ނިރުބަވެރިކަން ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ: ރައީސް

14 ޑިސެމްބަރ 2020 - 10:20

ނިރުބަވެރިކަން ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅިވީ ނިރުބަވެރިކަމަށް އިޖާބަދިނުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރް.ޕީ)ގެ ދަށުން ހިންގަވާ ފުރަތަމަ ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

advertisement

މި ހަރަކާތް ފައްޓަވައި ދެއްވަމުން ރައީސް ވިދާޅުވީި އެން.ޓީ.އާރް.ޕީ.އަކީ، އެތައް ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއް ކަމަށެވެ. މިއީ ނިރުބަވެރިކަމާއި، ނިރުބަވެރިކަމުގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް މި ޕްލޭންގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ،

މީގެ އިތުރުން ރައީސް ވިދާޅުވީ މި ހަރަކާތަކީ، ނިރުބަވެރިކަމުގެ އަމަލެއް ހިނގާ ހާލަތުގައި އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެ ފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދެނެގަތުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖެ އާއި އިނގިރޭސި ވިލާތަކީ، ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ޚިޔާލާއި ވިސްނުން އެއްގޮތް ދެ ޤައުމު ކަމަށެވެ. އަދި މި ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދު ބޭއްވެވި ހަރަކާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ މެންބަރުންނާއި، އަދި ނެޝަނަލް ސެކިއުރިޓީ ސަރވިސަސްގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ހަރަކާތައްފަހު، އެން.ޓީ.އާރް.ޕީ.ގެ ވަރކިން ސެޝަންތައް މި ކަމުގައި ބައިވެރިވާ އެހެނިހެން އިދާރަތަކާއިއެކު ހިންގޭނެއެވެ. އަދި މި ސެޝަންތަކުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއެއް ބައިވެރިވުމާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0