ދާއިމީ ލިސްޓްތައް އިއުލާންކުރުމުގެ ކުރިން ޖަވާބު ބޭނުން ސުވާލުތަކެއް!

12 ޑިސެމްބަރ 2020 - 10:48

ހިޔާ ފްލެޓްތަކަށް ކުރިމަތިލި ދެމަފިރިންނެވެ. ކުރިމަތިލީ ދެ ކެޓަގަރީއަކުންނެވެ. ކުރިމަތިލީ އިރު ވެސް އަދި މި ފަހަކުން ހާލަތު ބަލަން ޒިޔާރަތްކުރި އިރު ވެސް އަދި މިހާރު ވެސް އެކުގައި އުޅޭ ދެމަފިރިންނެވެ. ޕޮއިންޓް ދީފައިވާ ގޮތަށް ބަލަމާ ހިނގާށެވެ. އަންހެން މީހާ މާލޭގައި ވަޒީފާ އަދާކުރަން ފެށީ 2008 އިން ފެށިގެންނެވެ. އޭނާ އަށް ވަޒީފާ އަދާކުރުމުގެ މުއްދަތުގެ ބައިން 20 ޕޮއިންޓް ލިބިފައި ވެއެވެ. ތައުލީމީ ފެންވަރު 20 ޕޮއިންޓް އަދި ދިރިއުޅުމުގެ ހާލަތުގެ ބައިން ވެސް 20 ޕޮއިންޓަށް ވުރެ މައްޗެވެ. އެކު ޖުމްލަ 60 ޕޮއިންޓަށް ވުރެ މައްޗެވެ. ކޮލިފައިވެއެވެ.

ފިރިމީހާ މާލޭގައި ދިއުޅެން ފެށީ 1997 އިން ފެށިގެންނެވެ. ވަޒީފާއަދާކުރަން ފެށީ 2001 އިން ފެށިގެންނެވެ. މެދުކެނޑުމެއް ނެތި މާލޭގައެވެ. ނަމަވެސް އޭނާ އަށް ވުރެ ހަތް އަހަރު ފަހުން މާލޭގައި ވަޒީފާ އަދާކުރަން ފެށި އަންހެނުންނަށް ވުރެ ފަސް ޕޮއިންޓް މަދެވެ. ލިބުނީ 15 ޕޮއިންޓެވެ. ދިރިއުޅުމުގެ ހާލަތުގެ ބައެވެ. މި ފަހަރު އަނބިމީހާ އަށް ވުރެ ހަ ޕޮއިންޓް މަދެވެ. ލިބުނީ 14 ޕޮއިންޓެވެ. ގެއަށް ޒިޔާރަތްކުރުމެއް ނެތި ހިތުލަފަޔަށް ކުރީގެ ސަރުކާރުން ދީފައި އޮތީ 15 ޕޮއިންޓެވެ. ދިރިއުޅުމުގެ ހާލަތު ބެލި ގޮތެއް އެނގޭނީ އޭރުގެ ސަރުކާރުގައި ޕޮއިންޓް ދިނުމުގެ މަސައްކަތް ކުރި ބަޔަކަށެވެ. ނަމަވެސް މި ފަހަރު ގެއަށް ވެސް ޒިޔާރަތްކުރިއެވެ. ދެ ކެޓަގަރީން ކުރިމަތިލާފައި އޮތުމުން ހާލަތު ބަލާފައި ވަނީ ވަކި ވަކިން ކުރި ދެ ޒިޔާރަތެއްގައެވެ. ދެ ޒިޔާރަތުގެ ދެމެދުގައި ދިރިއުޅުމުގެ ހާލަތަށް މާ ބޮޑު ތަފާތެއް ނާދެއެވެ. އުޅެމުން އައީ ފާއިތުވި އަށެއްކަ އަހަރު ވެސް އުޅުނު ކޮޓަރީގައެވެ. އައި ތަފާތަކީ އާއިލާ އަށް ދަރިއަކު އިތުރުވުމެވެ. ނަމަވެސް މި ފަަހަރު ޕޮއިންޓްގެ ފަރަގު ހަ ޕޮއިންޓްގެ ތަފާތެއް ދެ މީހުންގެ މެދުގައި އޮތެވެ. އެކަން އެހެންވީ ގޮތެއް އެނގޭނީ އެ ޕޮއިންޓް ދިން ބަޔަކަށެވެ.

advertisement

މިދިޔަ ސަރުކާރުން ފެށި “ހިޔާ މަޝްރޫއު”ގެ ލިސްޓްތައް ދިރާސާކޮށް ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު ވަގުތީ ލިސްޓްތަކަށް ފަހު ދާއިމީ ލިސްޓްތައް ނެރުމުގެ މަސައްކަތް އެކަން ކުރާ ކޮމިޓީން އަންނަނީ ކުރަމުންނެވެ. މި މަހުގެ ތެރޭގައި އެކަން ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ދާއިމީ ލިސްޓެއް އާންމުކުރާ އިރު އެ ލިސްޓްތަކުގައި ހުރި މައްސަލަތައް ހައްލުކުރަންޖެހެއެވެ. ސުވާލެއް އުފެދޭ ފަދަ ކަމެއް އޮތް ނަމަ އެކަން ސާފުކޮށްދޭންޖެހެއެވެ. އޮޅުންތަކެއްގެ ތެރެއިން ލިސްޓްތައް ފައިނަލްކޮށް ދާއިމީ ލިސްޓްތައް އާންމުކޮށްފި ނަމަ ނުކުންނާނެ ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. ކުރީގެ ސަރުކާރުން ވެސް އަމަލުކުރި ގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތާ މެދު މީހުންގެ އިތުބާރު އޮތީ ވަރަށް ބޮޑަށް ގެއްލިފައެވެ. މި ގޮތަށް އަޅާފައި ދޫކުރާ ފްލެޓްތަކުގެ ބޮޑު ބައެއް އިންސާފުން ބޭރުން މީގެ ކުރިން ވެސް އޮތީ ގާތް މީހުންނަށް ބަހާލާފައެވެ. އަދި މިހާރު ދޫކުރުމަށް ހަމަޖައްސާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން އިއުލާންކުރި ލިސްޓްތަކުގަައި ވެސް ބޮޑެތި މައްސލަަތަކެއް ހުއްޓެވެ. އަލުން ބަލުން އެކަން ބަލައި އަލުން އިއުލާންކުރި ވަގުތީ ލިސްޓްތަކުގައި ވެސް އެ މައްސަލަތަކަށް ހައްލެއް މުޅިން ހޯދައިދެވިފައި ނުވާކަން ލިސްޓްތަކުގައި ހުރި މައްސަލަތަކުން އެނގެއެވެ. ޝަކުވާ ހުށަހަޅަން އޮތް ނަމަވެސް ކޮންމެ މީހަކީ ޝަކުވާ ހުށަހަޅާނެ މީހެއް ނޫނެވެ. ޝަކުވާ ހުށަނޭޅުމަކީ އިންސާފުން ބޭރުން އަމަލުކުރަންޖެހޭ ހުއްޖަތެއް ނޫނެވެ.

ލިސްޓްތަކުގައި ހުރި އިތުރު މައްސަލަތަކަށް ބަލާއިރު ދެމަފިރިންނަށް ފްލެޓް ލިބިފައިވުން ހިމެނެއެވެ. އަދި ކުރިން ހިންގި ތަފާތު މަޝްރޫއުތަކުގައި ފްލެޓް ލިބިފައިވާ ބައެއް މީހުން ނުވަތަ އެ މީހުންގެ ފިރިން ނުވަތަ އަނބިންނަށް އެހެން ކެޓަގަރީއަކުން މި ފަހަރުގެ ވަގުތީ ލިސްޓްތަކުން ފްލެޓް ލިބޭ ގޮތަށް އޮތުން ފާހަގަކުރެވެއެވެ. އެ ގޮތުން ކުރިން ޓާޓާ ފްލެޓްތަކުގެ ތެރެއިން ސިއްހީ ދާއިރާ އަށް ހާއްސަކުރި ފްލެޓްތައް ލިބުނު ބައެއް މީހުންނަށް ނުވަތަ އެ މީހުންގެ ފިރިންނަށް ތަފާތު އެކި ކެޓަގަރީތަކުން ވަރަށް މަތިން ޕޮއިންޓް ލިބިފައިވާ ކަމަށް މިހާރު އާންމުކޮށްފައިވާ ވަގުތީ ލިސްޓްތަން ދައްކައެވެ.

