އައްޑޫ ފްލައިންގ ސްކޫލަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު އަނެއްކާ ވެސް ވިދާޅުވެއްޖެ

30 ނޮވެމްބަރ 2020 - 10:47

އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އާ މެެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝާ އައްޑޫ ފްލައިން ސްކޫލަށް އިންޒާރު ދެއްވި އިރު މީގެ ކުރިން ހަޔާ އެޑިއުކޭޝަނުން ވެސް ވަނީ އެ ސްކޫލަށް އިންޒާރު ދީފައެވެ. މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އައްޑޫ ފްލައިންގް ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނާ މެދު ބޭއިންސާފުން އަމަލުކުރެވެމުންދާތީ  އެކަން ކުށްވެރިކުރާ ކަމަށް ވެސް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

advertisement

އައްޑޫ ފްލައިންގް ސްކޫލްގެ މައްސަލައަކީ ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ރެގިއުލޭޓްކުރަމުން އަންނަ އައްޑޫ ފްލައިންގް ސްކޫލުގެ ގިނަ މައްސަލަތަކެއް އެ ތަނުގެ ދަރިވަރުން މީގެ ކުރިން ވެސް ވަނީ ފެންމަތިކޮށްފައެވެ. އެ ގޮތުން ދަރިވަރުންގެ ކިޔެވުން ނިންމަން ކަނޑައަޅާފައި އޮތް މުއްދަތުގައި ނުނިމި ދިގުލައިގެން ދިއުން ފަދަ ކަންކަން ހިމެނެއެވެ. އަދި ދިވެހި ދަރިވަރުންނާ މެދު ތަފާތުކުރުން ގެންގުޅޭ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.

އެ މައްސަލަތައް ހައްލު ނުވެ އެ ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ މިހާރު ވަނީ ބޮޑުވެފައެވެ. އެގޮތުން 15 ދަރިވަރަކު ސްކޫލުން ވަކިކުރަން ނޯޓިސް ފޮނުވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި ފަހު މަރުހަލާގައި ތިބި ދަރިވަރުން ހިމެނެއެވެ. މީގެ ކުރިން ވެސް ފަސް ދަރިވަރަކަށް ނޯޓިސް ދިނުމާ ގުޅިގެން ހަޔާ އެޑިއުކޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިގެން އަލުން ފުރުސަތު ދިނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ފަހުން ނޯޓިސް ދިން ދަރިވަރުންގެ ތެރޭގައި އެ ފަސް ދަރިވަރުން އަނެއްކާ ވެސް ހިމެނެއެވެ.

ނޯޓިސް ދިން ދަރިވަރަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ދަރިވަރުންނަށް ނޯޓިސް ދިނީ ފުރިހަމަ ނުކުރެވޭނެ ޝަރުތުތަކެއް މަތިކޮށްފައި ކަމަށެވެ. އެ ގޮތުން ކުރު މުއްދަތެއްގައި ފައިސާ ދެއްކުމާއި ކުރު މުއްދަތެއްގެ ތެރޭގައި ކޯސް ނިންމަން އެންގުން ހިމެނެއެވެ.  

ރިއެކްޝަންސް
0
0
0
0
0
0
0