ދެކުނުގެ ކާގޯ ފެރީ ފަށައިފި

26 ނޮވެމްބަރ 2020 - 9:49

އިންޑިއާގެ ޓުޓިކޮރިން އިން ދެކުނުގެ ދެ ބަނދަރަކަށް ކުރާ ކާގޯ ފެރީގެ ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

ޓުޓިކޮރިން އާއި އައްޑޫ އަދި ގދ. ތިނަދޫއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައި ވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިންނެވެ.

advertisement

އެމްއެސްއެސް އިން ބުނީ “އެމްވީ ބޮންތި 2” މިހާރު ޓުޓިކޮރިން ބަނދަރުން މުދާ ބަރުކޮށްގެން ރާއްޖެ އަށް ފުރާފައިވާ ކަމަށެވެ. މި ފެރީގެ ސަބަބުން ދެކުނުގެ ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެއެވެ. އެ ގޮތުން ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ ފަށުގައި މުދާ ލިބުމަށް މަގުފަހިވެގެންދާނެ އެވެ.

އައްޑޫ އަދި ތިނަދޫ އަށް ކާގޯ ފެރީގެ ހިދުމަތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަން އިއލާނުކުރައްވާފައި ވަނީ މިދިޔަ ހަފުތާގައި ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި ފެރީން މުދާ ގެނައުމަށް ހުށަހެޅުމުގެ ފުރުސަތު އެމްއެސްއެސްއިން ހުޅުވާލާފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އައްޑޫ އާއި ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު މީގެ ކުރިން އިންޑިއާ ސަރުކާރުގެ އެހީގައި ކާގޯ ފެރީގެ ހިދުމަތް ވަނީ ފަށާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0