ބޮޑެތި ކުށްވެރިން މިނިވަންކުރުން: ރައީސަށް ގާނޫނުން ތަން ދިނަސް ހިތާމަވެރި ކަމެއް!

7 ޑިސެމްބަރ 2020 - 9:48

“އެއީ، ތަންކޮޅެއް އަވަސްކޮށް ކުރެވުނު ކަމެއް. ޖަލުގައި ހުރި މީހަކު މިނިވަންކުރުން. ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑު އެކަން ކުރީ، އަޅުގަނޑަށް ލިބިފައި އޮތް ބާރުގެ ތެރެއިން،” ސަރުކާރުގެ 100 ދުވަހުގެ މަސައްކަތާ ބެހޭ ގޮތުން އޮންލައިން ނޫސް “މިހާރު” އަށް ދެއްވި އިންޓަވިއުއެއްގައި މިދިޔަ އަހަރުގެ މާޗް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު އެ ވާހަކަ ވިދަޅުވީ ޖަލުގައި ހުރި ކުށްވެރިއަކު މިނިވަންކުރި މައްސަލަ އަށްއިޝާރާތްކުރައްވައެވެ. 

 އަދިވެސް ރައީސް ވިދާޅުވިއެވެ. ” އެއީ އަޅުގަނޑަަށް ނުކުރެވުނު ނަމޭ ހިތަށް އަރާ އެއް ކަންތައް. އެކަމާ ހިތާމަކުރަން.”

advertisement

އެއީ ކޮން ކުށްވެރިއެއްކަން ރައީސް އޭރު ވިދާޅުނުވި ނަމަވެސް އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ކުޑަކުއްޖަކާ އެކު ބަދުއަހްލާގީ އަމަލެއް ކުރިކަމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައި ހުރި، އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އަށެވެ. ވެރިކަމަށް ވަޑައިގެން ހޯރަ އިއްބެ މިނިވަންކުރި މައްސަލާގައި ސަރުކާރަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ފާޑުކިޔެއެވެ. 

ހޯރަ އިއްބެގެ އަދަބަށް ލުއި ދެއްވުމަކީ އެމަނިކުފާނަށް ހެއްދެވުނު ބޮޑު ގޯހެއްކަން ހުދު އެމަނިކުފަނު ގަބޫލުކުރެއްވުމުން ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ދެން އެފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް މިވަނީ އެފަދަ މައްސަލައެއްގައި އެ މަނިކުފާނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މަސްތުވާތަކެތީގެ ވަރުގަދަ ވިޔަފާރިވެރިއެއްގެ ގޮތުގައި ފާހަގަކުރެވި އަދި 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ކުށް ސާބިތުވެ 25 އަހަރު ދުވަހު ޖަލު ހުކުމެއްގައި ހުރި އަބްދުﷲ ސޮފްވަތު މިނިވަންކުރުަމަށް ރައީސް ނިންމެވުމާ އެކު އޭނާ މިނިވަންވުމުން ގިނަ ބަޔަކު ދަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

މަސްތުވާތަކެތީގެ މައްސަލަ އިއްނތިހާ އަށް ބޮޑުވި އެތައް ބަޔަކަށް ފަރުވާ ނުދެވި މަގުތަކުގައި ގިނަވެ ވައްކަންކުރުމާއި ފޭރުން ފަދަ ކުސްތައް އިތުރުވެފައިވާ ދުވަސްވަރެއްގައި މި މައްސަލަ ފެންމަތިވުމަކީ ވެސް ފާޑުކިޔުންތައް އިތުރުވި ސަބަބެކެވެ. މަސްތުގެ ހާލަތުގައި ޖެހިފައިވާ މީހުންނަށް އަދަބު ލިބުނަސް އެމީހުން މަސްތުގައި ޖައްސައި އޭގެން ފައިދާ ހޯދައި ވިޔަފާރިކުރާ މީހުންނަށް ގާނޫނުގެ ތެރެއިން އަދަބެއް ދެވެނީ މަދު ފަހަރަކުއެވެ. އަދަބެއް ދިނަސް އެ މީހަކު ޖަލުގައި ހޭދަކުރަނީ މަޑު ދުވަސްކޮޅެކެވެ. ގާނޫނުން ކޮންމެވެސް ބާގަނޑެއް ހޯދައި އެ މީހުން މިނިވަން ވެއެވެ. މިފަދަ ހާލަތެއްގައި އޮއްވައި ސޮފްއަތު ފަދަ މީހަކު މިނިވަންކުރުމުން ގިނަ ބަޔަކު ތިބީ ރުޅި އައިސްފައެވެ. 

