މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އިނދަޖެހިފައި!

26 ނޮވެމްބަރ 2020 - 9:42

މާލޭގެ ގެސްޓް ހައުސްތައް މާޗް މަހުން ފެށިގެން ވަނީ ބަންދުކޮށްފައެވެ. ކޮވިޑް-19އާ ގުޅިގެން ގެސްޓް ހައުސްތައް ބަންދުކުރި އިރު ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ އެންމެ ލަސްވެގެން ވެސް ޖުލައި މަހުގެ ކުރިން އަލުން ވިޔަފާރިތައް ފެށޭނެ ކަމަށެވެ. އެހެންކަމުން ތަނުގައި ތިބި މުވައްޒަފުން ވެސް ދޫކޮށްނުލައި މުސާރަ ދީގެން ގެންގުޅެވޭތޯ ގިނަ ބަޔަކު މަސައްކަތް ކުރިއެވެ. ނަމަވެސް ޖޫން މަހާ ހަމައަށް އައި އިރު ވެސް އަލިމަގެއް ފެންނަން ނެތުމުން ގިނަ ގެސްޓްހައުސްތަކުން މުވައްޒަފުން ދޫކޮށްލިއެވެ. އަދި ކުލި ދައްކައިގެން ތިބެވެން ނެތުމުން ދާއިމީކޮށް ތަޅު އެޅުވި ތަންތަން ވެސް މަދެއް ނޫނެވެ. އަލުުން ވިޔަފާރި ފެށޭނެ ކަމުގެ އުންމީދުގައި ތިބި މީހުން އަދިވެސް އެބަ ތިއްބެވެ. ނަމަވެސް އެގޮތުގައި ތިބެންޖެހޭނީ ކިހާ ދުވަހަކު ކަމެއް ނޭނގެއެވެ.

ގެސްޓްހައުސް ވިޔަފާރިތައް ބަންގްރޫވެފައިވާ އިރު އަލިކަމެއްގެ އުންމީދުގައި ތިބި މަދު ބަޔަކު ވެސް މިހާރު ވަނީ ނާއުންމީދުވެފައެވެ. މާލޭގެ ގެސްޓް ހައުސްތައް މިދިޔަ މަހުގެ މެދު ތެރޭގައި ހުޅުވޭނެ ކަމަށް ކުރިން ލަވާކުރިއެވެ. އަދި އޭގެ ފަހުން މި މަހުގެ އެއް ވަނަ ދުވަހަށް ވެސް ހުއްދަ ލިބޭނެ ކަމަށް ބެލެވުނެވެ. އެހެން ކަމުން ބައެއް ފަރާތްތަކުން ބޫކިންގްތައް ވެސް ހެއްދިއެވެ. ނަމަވެސް ފަހު ވަގުތު ހުއްދަ ދޭ ދުވަސް ފަސްކުރުމުން ބޮޑު ގެއްލުމަކާ އަނެއްކާ ވެސް ކުރިމަތިލާންޖެހުނެވެ.

advertisement

އަންނަ މަހުގެ އެކެއްގައި ވެސް ގެސްޓް ހައުސްތައް ހުޅުވޭނެ ކަމަށް ގިނަ ބަޔަކު އަދިވެސް ތިބޭ އުންމީދުގައެވެ. އަހަރުގެ ތެރޭގައި އެންމެ ވިޔަފާރި ވަނީ ޑިސެމްބަރު މަހު ކަމަށް ވުމުން ބައެއް ފަރާތްތަކުން މިހާރު ވެސް ބޫކިންތައް އަންނަނީ ނަގަމުންނެވެ. ހާއްސަކޮށް ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އަންނަން ބޭނުންވެފައި ތިބި އެތައް ޓުއަރިސްޓުންނެއް އެބަ ތިއްބެވެ. ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކުގެ ވެރިން ތިބީ އަދިވެސް ހަމައެކަނި އުންމީދެއްގައެވެ. ޔަގީން ކަމެއް ނެތެވެ.

ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ދާދި ފަހުން ވެސް ވިދާޅުވެފައި ވަނީ ޑިސެމްބަހު މަހުގެ ތެރޭގައި މާލެ ސަރަަހައްދުގެ ގެސްޓް ހައުސްތައް ހުޅުވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. ނަމަވެސް އެކަން ވާން އޮތީ ފަރުދީ ޒިންމާތަކެއް ވެސް އަދާކުރެވިގެން ކަމަށާއި ގެސްޓް ހައުސްތައް ހުޅުވަން ހުއްދަ ދެވޭނީ ފްލޫ ކްލިނިކްތަކުން ޕޮސިޓިވާ ނިސްބަތް ފަސް ޕަސެންޓަށް ވުރެ ދަށްކުރެވިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ނަމަވެސް މިހުރިހާ ދުވަހު ވެސް ހަމައެކަނި އުންމީދެއްގައި ތިބި ގެސްޓްހައުސްތކުގެ ވެރިންނަށް އެންމެ ދުވަހެއް ވެސް ވަނީ ވަރަށް ބޮޑު ވޭނަކަށެވެ. ޓްރާންސިޓް ހޮޓާތަކުގެ ގޮތުގައި ކޮންމެ ޓުއަރިސްޓަކަށް 48 ގަޑިއިރަށް ތިބެވޭ ގޮތަށް ހާއްސަ ހުއްދައެއް ޓުއަރިޒަމް މިނިސްޓްރީން ދެއެވެ. އެ ގޮތަށް ވެސް ވިޔަފާރިތައް ބަންދު ނުކޮށް ތިބެވޭތޯ ބައެއް ގެސްޓްހަސްތަކުގެ ވެރިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއީ ވެސް މާ ބޮޑު އާމްދަނީއެއް ނޫނެވެ.

