރުފިޔާގެ
ބަޖެޓެކެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ
ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ދައުލަތުގެ ޚަރަދު ހުންނާނެކަމަށް
ލަފާކޮށްފައިވަނީ 33.2 ބިލިއަން ރުފިޔާގައެވެ. އަދި ބަޖެޓް ޑެފިސިޓް 15.5
ބިލިއަނަށް އަރާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް
ބަޖެޓް ކޮމިޓީން ކުރިއިރު، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތައް
ކޮމިޓީއަށް ޙާޒިރުކޮށް ބަޖެޓާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.
އެގޮތުން ގިނަ މުއައްސަސާތަކުން ވަނީ ބަޖެޓް އިތުރުކޮށްދިނުމަށް ކޮމިޓީގައި
އެދިފައެވެ. އެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާނެ މަޝްރޫޢުތައް
އިތުރުކޮށް ބަޖެޓް ބޮޑުކޮށްދޭން ނިންމުމާއި ގުޅިގެން އަންނަ އަހަރަށް ލަފާކުރާ
ދައުލަތުގެ ބަޖެޓަށް ވަނީ 2 މިލިއަން ރުފިޔާ އިތުރުވެފައެވެ.
އާމްދަނީ އިތުރުކުރުމަށް
ބަޖެޓުގައި ހިމެނުމަށް ނިންމާ އައު ކަންތައްތަކުން ލިބޭނެ އާމްދަނީއަށް 1.2
ބިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައެވެ. ބަޖެޓަށް އިތުރުކުރި ކަންތައްތަކުގެ
ތެރޭގައި ހިމެނެނީ ޓީޖީއެސްޓީއަށް 598 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި
253 މިލިއަން ރުފިޔާ، އެއަރޕޯޓް ސާރވިސް ޗާޖްގެ ގޮތުގައި 218 މިލިއަން ރުފިޔާ،
އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާރޖްގެ ގޮތުގައި 219 މިލިއަން ރުފިޔާ، ބިން ވިއްކުމާއި
ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން ރުފިޔާ އަދި ހަރުމުދަލުގެ
އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާއެވެ.
ކޮމިޓީން ވަނީ ބައެއް މިނިވަން
މުއައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާ އިތުރުކޮށްދީފައެވެ. އޭގެ ތެރޭގައި،
ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި މިރާ ފަދަ
މުއައްސަސާތައް ހިމެނެ އެވެ. އަދި އަންނަ އަހަރަށް ފަސްކޮށްފައިވާ ލޯކަލް
ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނަށްވެސް އިތުރު ދެ މިލިއަން ރުފިޔާ
ދިނުމަށްވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ. ކޮމިޓީން ގެނައި
ބަދަލުތަކާއެކު ބަޖެޓް ޑެފިސިޓްވެސް ވަނީ ދަށްކޮށްފައެވެ. އެގޮތުން ބަޖެޓް
ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިކޮށްފައެވެ.