އައްޑޫ ސިޓީގެ ހުޅުދޫގައި “ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރ” ގާއިމް ކުރުމާއި ބެހޭގޮތުން ސޮއިކޮއްފި
24 ނޮވެމްބަރ 2020 - 17:09
އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރ އެއް ގާއިމް ކުރުމާއި ބެހޭ ކޮންޓްރެކްޓް 24 ނޮވެމްބަރ 2020 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫއުއަކީ އިންޑިއާގެ ގްރާންޓް އެހީގެ 8 މިލިއަން ރުފިޔާގެ ދަށުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން ހިންގޭ މަޝްރޫއުއެކެވެ. މި މަޝްރޫއު އާއި ގުޅޭ އެމް.އޯ.ޔޫ ގައި ސޮއި ކުރެވިފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ރާއްޖެއަށް ދާދި ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ނޮވެމްބަރ 9 ވަނަ ދުވަހުއެވެ. އެމް.އޯ.ޔޫ ގައި ސޮއި ކުރެވުމުގެ ދެ ހަފްތާގެ ތެރޭގައި މަޝްރޫއުގެ ކޮންޓްރެކްޓް މިވަނީ ހަވާލުކުރެވިފައެވެ.
ހުޅުދޫގައި މި ގާއިމް ކުރެވޭ ޑްރަގް ޑީޓޮކްސް ސެންޓަރަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ސްކީމްގެ 200 މިލިއަން ރުފިޔާގެ (13 މިލިއަން ޑޮލަރު) ގްރާންޓްގެ ދަށުން ރާއްޖޭގައި ހިންގެމުންދާ 30 ކުދި އަދި މެދުމިނުގެ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއުއެކެވެ. އައްޑޫ ސިޓީގެ ހުޅުދޫގައި ގާއިމްކުރެވޭ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރުން ޑީޓޮކްސިފިކޭޝަން، ކޮމިއުނިޓީ ރީހެބިލިޓޭޝަން އަދި ރެޒިޑެންޝަލް ރީހެބިލިޓޭޝަންގެ ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. އަދި މި ހިދުމަތްތައް މެދުވެރިކޮށް މަސްތުވާތަކެއްޗާއި ގުޅިފައިވާ ކުށްތައް މަދުކުރެވި ރަށުގެ މުޖުތަމައު އަމާންވެގެންދާނެއެވެ.
މަސްތުވާތަކެތީގެ ވަބާ އަކީ ރާއްޖޭގެ ރަށްތަކުގެ މުޖުތަމައުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖޭގައި 4 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރ މިހާރުވެސް ގާއިމް ކުރެވިފައި ވީ ނަމަވެސް، ޑްރަގް ޑީޓޮކްސިފިކޭޝަން އަދި ކޮމިއުނިޓީ ރީހެބިލިޓޭޝަން ސާވިސްތަކަށް ބޭނުންވެފައިވާ ކްލައިންޓުންގެ އަދަދު ވަރަށްވެސް ގިނަކަމުން މިފަދަ އިތުރު ސެންޓަރުތައް ގާއިމް ކުރެވުން މުހިންމުކަން ފާހަގަކުރެވެއެވެ. އެހެންކަމުން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ރީހެބިލިޓޭޝަން ހިދުމަތްތަކާއި އެމީހުންގެ އާއިލާތަކަށް އަދި މުޖުތަމައުއަށް ހިތްހަމަޖެހުން ގެނެސްދޭނެ މިފަދަ މަޝްރޫއުއެއް ހިންގުމަށް އެހީވެވޭކަމީ އިންޑިއާއިން ފަހުރުވެރިވާކަމެކެވެ.
އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ޑިވެލޮޕްމެންޓަލް އެސިސްޓެންސް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ލޯކަލް ކޮމިއުނިޓީތަކަށް އެންމެ އެކަށޭނެ އަދި އެންމެ ފައިދާ ކުރުވަނިވި މަޝްރޫއުތަކަށާއި، ރާއްޖޭގެ އިގްތިސާދު ވަރުގަދަވެ ކުރިއަރުމަށް މަގުފަހިކޮށްދޭނޭފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. ދިވެހިރާއްޖޭގެ ތިޔާގިކަމާއި ތަނަވަސްކަން އަދި ކާމިޔާބީގެ ބިންގާ ވަރުގަދަކުރުމަށް ޓަކައެވެ.
އިންޑިއާގެ ގްރާންޓްގެ ދަށުން ހިންގުނު އެތައް މަޝްރޫއުއެއް މިހާރު ވަނީ ކާމިޔާބުކަމާއި އެކު ނިންމާލެވިފައެވެ. މީގެ ތެރޭގައި އުކުޅަސް ކޮންވެންޝަން ސެންޓަރ އާއި، ކޮޅިފުށީގައި މަގުމަތީ ލައިޓް ހަރުކުރުމުގެ މަޝްރޫއުއާއި، ވާނީ ޕޮލިސް ސެންޓަރާއި، މާލޭ ސިޓީ ކައުންސިލްއަށް ވެހިކަލް އަދި މެޝީނަރީ ހަވާލުކުރެވުމާއި، ގޮއިދޫ-ފެހެންދޫ ސްކޫލް ފެރީއާއި، 61 ރަށެއްގައި ގާއިމް ކުރެވޭ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ އިކުއިޕްމެންޓް ހަވާލުކުރެވުމާއި، އެކި އަތޮޅުތަކުގައި ގާއިމް ކުރެވޭ 67 ކުޑަކުދިންގެ ޕާކު ހިމެނެއެވެ.