“އެންމެ ދެރަކަމަކީ ހުއްދަ ލިބޭނެ ދުވަހެއް ވެސް ނޭނގޭތީ. ބުކިންގްސް ނުހެއްދޭނެ ނޫންތޯ ދުވަހެއް ނޭނގެންޏާ. ވަރަށް ބޮޑު ގެއްލުމެއް މިއީ. ތަނުގެ ކުއްޔާއި މުވައްޒަފުންގެ މުސާރަ އާއި އެ ނޫން ވެސް އެތައް ހަރަދެއް އެބަ ދޭ. ރިސޯޓްތަކަށް ލުއިތަކެއް ލިބުނަސް އަޅުގަނޑުމެން މި ތިބެނީ އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ނަގައިގެން. ސަރުކާރުން ދޭ ލުއިތަކެއް އަމިއްލަ ފަރާތްތަކުންނެއް ނުދޭނެ ނޫންތޯ،” ގެސްޓްހައުސްއެއްގެ ވެރިއަކު ބުންޏެވެ.

އޭނާ ބުނީ ކޮވިޑް-19 ނެތް ރަށްރަށުގެ ގެސްޓް ހައުސްތަކަށް ޓުއަރިސްޓުންނަށް ދަތުރުކުރެވޭ އިރު ކޮވިޑް-19 ފެތުރިފައިވާ މާލެ ސަރަަހައްދުގެ ގެސްޓް ހައުސްތަކަށް ހުއްދަ ނުދޭ ސަބަބު ނުވިސްނޭ ކަމަށެވެ.

“އެއްވެސް ލޮޖިކެއް ނެތް ކަމެއް އެއީ. ކޮވިޑް ނެތް ރަށްރަށަށް ޓުއަރިސްޓުންނަށް ދަތުރުކޮށް އެބަ ހެދޭ. ފެތުރުމުެގ ފުރުސަތު މާ ބޮޑުވާނެ. ނަމަވެސް ކޮވިޑް ފެތުރިފައި އޮތް މާލޭގެ ގެސްޓްހައުސްތަކަށް ޓުއަރިސްޓުންނަށް ނާދެވޭ ސަބަބެއް ހަމަ އެއްގޮތަކަށް ނުވިސްނޭ. ރިސްކް ބޮޑީ ކޮންތަނެއްގައިބާ،” އޭނާ ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެންގުޅޭ އުސޫލްތަކަށް އެތައް ބަޔަކު މިހާރު ވެސް ދަނީ ފާޑުކިޔަމުންނެވެ. އެ ގޮތުން ރަށްރަށަށް ޓުއަރިސްޓުންނަށް މިނިވަންކަމާ އެކު ގޮސް ރަށު ތެރޭގައި އުޅެވުމާއި ސަރުކާރުގެ އޮފީސްތަކުގެ މީހުންނަށް ފަސް ދުވަސް ވަންދެން ރަށްރަށުގައި މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ދީފައި އާންމު ރައްޔިތު މީހާ 14 ދުވަހު ކަރަންޓީން ވާންޖެހޭ ގޮތަށް ހަދާފައިވާ އުސޫލަށް ވެސް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ގެސްޓްހައުސްތަކާ މެދު ގެންގުޅޭ ތަފާތުކުރުމާ ގުޅިގެން ވެސް އެތައް ބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ.

އެތައް ގެސްޓްހައުސްތަކެއް މިހާރު ވެސް ބަންދުކޮށްފައިވާ އިރު އުންމީދެއްގައި ތިބި މަދު ބަޔަކަށް ވެސް މާ ގިނަ ދުވަހު މި ގޮތުގައި ތިބެވޭނެ ކަމަކަށް ނުބެލެވެއެވެ. ރަށްރަށުގެ ގެސްޓްހައުސްތަކަށް ހުއްދަ ދީފައި މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށް ހުއްދަ ނުދޭން އެޗްޕީއޭ އިން ގެންގުޅޭ ފޯމިއުލާ އެއްގޮތަކަށް ވެސް ނުވިސްނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0