ޓުއަރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހްތައް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

3 ޑިސެމްބަރ 2020 - 10:26

ުއަރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޓުއަރިޒަމް ގާނޫނަށް ގެންނަ އިސްލާހްތައް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރު ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ ކަންކަމަށް މަގުފަހިކުރުމަކީ ވެސް މި ބިލުގެ އެއް މަގުސަދެވެ. މި ބިލް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

advertisement

މި ބިލުގައި ވިއްސަކަށް އިސްލާހް ހިމެނޭ އިރު އާމްދަނީ ހޯދޭނެ ވަރަށް ގިނަ ކަންކަން ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ރިސޯޓްކާއި ގެސްޓްހައުސް ފަދަ ތަންތަން ހެޑް ލީސްގެ މުއްދަތަށް ވިއްކުމުގެ ފުރުސަތު ފަހިކުރުން ހިމެނެއެވެ. މީގެ އިތުރުން ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތައް ތަރައްގީކުރުމަށް ލުއިތައް ދިނުމާއި ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން އިންޓަގްރޭޓެޑް ޓުއަރިޒަމާއި ރިސޯޓާއި ގެސްޓްހައުސް ފަދަ ކަންކަމަށް ބިން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓުއަރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށު ނޫނީ ސިޓީ ކައުންސިލްތަކަށް ލިބިދޭ ގޮތަށް މި ބިލުގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން ޓުއަރިޒަމްގެ ވަސީލަތްތަކުން ދައްކަންޖެހޭ ބިމު ކުއްޔަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން މާލެ ނޫން ސަރަހައްދުތަކުގެ ކުލިތައް ވަނީ ކުޑަކޮށްފައެވެ.

މި ބިލަށް މެންބަރުން ގިނަ ހިޔާލުތަކެއް ފާޅުކުރައްވާފައި ވެއެވެ. އަދި ކަމާ ބެހޭ ފަރާތްތައް ހާޒިރުކޮށް އެ ފަރާތްތަކުގެ ހިޔާލު ހޯދާފައި ވެއެވެ. އަދި އެ ހިޔާލުތަކާ އެކު ބިލަށް ބައެއް ބަދަލުތައް ވެސް ގެނެސްފައި ވެއެވެ.

މި ބިލާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ދައުލަތުން އިސްކަންދެނީ ބިމު ކުއްޔަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ރިސޯޓްތަކާއި ތަންތަނުން ލިބޭ އެކި ޓެކްސްތަކާއި ވަށައިގެން އުފެދޭ އިގްތިސާދީ މަސައްކަތްތަކަށް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ރަށްތަކެއް ތަރައްގީ ނުވެ ގިނަ ދުވަސްތަކެއް ވެފައިވާ އިރު އެ ތަންތަން ނިންމަން ލުއި ގޮތްތަކެއް ހަދައިދޭންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މި ބިލުގައި ހިމެނޭ ކަންކަމަށް މަގުފަހިކުރުމަށް އިމިގްރޭޝަން ގާނޫނަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން ސެކަންޑް ހޯމް ފަދަ ކަންކަމަށް މަގުފަހިކުރުމަށް 250،000 ޑޮލަރި އިންވެސްޓްކުރާ ފަރާތްތަކަށް ދިގު މުއްދަތުގެ ކޯޕަރޭޓިވް ރެސިޑެންޓް ވިސާ ދޫކުރާ ގޮތަށް ވަނީ އިމިގްރޭޝަން ގާނުނު އިސްލާހުކޮށްފައެވެ. ދައުލަތުން އަންދާޒާކޮށްފައިވާ ގޮތުގައި މި ބަދަލުތަކާ އެކު އަންނަ އަހަރު ރެއަލް އެސްޓޭޓް ޓުއަރިޒަމްގެ ތެރެއިން 154 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0