ވީއައިއޭގެ ސީޕްލޭން ޓާމިނަލްގެ ލައުންޖް އޭރިއާ ކުއްޔަށް ދޫކުރަނީ

5 ޑިސެމްބަރ 2020 - 14:04

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރި އައު ސީޕްލޭން ޓާމިނަލްގެ ލައުންޖު އޭރިއާތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ބުނީ މި ލައުންޖުތައް ކުއްޔަށް ހިފާ ފަރާތްތަކުން އެތަންތައް ސެޓްއަޕްކޮށް އޮޕަރޭޓު ކުރަން ޖެހޭނީ އެމްއޭސީއެލްއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. ސީޕްލޭން ޓާމިނަލްގެ ލައުންޖްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 1300 ގެ ކުރިން ބިޑްކުރުމުގައި ރަޖިސްޓަރ ކުރަންޖެހޭނެއެވެ.

ވީއައިއޭގެ ސީޕްލޭން ޓަރމިނަލްގެ ލައުންޖް އޭރިއާއަށް ކުރިމަތިލެވޭނީ ރަޖިސްޓަރ ކޮށްފައިވާ ސީޕްލޭން އޮޕަރޭޓަރުން، ޓުއަރ އޮޕަރޭޓަރުން، އަދި ރިސޯޓްތަކަށެވެ. ބިޑް ހުށައަޅާއިރު 10000 ޑޮލަރު ނުވަތަ އެއަދަދަށްވާ ދިވެހި ފައިސާ ބިޑް ސެކިއުރިޓީގެ ގޮތުގައި ދޭންޖެހޭނެއެވެ. ބިޑް ކުރުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި އެމްއޭސީއެލްއިން ކަނޑައަޅާފައިވަނީ މިމަހުގެ 30 ވަނަ ދުވަހެވެ. ކަނޑައަޅާފައިވާ ތާރީހަށްވުރެ ފަހުން ހުށަހަޅާ ބިޑްތައް ބަލައި ނުގަންނާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާ ސީ ޕްލޭން ޓަރމިނަލްގެ ޚިދުމަތް ފަށާނެކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
އާ ޓަރމިނަލްގެ އެންމެ ބޮޑު އެއް ބޭނަމަކީ ސީޕްލޭން ޑޮކްތަކުގެ ޖާގަ އިތުރުކުރުމެވެ. އެގޮތުން ޑޮކްތަކުގެ ޖާގަ %50 އަށް އިތުރުކޮށް، 80 އަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓްކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0