އަދި މި ގްރާންޓްގެ ދަށުން ހިންގޭ އިތުރު މަޝްރޫއުތަކުގެ ތެރެއިން ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އާއި، ފަރެސްމާތޮޑާގެ ‘ވެޓްލޭންޑް ޕާކް’ މަޝްރޫއު އާއި، މާލޭގެ އެކުވެނި ޓްރެކް ސިންތެޓިކް ކުރުމުގެ މަޝްރޫއު އާއި، ހުޅުމާލޭގައި ހުންނަ ފިޔަވަތި އަޕްގްރޭޑްކޮށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަޝްރޫއުއާއި، ހުޅުމާލޭ ސެންޓްރަލް ޕާކް އަދި އެރައިވަލް ޖެޓީ މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫއުއާއި، ޅޮހި އަދި ކިނޮޅަހުގައި ކްލާސްރޫމްތައް ހެދުމުގެ މަޝްރޫއުއާއި، ފޯކައިދޫ ކޮމިއުނިޓީ ސެންޓަރ ތަރައްގީ ކުރުމުގެ މަޝްރޫއުއާއި، އައްޑޫ ސިޓީގައި 3 މަސް ޕްރޮސެސިން ޕްލާންޓާއި 5 އިކޯ ޓޫރިޒަމް ޒޯން ގާއިމްކުރުމުގެ މަޝްރޫއުއާއި، ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓެއް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ނިމި އިފްތިތާހު ކުރެވޭނެކަމަށް އުންމީދުކުރެވެއެވެ.
އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ ތަރައްގީގެ ޕާޓްނަޝިޕްގައި އައްޑޫއަށް ވަރަށް މުހިންމު ޖާގައެއް ލިބިގެންވެއެވެ. އައްޑޫ ސިޓީ ކައުންސިލްއާއި އިންޑިއާގެ ޕާޓްނަޝިޕްގެ ދަށުން އައްޑޫގައި 3 މަސް ޕްރޮސެސިން ޕްލާންޓާއި، 5 އިކޯ ޓޫރިޒަމް ޒޯން ގާއިމްކުރުމަށް 64 މިލިއަން ރުފިޔާގެ (4.2 މިލިއަން ޑޮލަރު) ގްރާންޓް އެހީ ވަނީ ފޯރުކޮށްދެވިފައެވެ. އަދި އިންޑިއާއިން ރާއްޖެގައި ހިންގާ އެންމެ ބޮޑު ގްރާންޓް މަޝްރޫއު ކަމަށްވާ 500 މިލިއަން ރުފިޔާގެ (33 މިލިއަން ޑޮލަރު) ނެޝަނަލް ކޮލެޖް ފޯ ޕޮލިސް އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް ގާއިމް ކުރުމުގެ މަޝްރޫއު މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާތަކުގެ ތެރޭގައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ މަގުތައް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ހިންގަމުން ދަނީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން-އޮފް-ކްރެޑިޓް ސްކީމްގެ ދަށުންނެވެ.
އިންޑީއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ ހައި އިމްޕެކްޓް މަޝްރޫއުތަކަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ދިވެހި ސަރުކާރުން (ސިއްހީ ދާއިރާގެ ކުރިއެރުމާއި، ތައުލީމީ ދާއިރާގެ ކުރިއެރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނޭހެން) ހޮވާފައިވާ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތަކަކީ އިންޑިއާއާއި ދިވެހިރާއްޖޭގެ ދެމެދުގައިވާ ގާތް ގުޅުމުގެ އެންމެ މުހިންމު އެއް ބައެވެ.
އައްޑޫގައި ގާއިމްކުރުމަށް ހަމަޖެހިފައި މިވާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރަކީ އިންޑިއާއާއި ދިވެހިރާއްޖޭ ގުޅިގެން ކުރެވޭ ތަރައްގީގެ މަސައްކަތުގައި ޓްރާންސްޕޭރެންސީއަށާއި، ލޯކަލް ކޮމިއުނިޓީތަކުގެ ބޭނުންތަކާއި އުންމީދުތައް ފުއްދުމަށް ދެވޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ މިސާލެކެވެ. މި މަޝްރޫއުގެ މަސައްކަތް އަވަހަށް ފުރިހަމަ ކުރެވިގެންދާނެކަމަށް އިންޑިއާއިން އުންމީދުކުރެއެވެ.