މީގެ އިތުރުން ފްލެޓް ލިބޭ މީހުންގެ ތެރޭގައި ދެމަފިރިން ހިމެނިއްޖެ ނަމަ އިހްތިޔާރު ދިނުމުގައި ގެންގުޅޭނެ އުސޫލެއް ވެސް މުޅިން ސާފެއް ނޫނެވެ. މިސާލަކަށް މިދިޔަ ސަރުކާރުގައި ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަކުރި ފްލެޓްތައް ލިބުނު ފަރާތްތަކަށް އިހްތިޔާރު ކުރުމުގެ ފުރުސަތެއް ދީފައެއް ނުވެއެވެ. މިސާލަކަށް ނަރުހުންގެ ކެޓަގަރީން އަނބިމީހާ އަށް ފްލެޓް ލިބި އަދި އެހެން ކެޓަގަރީއަކުން ފިރިމީހާ އަށް ފްލެޓް ލިބުނަސް ފްލެޓް ލިބެނީ އޭގެ ތެރެއިން ނަރުހުންގެ ކެޓަގަރީގައި ހިމެނޭ ފަރާތަށެވެ. އިހްތިޔާރުކުރުމުގެ ފުރުސަތު އެފަދަ ހާލަތެއްގައި މިދިޔަ ސަރުކާރުން ދީފައެއް ނުވެއެވެ. ނަމަވެސް ބއެއް އެހެން ކެޓަގަރީތަކުގައި ފްލެޓް ލިބޭ ގޮތަށް ދެމަފިރިން ހިމެނިއްޖެ ހާލަތުގައި އިހްތިޔާރުކުރުމުގެ ފުރުސަތު ކުރީގެ ސަރުކާރުން އޮތީ ދީފައެވެ. ނަމަވެސް އާ ލިސްޓްތައް ފައިނަލްކުރާ އިރު އެ ފުރުސަތު އަލުން ދިނުމާ މެދު ވަކި ގޮތެއް އިއުލާނުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ދެ ލިސްޓެއްގައި ދެމަފިރިން ހިމެނިފައިވާ ހާލަތުގައި ފައިނަލް ލިސްޓް އިއުލާނުކުރާ އިރު އެ ފަރާތްތައް އުނިނުކޮށް ލިސްޓް އިއުލާން ކޮށް، ފްލެޓްތައް ހަވާލުކުރުމާ ހަމައިން އެ މައްސަލަ ހައްލުކުރަން އުޅޭ ނަމަ ލިސްޓްތަކަށް އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެފަދަ ހާލަތުގައި ލިސްޓްގައި ދެން ޖެހިގެން އިންނަ ފަރާތަށް ފްލެޓް ދިނުމަކީ އިންސާފުވެރި ގޮތް، ނަމަވެސް ފައިނަލް ލިސްޓް އިއުލާންކުރުމުގެ ކުރިން އެ މައްސަލައަށް ހައްލު ހޯދުމަކީ އެހާ އުނދަގޫ ކަމެއް ކަމަކަށް ނުފެނެއެވެ. މިހާރު ހުރި ޑިޖިޓަލް ސިސްޓަމްތަކުގެ ތެރެއިން ލިސްޓްތަކުގައި ހިމެނޭ ދެމަފިރިންނަކީ ކޮބައިތޯ އާއި އެ މީހުންގެ ތެރެއިން ފްލެޓް ދޭން ކަނޑައަޅާ ފަރާތެއް ވަކިކޮށްލުމަކީ ކޮމިޓީން ކުރަންޖެހޭ ކަމެކެވެ.

މީގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ އެތައް ބަޔަކު ވެސް މި ލިސްޓްތަކުގައި ހިމެނިފައި ވެއެވެ. ނަމަވެސް މި މަޝްރޫއަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ފްލެޓްތަކަކަށް ވުމުން އެއީ ވެސް މާލޭގައި އެތައް ޒަމާންތަކެއް ވަންދެން ދިރިއުޅެމުން އައި ނަމަވެސް ބޯހިޔާވަހިކަމެއް ނެތް އެތައް ބަޔަކަށް ވެވޭ ވަރަށް ބޮޑު ނާއިންސާފެކެވެ. އެހެން ނަމަވެސް މާލޭގައި އެތައް ޒަމާނެއް ވަންދެން އުޅުމަށް ފަހު ކޮވިޑްގެ ހާލަތާ ގުޅިގެން އިތުރު ގޮތެއް ނެތިގެން މާލެ ދޫކޮށް މި ވަގުތު ރަށްރަށުގައި ތިބި އެތައް އާއިލާތަކެއް ވެސް އެބަ ތިއްބެވެ. އެފަދަ މީހުން މި ލިސްޓްތަކުން އުނިވާ ނަމަ އެއީ ވެސް ނާއިންސާފެކެވެ. މަސައްކަތް ހަލުވިކޮށް ކުރި ނަމަ ކޮވިޑްގެ ހާލަތުގެ ކުރިން މި ލިސްޓްތައް އޮންނާނީ ނިމިފައެވެ. އެހެން ނަމަ އެ ފަރާތްތައް ވެސް އެ ލިސްޓްތަކުގައި ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން ދިމާވި ހާލަތަކާ ގުޅިގެން ބައެއްގެ ހައްގު ގެއްލޭ ނަމަ އެއީ ވަރަށް ބޮޑު ނާއިންސާފެކެވެ. އެކަމަށް ވެސް ސަރުކާރުން ޖަވާބުދާރީ ވާންޖެހެއެވެ.

މިދަރަ އެތައް ކަމެއް އެބަހުއްޓެވެ. ހިޔާ މަޝްރޫއަށް ނުވަތަ އަދި އެ ނޫން ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާ މަދު މީހަކު ފިޔަވައި ގިނަ މީހުންނަކީ ހަގީގަތުގައި ވެސް ބޯހިޔާވަހިކަން ހައްގު ފަރާތްތަކެވެ. މައްސަލައަކަށް ވެގެން އުޅެނީ އެ ފަރާތްތަކަށް ބޭނުންވާ ވަރަށް ފްލެޓްތައ ނެތުމެވެ. އެހެންކަމުން ދެންކުރަންޖެހޭ ކަމީ އެންމެ ހައްގު މީހުން ދެނެގަތުމެވެ. އޭގެ މާނައަކީ ދެން ތިބި މީހުންނަށް ހައްގު ނުވަނީކީ ނޫނެވެ. އެހެންކަމުން އިންސާފުވެރިކަމާ އެކު މިކަން ކުރުން މުހިންމެވެ. ނުވަތަ އެންމެނަށް ވެސް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރަންޖެހެއެވެ. ފައިނަލް ލިސްޓްތަކެއް އަވަސް އަރުވާލައިގެން އިއުލާންކުރުމަށް ފަހު މައްސަލަ ހައްލުކުރަން އުޅުމަށް ވުރެ ހުރި މައްސަލަތައް ދެނެގަނެ އެކަން ހައްލުކޮށްފައި ލިސްޓްތައް އާންމުކުރުން ބުއްދިވެރިއެވެ. ލިސްޓްތައް ފައިނަލްކުރުމުގެ ކުރިން ޖަވާބުދާރީވާންޖެހޭ އެތައް ސުވާލެއް އެބަހުއްޓެވެ.   

ރިއެކްޝަންސް
0
0
0
0
0
0
0