ޓުއަރިސްޓުންނަށް ދިގު މުއްދަތަށް ވިސާ ލިބޭ އިސްލާހް ތަސްދީގު ކުރައްވައިފި
26 ނޮވެމްބަރ 2020 - 9:53
ޓުއަރިސްޓުންނަށް ދިގު މުއްދަތަށް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފިއެވެ.
މި އިސްލާހުގެ ދަށުން އާ ދެ ވިސާއެއް ވަނީ ތައާރަފްކޮށްފައެވެ. އެއީ، މީޓިންގ ވީޒާ އާއި ކޯޕަރޭޓް ރެސިޑެންޓް ވީޒާއެވެ.
ކޯޕަރޭޓް ރެސިޑެންޓް ވީޒާއަކީ ރަޖިސްޓްރާރ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެ ނޫން ވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ ޢާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެވެ.
މި ވިސާ ދޫކުރަނީ ފަސް އަހަރުގެ މުއްދަތަށް ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު 5 (ފަހެއް) އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައިގެންނެވެ. ހަމަ އެއާއެކު ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ވެސް ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމަށް ވަނީ މަގުފަހިވެފައެވެ.
މީޓިންގ ވީޒާއަކީ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ޤަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއް، ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެ ނޫން ވެސް ފަރާތަކުން އިންތިޒާމްކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެކެވެ.
ކޯޕަރޭޓިވް ވިސާއާ ގުޅިގެން ގިނަ ބައެއް ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެވެ. އެގޮތުން ކުރީގެ ސަރުކާރުން ކޯޕަރޭޓިވް ވިސާ ދޫކުރުމަށް ހެދި ގަވާއިދުގެ ދަށުން ބޮޑެތި ލުއިތަކެއް ވިސާ ނަގާ ފަރާތައް ލިބުން ހިމެނެއެވެ. ނަމަވެސް މި ސަރުކާރުން ބުނެފައި ވަނީ އެ ލުއިތަކަށް ބަދަލު ގެންނާނެ ކަމަށެވެ.