“ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން” އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ
28 ނޮވެމްބަރ 2020 - 10:20
ފަތުރުވެރިކަމުގެ މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ “ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން” އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑް ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގަ އެވެ. 2020 ވަނަ އަހަރުގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބިފައިވާއިރު މިއީ މި އެވޯޑް ރާއްޖޭގެ ފަތުރުވެރިކަމުގެ ދިގު ތާރީހުގައި ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ދުނިޔޭގެ 22 މަންޒިލަކާއި ވާދަކޮށްގެންނެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގައި ވާޗުއަލްކޮށް ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ވޯލްޑް ލީޑިންގ އެވޯޑް ލިބިގެންދިއުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. ކޯވިޑް19 ގެ މިހާލަތުގައި މި އެވޯޑް ރާއްޖެއަށް ލިބިގެންދިއުމަކީ ރާއްޖެއަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބިގެންދިއަ ބޮޑު ކުރިއެރުމެއްކަމަށާއި، ރާއްޖެއަށް ވޯޓުލި އެންމެހައި ފަރާތްތަކާއި، ޓްރެވެލް އިންޑަސްޓްރީގެ ހުރިހައި ޕާޓްނަރުންނަށް މި އެވޯޑް ރާއްޖެއަށް ހޯދައިދިނުމަށް ކުރެއްވި ބުރަ މަސައްކަތައް ތޮއްޔިބު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރާއްޖެ އުފެދިފައިވާ ގޮތުންނާއި ކޯވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަކީ މިވަގުތު ދަތުރުކުރަން އެންމެ ރައްކާތެރި ޤައުމުކަން ކަށަވަރުކޮށްދީފައިވާކަމަށް ޔޮއްޔިބު ވިދާޅުވިއެވެ.
ރޭގެ ހަފްލާގައި ދުނިޔޭގެ ފެންވަރުގެ އެހެން ގިނަ އެވޯޑްތަކެއްވެސް ވަނީ ރާއްޖެއަށް ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ:
- ވޯލްޑް ލީޑިންގ ވޯޓަރ ވިލާ ރިސޯޓް: ފޯރ ސީޒަން ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާ
- ވޯލްޑް ލީޑިންގ އަންޑަރ ވޯޓަރ ހޮޓެލް ރެސްޓޯރަންޓް: ހުރަވަޅި އައިލެންޑް ރިސޯޓް
- ވޯލްޑްސް ލީޑިން ނިއު ރިސޯޓް: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
- ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
- ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް: ބަރޮސް މޯލްޑިވްސް
- ވޯލްޑްސް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް: ވައްކަރު މޯލްޑިވްސް
- ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.