“އެޅީ ނެގީ” – ކުނި އެޅުމާއި ދެކޮޅަށް ރަސްދޫ ޒުވާނުންގެ މެސެޖެއް!

14 ޑިސެމްބަރ 2020 - 9:54

ކުނި އެޅުމާއި ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ގޮތުން ރަސްދޫގެ ޒުވާނުން އިސްނަގައިގެން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި ރަސްދޫގެ ޒުވާނުންވަނީ ރަސްދޫއާއި އެރަށް ކައިރީގައި އޮންނަ މަޑިވަރާއި މަޑިވަރު ފިނޮޅު ސާފުކޮށްފައެވެ.

އެމްވީ ޕްލަސްއަށް މައުލޫމާތުދެމުން އެޅީ ނެގީ ޓީމްގައި ހަރަކާތްތެރިވި ޒުވާނެއްކަމަށްވާ އަހްމަދު އަމީޒް ވިދާޅުވީ، މި ހަރަކާތުގައި އެންމެ ފުރަތަމަ ސާފުކޮށްފައިވަނީ ރަސްދޫ ކައިރީގައި އޮންނަ މަޑިވަރު އަދި މަޑިވަރު ފިނޮޅު ކަމަށެވެ. ރަސްދޫގެ ޒުވާނުން އިސްނަގައިގެން މިތަން ސާފުކޮށްފައިވަނީ އެތަނަށް ދިޔަ ދަތުރެއްގައި އެތަން ހަޑިވެފަ ހުރިކަން ފާހަގަވުމުންނެވެ. މި ހަރަކާތައް އެ ޒުވާނުން ދީފައިވާ ނަމަކީ “އެޅީ ނެގީ” އެވެ. 50 ވަރަކަށް ޒުވާނުން އެ ދެ ތަން ސާފުކުރިއިރު 2 ޓަނުގެ ކުނި ނެގުންކަން އަމީޒް ފާހަގަކުރިއެވެ.

advertisement

“އިވެންޓުގެ ނަމަކަށް ކިޔަނީ އެޅީ ނެގީ. އިވެންޓް އަހަރެމެން ނިންމާލިއިރު އަހަރެމެންނަށް ވަރަށް ކުޑަ ދެރަށުން 2 ޓަނަށްވުރެ ގިނަ ކުނި ނެގުނު. އެދުވަހު އަހަރެމެންނަށް ވިސްނުނީ މީހުން މިއަށް ހޭލުންތެރި ކުރަންޖެހޭކަން. ގިނަ މީހުންނަށް މިކަން އެވެއަރ ކޮށްދޭން ޖެހޭކަން.” އަމީޒް ވިދާޅުވިއެވެ.

މަޑިވަރު އަދި މަޑިވަރު ފިނޮޅު ސާފުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތައްފަހު ރަސްދޫ ސާފުކުރުމަށްވެސް މިފަދަ ހަރަކާތެއް މިއަށްވުރެ އަދި ބޮޑުކޮށް ގެންދަން އެ ޒުވާނުން ބޭނުންވިއެވެ. ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު މަޑިވަރު އަދި މަޑިވަރު ފިނޮޅު ސާފުކުރުމުގެ ހަރަކާތައްފަހު ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު ރަސްދޫ ސާފުކުރުމުގެ ހަރަކާތެއްވެސް އެޅީ ނެގީ ޓީމުން ވަނީ ކުރިއަށްގެންގޮސްފައެވެ. ރަށުގައި ކުރިއަށްދިޔަ އިވެންޓްގައި ވަރަށް ގިނަ މީހުން ބައިވެރިވިކަމަށް އަމީޒް ބުންޏެވެ. ގާތްގަނޑަކަށް މި ހަރަކާތުގައި ރަސްދޫގެ 200 ވަރަކަށް މީހުން ވަނީ ބައިވެރިވެފައެވެ. މި ޓީމުން ވަނީ ރަސްދޫއިންވެސް ބޮޑު 83 ކޮތަޅުގެ ކުނި ނަގާފައެވެ.

“ރަށުގައި ބޭއްވި އިވެންޓަށް އަހަރެމެން ދިން ނަމަކީ އެޅީ ނެގީ އިވެންޓް 2. މި ހަރަކާތައްވެސް ތައްޔާރުވާތާ ގާތްގަނޑަކަށް މަހެއް ވެދާނެ. އިވެންޓަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ކުނި ނޭޅުމަށް އާންމުން ހޭލުންތެރިކުރުވުމަށް އެވެއަރނެސް ޕޯސްޓަރުތައް މިޖެހީ. ކޮންމެވެސް ވަރަކަށް މާކެޓިން ބޯޑުތަކެއްވެސް ހުންނާނެ. މިކަންކުރަން 1 މަސްތެރޭ ހުރިހައި ޒުވާނުންވެސް ވަރަށް ބޮޑަށް ބައިވެރިވި.” އަމީޒް ބުންޏެވެ.

މި ހަރަކާތައް ރަށުގެ ހުރިހައި ސަރުކާރުގެ މުއައްސަސާތަކާއި، ގެސްޓްހައުސްތަކާއި އާންމު ފަރާތްތަކުގެވެސް އެއްބާރުލުން ލިބުނުކަން އެޅީ ނެގީ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

މި މުޅި ހަރަކާތުން ރަސްދޫގެ ޒުވާނުން ދޭން ބޭނުންވި މެސެޖަކީ އެބަޔަކު އަޅާ ކުނި އެބަޔަކު ނަގާ ތިމާވެށި ސާފުކޮށް ބޭއްވުމަށް އެންމެންވެސް މަސައްކަތް ކުރުމެވެ. ރަސްދޫއަށް އަންނަ ފަތުރުވެރިންވެސް އަދި އެހެން ރަށްރަށުން އެރަށައް އަންނަ މީހުންވެސް އެބަޔަކު އަޅާ ކުނި ނެގުމަށް މި ޓީމުން ވަނީ ގޮވާލާފައެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0