ސަރުކާރުން ކުރީ ގާނޫނާ ހިލާފު ކަމެއް ނޫނެވެ. ނުވަތަ ރައީސް އެކަން ކުރެއްވީ ގާނޫނުގެ ތެރެއިންކަން އެއީ ހަގީގަތަކެވެ. މައާފް ނުދެވޭނެ ކުށްތަކެއް ގާނޫނުގައި ކަނޑައަޅާފައިވީ ނަމަވެސް 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާ އަށް ބާރުތަކެއް ދީފައި ވެއެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، މީހުން މެރުމާއި ޓެރަރިޒަމްގެ ކުށް ފަދަ ބޮޑެތި ހަތް ކުށަކަށް މައާފް ނުދެވޭނެ ކަމަށް އެ ގާނޫނުގައި އޮވެއެވެ. ނަމަވެސް ހުރިހާ ކަމެއް ނަފީ ވެގެންދާ މާއްދާއެއް އެ ގާނޫނުގައި ހިމަނާފައި ވެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އަށް އަދަބު ލުއިކޮށްދެވިދާނެ ކަމަށް ބުނާ އެ ގާނޫނުގެ 29 ވަނަ މާއްދާގެ (ނ)އެވެ. މައާފްނުދެވޭނެ ކުށްތަކެއް ކަނޑައަަޅާފައިވީ ނަމަވެސް އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ. އެހެންކަމުން 25 އަހަރު ޖަލު ހުކުމެއްގައި ޖަލަށް ލާ މީހާގެ ހުކުމުގައި ބާކީ 20 އަހަރު އޮތަސް 19 އަހަރާއި 259 ދުވަސް މައާފްކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނަކުން ލިބިދީފައި އޮތުމުން އެ ކުށްތައް ކަނޑައެޅުމުގެ މާނަ ގެއްލެއެވެ. އެއް ދުވަހުގެ ހުކުމަކަށް ފަހު މިނިވަންވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އިނާޔަތެއްގެ ގޮތުގައި ލިބޭ ނަމަ އޭގެ އެއްވެސް ބޭނުމެއް ނެތެވެ.

ގާނޫނަކީ އަބަދު ވެސް އިސްލާހްކުރަންޖެހޭ އެއްޗެކެވެ. ކުށްވެރިންގެ އަދަބު ލުއިކޮށްދިނުމާއި މައާފްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަކީ ރާއްޖޭގައި އޮތް ކަމެއް ނޫނެވެ. ހާއްސަ މުނާސަބާތަކުގައި ގިނަ ގައުމުތަކެއްގައި މިއީ ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ގާނޫނުގައި މިކަން ކުރާނެ އިޖުރާއަތްތައް މިހާރަށް ވުރެ ސާފުވާންޖެހެއެވެ. ބާގަނޑުތައް ބައްދައި އެކަން ކުރާނެ ހަމަތަކާއި ތަރުތީބުތައް މިހާރަށް ވުރެ ރަނގަޅާށް ލިޔަން އެބަޖެހެއެވެ. އެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ކިބައި ނިގުޅައި ނުގަތް ނަމަވެސް އިސްލާހްތަކެއް އަންނަންޖެހޭކަން މާޒީން ފެންނަން އެބަ އޮތެވެ. 

ރައީސް މައާފް ދެއްވީ ގާނޫނުން އެމަނިކުފާނަށް ލިބިދޭ ބާރަކުންނެވެ. އެކަމާ މެދު ދެބަސްވުމެއް ނެތެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްތޯ ކުރެވޭ ސުވާލު މަދެއް ނޫނެވެ. އަދި އެއީ ރަނގަޅު ނިންމެވުމެއް ނޫން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. ސޮފްވަތު މިނިވަންކުރުމާ ބެހޭ ގޮތުން ރަސްމީ ސިފައެއްގައި ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުގެ އޮފިޝަލަކު ވަނީ އެކަން ދިފާއުކުރައްވާފައެވެ. އަދި އޭނާ ދޫކޮށްލީ އޭނާގެ އުޅުމަށް ބަލާފައި ކަމަށް އޮފިޝަލް ވިދާޅުވެއެވެ. އަދި ދޫކޮށްލި އިރު ހުރީ ޖަލުގެ އިމާމަކަށް ކަމާއި ސޮފްއަތު މުޅިން އިސްލާހް ވެއްޖެ ކަމަށް ދެއްކުމަށްޓަކައި އޮފިޝަލް ވަރަށް ގިނަ ވާހަކަ މީޑިއާގައި ދައްކަވާފައި ވެއެވެ. 

ޖަލުހުކުމަކީ ހަމައެކަނި އަދަބެއް ނޫނެވެ. އެއީ އިސްލާހްވުމަށް ވެސް ލިބޭ ފުރުސަތެކެވެ. އަދި އަދަބެއްގެ ބޭނުމަކީ ވެސް އެ މީހަކު އިސްލާހްކޮށް މުޖުތަމައުގައި އުޅެވޭނެ މަގު ތަނަވަސްކުރުމެވެ. ނަމަވެސް ގާނޫނުގައި މައާފް ނުދެވޭނެ ކުށުގެ ބާވަތްތަކެއް ކަނޑައެޅުމުގެ މައިގަނޑު ބޭނުންތަކެއް އޮންނާނެއެވެ. އެ މީހެއްގެ ފަރާތުން މުޖުތަމައުއަށް ލިބިފައިވާ ނޫނީ ލިބިދާނެ ގެއްލުންތަކަކީ އޭގެ އެއް ސަބަބެވެ. ނުވަތަ އެ ކުރި ކުށަށް ފުރިހަމަ އަދަބު ލިބިގަތުން ކޮންމެހެން މަޖުބޫރު ކަމަށް މުޖުތަމައު އިން ވެސް ގަބޫލުކުރުން އެއީ ވެސް ސަބަބެކެވެ. ގާނޫނުގައި އޮތް ބާގަނޑަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވަރަށް ވިސްނުންތެރިކަމާ އެކުގައި ނޫނީ އެ ބާރު ބޭނުންނުކުރައްވާނެ ކަމަށް ބަލައި ގާނޫނުގައި ވަކި މާއްދާއެއް ހިމެނުމަކީ އެއީ އެފަދަ މީހުންނަށް ސަލާމަތްވާން އޮތް މަގަކަށް ވުމަކީ ހިތާމަވެރި ކަމެކެވެ. 

ސޮފްއަތު ވެސް އިސްލާހް ވެދާނެއެވެ. އަދި އެ ފުރުސަތު އޭނާ އަށް އޮންނަން ވެސް ޖެހެއެވެ. ނަމަވެސް މުޖުތަމައުގެ ހަލާކުގެ ގޮތުގައި އޮތް މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖެ އަށް ފުޅާކުރަން ކުރި މަސައްކަތުގެ އަދަބު އޭނާ އަށް ލިބެންޖެހެއެވެ. ނުވަތަ އެފަދަ ކަމަކަށް އަލުން ހިނގައިދާނެ ކަމަށް އޮތް ރިސްކް ސަރުކާރުގެ އެންމެ މަތިން ނިންމަވައިގެން ނަގާ ނަމަ އެއީ ބަލައިގަންނަ އެހާ ފަސޭކަމެއް ނޫނެވެ. މީގެ އަހަރެއް ފަހުން އަނެއްކާ ވެސް ރައްޔިތުންނަށް މުހާތަބް ކުރައްވަމުން ” އެއީ އަޅުގަނޑަަށް ނުކުރެވުނު ނަމޭ ހިތަށް އަރާ އެއް ކަންތައް،” ކަމަށް ވިދާޅޫވެ ހިތާމަކުރައްވައި ކަރުނަފޮދު އޮހޮރަންޖެހޭ ފަދަ ނިންމުމަކަށް މިކަން ވެއްޖެ ނަމަ ރައީސް އަށް މައާފްކުރަން ރައްޔިތުންންށް ފަސޭހައެއް ނުވާނެއެވެ. އަބަދު މައާފްކުރުމަކީ އިންސާނުންގެ ތޮބިއްޔަތުގައި ހުންނަ ކަމެއް ނޫނެވެ. އެފަދަ ގޯަސްތަކަށް ރައްޔިތުން ހުކުމް ކަނޑައަޅާ ދުވަހު ވަރަށް ބޮޑަށް ވިސްނާނެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0